ފާރިސަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަނީ
ފާރިސަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ޝަހްސު އޮޅުވާލުމުގެ ދައުވާ ފާރިސަށް ކުރަނީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ އެވެ. އެ މައްސަލާގެ މާދަމާ ހެނދުނު ބާއްވާ އަޑުއެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަސް ނަގާނެ ކަމަށް ބެލެވޭ ކަމަށް ފާރިސްގެ ވަކީލް މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައިވެ އެވެ.

ފާރިސަށް ކުރާ މި ދައުވާއާ ގުޅޭގޮތުން އޭނާގެ ވަކީލް މައުމޫން ހަމީދު ވިދާޅުވެފައި ވަނީ، ޕީޕީއެމްގެ ދިދަ އާއި ލޯގޯ އަދި އެ ޕާޓީ ތަމްސީލު ކުރުމަށް މުޝްތަޝާރުގެ ހުއްދައެއް ބޭނުން ނުވާނެ ކަމަށާއި ދައުވާ ބިނާކޮށްފައިވަނީ ވެސް ސައްހަ ނޫން ޝަކުވާއެއްގެ މައްޗަށް ފުލުހުން ހިންގާފައިވާ ޖިނާއީ ތަހުގީގަކަށް ކަމަށެވެ. ފާރިސަށް ދައުވާކުރާއިރު، އޭނާ އަށް ވުރެން ބޮޑަށް ޝަހުސް އޮޅުވާލި މެމްބަރުންތަކެއް ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލްކުރައްވަމުން ގެންދަވާ ކަމަށް ވެސް މައުމޫން ހަމީދު ވަނީ ވިދާޅުވެފަ އެވެ.

ޝަހްސު އޮޅުވާލުމުގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ ފާރިސްގެ މައްޗަށް އަންނާނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމާ އެކު މެމްބަރުކަމުގެ ގޮނޑި ނުގެއްލުނަސް، ހުކުމުގެ މުއްދަތުގައި މަޖިލީހަކަށް ހާޒިރެއް ނުވެވޭނެ އެވެ.

ޝަހްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް މާދަމާ ބާއްވާއިރު ރިޝްވަތު ހުށަހެޅުމުގެ ދައުވާއެއް ވެސް ފާރިސްގެ މައްޗަށް ވަނީ އުފުލައިފަ އެވެ. އެ ދައުވާކުރަނީ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގަ އެވެ.