14 ޖެނުއަރީ 2018 - 23:35

ލިވަޕޫލް (ޖެނުއަރީ 14) - އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އަތުން 4-3 އިން މޮޅުވެ މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ގަދަފަދަ ސިޓީ ބަލިކުރި ފުރަތަމަ ޓީމުގެ ޝަރަފް ލިވަޕޫލް ހޯދައިފި އެވެ.
މި ނަތީޖާއާ އެކު އެންމެ ބޮޑު އުފަލެއް ލިބުނީ، މިރޭ ބޯންމައުތު އަތުން 2-1 އިން ބަލިވެ މާޔޫސްކަމުގައި ތިބި އާސެނަލަށެވެ. އެ ޓީމުން މެޗަކުން ބަލިނުވެ 2004 ވަނަ ޕްރިމިއާ ލީގު ހޯދައިގެން ހެދި ރެކޯޑް ހެދުމުގެ ފުރުސަތު ސިޓީ އަށް ވަނީ މިރޭ ބަލިވުމާ އެކު ގެއްލިފަ އެވެ.
މި ނަތީޖާއާ އެކު އަދިވެސް 62 ޕޮއިންޓާ އެކު ސިޓީ އެއް ވަނައިގައި އޮތް ނަމަވެސް ދެ ވަނައިގައި 47 ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ޔުނައިޓެޑް މާދަމާރޭ ސްޓޯކް ސިޓީ އަތުން މޮޅުވެއްޖެ ނަމަ ސިޓީގެ ލީޑު 12 ޕޮއިންޓަށް ކުޑަވާނެ އެވެ.
އަދި މިރޭގެ މޮޅާ އެކު ލިވަޕޫލް ވަނީ 47 ޕޮއިންޓާ އެކު ތިން ވަނަ އަށް އަރައިފަ އެވެ. ދެ ވަނައިގައި އޮތް ޔުނައިޓެޑާއި ލިވަޕޫލް އަދި ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް ވެސް ލިބިފައިވަނީ 47 ޕޮއިންޓެވެ. އެކަމަކު އެ ފަރަގު ބޮޑުކޮށްލަން ޔުނައިޓެޑަށް މާދަމާރޭ އޮތީ ފުރުސަތު ހުޅުވިފަ އެވެ. މިރޭ ބޯންމައުތު އަތުން ބަލިވި އާސެނަލް އޮތީ 39 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.
ލިވަޕޫލުގެ ދަނޑުގައި ސިޓީ އަށް މޮޅެއް ނުހޯދޭތާ 15 އަހަރުވެފައިވީ ނަމަވެސް ސިޓީ އޮތް ފޯމަށް ބަލާފައި ގިނަ ބަޔަކު ނިންމައިގެން ތިބީ މިރޭ ސިޓީ މޮޅުވާނެ ކަމަށެވެ. ހާއްސަކޮށް ސިޓީގެ ދަނޑުގައި ކުޅުނު މެޗުން 5-0 އިން ސިޓީ މޮޅުވެފައިވާތީ އެވެ.
މުހިއްމު ކުޅުންތެރިޔާ ފިލިއްޕޭ ކުޓީނިއޯ ބާސެލޯނާ އަށް ބަދަލުވުމުގެ ހިތްދަތިކަމުގައި ތިބި ލިވަޕޫލް ސަޕޯޓަރުންނަށް ހިތްހަމަޖެހުމެއް ލިބުނީ ނުވަ ވަނަ މިނެޓުގައި އެލެކްސް އޮކްސްލޭޑް-ޗެމްބަލައިން ލީޑު ނަގައިދިނުމުންނެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ލެރޯއީ ސާނޭ ވަނީ ސިޓީ އަށް ހަމަހަމަކޮށްދީފަ އެވެ.
ދެ ވަނަ ހާފުގައި ފެނުނީ ތަފާތު މަންޒަރެކެވެ. އެހެން ޓީމުތަކަށް ބޭނުންހާ ގޮތެއް ހަދަމުން ދިޔަ ސިޓީގެ ޑިފެންސް ލައިން ލިވަޕޫލުން ރޫޅާލި އެވެ. އެ ޓީމުގެ ވަރުގަދަ އެޓޭކިން ފޯހާ އެކު އެވެ. އެގޮތުން އެ ޓީމަށް އަލުން ކުރި ހޯދައިދިނީ 59 ވަނަ މިނެޓުގައި ބްރެޒިލް ފޯވާޑް ރޮބާޓޯ ފިރްމީނިއޯ އެވެ. އަދި ސިޓީގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރަތްކާޑެއް ހޯދި ސަޑިއޯ މާނޭ ވަނީ ފިރްމީނިއޯ ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ލަނޑު ޖަހައި ލިވަޕޫލުގެ ލީޑު ފުޅާކޮށްދީފަ އެވެ. ލިވަޕޫލުގެ ހަތަރު ވަނަ ލަނޑު ޖެހީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހެވެ.
އެކަމަކު މެޗުގެ ފަހުކޮޅު ސިޓީން ދެ ލަނޑު ޖަހައި ލިވަޕޫލް ހާސްކޮށްލި އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު 84 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ޖަހާފައިވަނިކޮށް ތިން ވަނަ ލަނޑު ޖެހީ އިތުރު ވަގުތުގެ ތެރޭގައި އިލްކޭ ގުންޑޮގާން އެވެ. މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އެއްވަރުކުރަން ސިޓީގެ ސާޖިއޯ އަގުއޭރޯ އަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި އެވެ.