15 ޖެނުއަރީ 2018 - 11:30

ހދ. ހަނިމާދޫގައި އާދަޔާ ހިލާފަށް ޑެންގީ ހުން ފެތުރެން ފަށައިފި އެވެ.

އެ ރަށު ސިއްހީ މަރުކަޒުން ބުނީ ޑެންގީ ހުން ޖެހިގެން އެ ތަނުގައި ގިނަ ބަޔަކު އެޑްމިޓް ކޮށްފައިވާ އިރު، ހާލު ސީރިއަސްވާ މީހުން އެ އަތޮޅު ކުޅުދުއްފުށީ ހޮސްޕިޓަލަށާއި މާލެ ފޮނުވަމުން އަންނަ ކަމަށެވެ.
ހދ. އަތޮޅުގެ ސިއްހީ މަރުކަޒުތައް ބަލަހައްޓާ އެ އަތޮޅު ހެލްތު ސާވިސް އިން ބުނީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ހަނިމާދޫގައި ޑެންގީ ފެތުރެމުންދާ ކަމަށާއި އެކަމަކު މިހާރު އެ ނިސްބަތް ވަރަށް ބޮޑަށް އިތުުރުވެފައިވާ ކަމަށެވެ. އަދި ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އާއި ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށް އެ ތަނުން ބުންޏެވެ.
"އެ ރަށުގެ ހާލަތު މި ވަގުތު ވަރަށް ސީރިއަސް. ބޮޑަށް ބިދޭސީންނަށް ހުން ޖެހެނީ. އެކަމަކު ހުން ޖެހިގެން ކުޑަކުދިން ވެސް އެޑްމިޓްކޮށްފައި އެބަތިބި،" ހެލްތު ސާވިސްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވޭތުވެ ދިޔަ ތިން ދުވަހު ވެސް ހަ ކުއްޖަކު ވަނީ ޑެންގީ އަށް ޕޮޒިޓިވް ވެފަ އެވެ.
ހަނިމާދޫ ސިއްހީ މަރުކަޒުގައި ހުންނަނީ އަށް އެނދެވެ. އެ ހުރިހާ އެނދެއް ފުރިފައިވާތީ ގިނަ މީހުންނަށް ފަރުވާ ދެނީ ގޭގައި ބައިތިއްބައިގެން ކަން "މިހާރު" އަށް އެނގިފައި ވެ އެވެ.
"އެ ތަނުގައި ނެތް އެހާ ޖާގައެއް. އެހެންވެ، ހާލު ސީރިއަސް ވާން ފެށީމަ އަޅުގަނޑުމެން މާލެ ފޮނުވާލަނީ،" ހެލްތު ސާވިސްގެ އޮފިޝަލް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ހަނިމާދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ވެސް ޑެންގީ ޖެހިގެން ހާލު ސީރިއަސް ވުމުގެ ސަބަބުން މިހާރު ފަރުވާދެމުން އަންނަނީ މާލޭގަ އެވެ.
ހަނިމާދޫގެ ހާލަތު ގޯސްވާން ފެށުމުން ހެލްތު ސާވިސްގެ ޓީމެއް އެ ރަށަށް ގޮސް، މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަން ބަލައި، އެ ތަންތަން ނައްތާލަން ވަނީ އިރުޝާދު ދީފަ އެވެ. އަދި ކައުންސިލާއި ރަށުގެ އާންމުންނާ ވެސް ބައްދަލުކޮށް އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޑެންގީ ހުން މިދުވަސްވަރު ފެތުރިދާނެ ކަމުގެ ބިރު އޮތުމުން އެ ކަމަށް ސަމާލުވާން އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެތަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި ދުރާލައި ފިޔަވަޅުތައް އެޅުމަށާއި މަދިރި މަދު ކުރުމަށް ފަރުދީ ފެންވަރުގައި ވެސް މަސައްކަތްތަކެއް ކުރަން އިލްތިމާސް ކުރާ ކަމަށެވެ.
ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާ އެކު ހުން އައުމާއި ބޮލާއި ލޮލުގައި ރިއްސުން އަދި ހަމުގައި ކުދި ރަތް ބިހި ނެގުން ހިމެނެ އެވެ.