15 ޖެނުއަރީ 2018 - 10:10

ކޮލަމްބޯ (ޖެނުއަރީ 15) - ސްރީ ލަންކާގެ ރިޔާސީ ދައުރުގެ މުއްދަތަކީ ފަސް އަހަރު ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން މި ގޮތަށް ނިންމީ ވެރިކަމުގެ ފަސް އަހަރު ދައުރު ނިމުމުން އިތުރު އެއް އަހަރު، 2021 ވަނަ އަހަރާ ހަމައަށް މަގާމުގައި ހުންނެވިދާނެތޯ ބެލުމަށް ސުޕްރީމް ކޯޓުގެ ލަފައަކަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ހުށަހެޅުއްވުމުންނެވެ. އެހެންކަމުން ރައީސް ސިރިސޭނާގެ ރިޔާސީ ދައުރު ޖެނުއަރީ 8، 2020 ގައި ނިމޭނެ އެވެ.
ރައީސް ސިރިސޭނާ ސުޕްރީމް ކޯޓަށް މިދިޔަ ހޯމަ ދުވަހު ހުށަހެޅުއްވީ ރައީސްކަމުގެ ހުވާ ޖެނުއަރީ 9، 2015 ގައި އޭނާ ކުރެއްވީ 1978 ވަނަ އަހަރުގެ ގާނޫނު އަސާސީގެ ދަށުން ކަމަށާއި އެ ގާނޫނު އަސާސީގައި ވެރިކަމުގެ ދައުރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހަ އަހަރު ކަމަށެވެ. އެހެންވެ ވެރިކަމުގައި ހަ ވަނަ އަހަރަކަށް ހުންނެވިދާނެތޯ ސާފުކޮށް ދެއްވުމުގެ ލަފައަކަށް ސިރިސޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
އެކަމަކު 2015 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށް ފަހު، މެއި 15، 2015 ގައި ވަނީ ވެރިކަމުގެ ދައުރަކީ ފަސް އަހަރު ކަމަށް ގާނޫނު އަސާސީ އަށް 19 ވަނަ އިސްލާހު ގެނެސްފަ އެވެ. ޕާލަމެންޓުގެ 225 މެންބަރުންގެ ތެރޭން 215 މެންބަރުންގެ ތާއީދާ އެކު ފާސްކުރި އިސްލާހު އޭރު ބަލައިގެންފައި ވަނީ ޑިމޮކްރެސީ ހަރުދަނާ ކުރަން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގަ އެވެ.
ސިރިސޭނާގެ އޮފީހުން ބުނީ މި މައްސަލާގައި ގާނޫނީ ބޭފުޅުން ދެ ގޮތަކަށް ވާހަކަ ދައްކާތީ ރައީސަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން ސުޕްރީމް ކޯޓުގެ ލަފައަކަށް ހުށަހެޅީ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފުރަތަމަ އަޑުއެހުމުގައި އެޓާނީ ޖެނެރަލް ޖަޔަންތާ ޖަޔަސޫރިޔާ ވިދާޅުވީ ސިރިސޭނާ އިންތިޚާބު ކާމިޔާބު ކުރެއްވީ ޖެނުއަރީ 8، 2015 ގައި ކަމަށާއި ހަ އަހަރުގެ ދައުރަކަށް ހުވާ ކުރެއްވީ ޖެނުއަރީ 9 ގައި ކަމަށެވެ. ގާނޫނު އަސާސީ އަށް 19 ވަނަ އިސްލާހު ގެނެސް ވެރިކަމުގެ ދައުރު ފަސް އަހަރަށް ކުޑަކުރީ މެއި 15، 2015 ގައި ކަމަށް ވިޔަސް އެ އިސްލާހުގެ ސަބަބުން ސިރިސޭނާގެ ފުރަތަމަ ދައުރުގެ މުއްދަތަށް ބަދަލެއް ނާންނާނެ ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.
ވެރިކަމުގައި އިތުރު އަހަރަކު ހުންނެވުމުގެ ބޭނުމުގައި ސުޕްރީމް ކޯޓުގެ ލަފައަކަށް ސިރިސޭނާ އެދިވަޑައިގެންނެވި އިރު ކޯލީޝަން ޕާޓްނަރު ބޮޑު ވަޒީރު ރަނިލް ވިލްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އާ ދެމެދު ވަނީ ޚިޔާލު ތަފާތުވުންތައް އުފެދިފަ އެވެ.