14 ޖެނުއަރީ 2018 - 20:15
"މިހާރު" ޓީމުގެ އުފެއްދުމެއް ކަމަށްވާ "ދޯ" އިން އާ އަހަރާ އެކު އޮރިޖިނަލް ކޮންޓެންޓެއް ގެންނަން ހިފި އަމާޒާ އެކު މިހާތަނަށް ވަނީ އޭގެ ތެރެއިން ބައެއް ސެގްމެންޓުތައް ގެނެސްދޭން ފަށައިފަ އެވެ. އެކަމަކު "ލޯތްބާއެކު" ނަމުގައި ގެނެސްދޭން ނިންމާފައިވާ ސިލްސިލާގެ އަދި ފެނިފައި ވަނީ ހަމައެކަނި ޓީޒާއެކެވެ.
ހަފުތާއަކު އެއް އެޕިސޯޑް ގެނެސްދޭ މި ވީޑިއޯ ސެގްމަންޓް މި ހަފުތާގެ އަންގާރަ ދުވަހު ފަށާނެ އެވެ. އަދި ކޮންމެ އަންގާރަ ދުވަހަކު އެޕިސޯޑެއް ގެނެސްދޭނެ އެވެ. މި ހަފުތާގެ މެހެމާނަކީ ލަވަކިޔުންތެރިޔާ އަދި މޮޑެލް އީމް ނިޒާމް އެވެ.
މިއީ ސޯޝަލް މީޑިއާގެ ހަލަބޮލިކަމާއި ސޯޝަލް މީޑިއާގެ އަރާރުންތަކާއި ކިޔުންތެރިންގެ ރުޅިގަދަ ކޮމެންޓް ސެކްޝަނުން އުފެދިގެން އައި ޚިޔާލެކެވެ. ސޯޝަލް މީޑިއާގައި އެކި މީސްމީހުން ސެލެބްރިޓީންނާ ބެހޭ ގޮތުން ކޮށްފައި ހުންނަ "ރުޅިގަދަވާ" ކަހަލަ ސުވާލުތަކަށް މީގައި ޖަވާބުދޭނެ އެވެ.
ސުވާލުތަކަށާއި ފާޑުކިޔުންތަކަށް ނިކަން ހަމަޖެހިލައިގެން ސެލެބްރިޓީން ރައްދު ދޭ ތަން މީގައި ފެންނާނެ އެވެ. ޖުމުލަ ގޮތެއްގައި ބަލާއިރު މިއީ ސީދާ ކިޔުންތެރިންނާއި އެ މީހުން އެންމެ ރުޅި އަންނަ ސެލެބްރިޓީންގެ ހިތާއި ހިތުގެ ގުޅުމަކުން ގުޅުވާލަދޭނެ އުފެއްދުމަކަށް ވާނެ އެވެ.
ތަންދޮރު ބަލައިނުލާ ޖަޖުކޮށް ޖެއްސުންކޮށްލެވުނު ސެލެބްރިޓީ ދެކެ ފަހަރުގައި ލޯބި ވެސް ވެވިދާނެ އެވެ. މި ސިލްސިލާގެ މައިގަނޑު މަގްސަދަކީ ވެސް އެއީ އެވެ. ނަފްރަތާއި ރުޅިވެރިކަން ނައްތާލައި ލޯތްބާއެކު ކުރިއަށް ދިއުމެވެ.