ކޮންމެ ވަގުތަކު ވެސް ވެރިކަން ދޫކޮށްލަން ތައްޔާރު: ސިރިސޭނާ
ކޮންމެ ވަގުތަކު ވެސް ވެރިކަން ދޫކޮށްލަން ތައްޔާރު: ސިރިސޭނާ

ކޮލަމްބޯ (ޖެނުއަރީ 14) - ވެރިކަމުގައި ތާއަބަދަށް ހުންނެވުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި ކޮންމެ ވަގުތަކު ވެސް ވެރިކަން ދޫކޮށްލަން ތައްޔާރަށް ހުންނެވި ކަމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ދެކުނުގެ މާތަރަ ޕްރޮވިންސްގެ އަކުރެއްސާގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން އެއްވުމެއްގައި ސިރިސޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ލަފައަކަށް އެމަނިކުފާނު ހުށަހެޅުއްވި މައްސަލާގައި އެއްވެސް މީހަކު ކަންބޮޑުވެވަޑައިގަންނަވާނެ ކަމެއް ނެތް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުން ގަބޫލް ކުރައްވާނެ ކަމަށާއި ޑިމޮކްރެސީ އަށް އިހްތިރާމް ކުރުމުގެ ގޮތުން، ވެރިކަމުގެ ޓާމް ނިމުމާ އެކު ކޮންމެ ވަގުތަކު ވެސް ވެރިކަން ދޫކޮށްލައްވަން ތައްޔާރު ކަމަށް ވިދާޅުވި އެވެ.

ސިރިސޭނާ ވިދާޅުވީ ގާނޫނު އަސާސީ އަށް ގެނައި 19 ވަނަ އިސްލާހު ދެގޮތަކަށް މާނަ ކުރެވޭ ކަމަށެވެ. އެ އިސްލާހުގައި ވަނީ ވެރިކަމުގެ ދައުރުގެ މުއްދަތަކީ ފަސް އަހަރު ކަމަށް ކަނޑައަޅައިފަ އެވެ.

"ސުޕްރީމް ކޯޓަށް އަޅުގަނޑު ހުށަހެޅީ ވެރިކަމުގައި ހުރެވޭނެ މުއްދަތު ކަނޑައަޅާކަށް ނޫން. އެކަމަކު 19 ވަނަ ވަނަ އިސްލާހުގެ މާނަ ދެ ގޮތަކަށް ކުރާތީ އެކަން ސާފުކޮށް ދިނުމަށް،" ސިރިސޭނާ ވިދާޅުވި އެވެ.

ސިރިސޭނާ ވިދާޅުވީ އެމަނިކުފާނަކީ އަބަދުވެސް ވެރިކަމުގައި ހުންނަން ބޭނުންވާ މީހެއް ނޫން ކަމަށާއި އެކަމަކު އެމަނިކުފާނުގެ އުފަން ގައުމަކީ ދުނިޔެ އަށް މަޝްހޫރު ތަނަކަށް ހެދުން ކަމަށެވެ. އަދި އެމަނިކުފާނުގެ އަމިއްލަ އެޖެންޑާއެއް ނެތް ކަމަށާއި އެމަނިކުފާނަށް އޮތީ ގައުމުގެ ކުރިމަގަށް އޮތް އެޖެންޑާއެއް ކަމަށެވެ.

ރައީސް ސިރިސޭނާ ސުޕްރީމް ކޯޓަށް ހޯމަ ދުވަހު ހުށަހެޅުއްވީ ރައީސްކަމުގެ ހުވާ ޖެނުއަރީ 9، 2015 ގައި އޭނާ ކުރެއްވީ 1978 ވަނަ އަހަރުގެ ގާނޫނު އަސާސީގެ ދަށުން ކަމަށާއި އެ ގާނޫނު އަސާސީގައި ވެރިކަމުގެ ދައުރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހަ އަހަރު ކަމަށެވެ. އެހެންވެ ވެރިކަމުގައި ހަ ވަނަ އަހަރަކަށް ހުންނެވިދާނެތޯ ސާފުކޮށް ދެއްވުމުގެ ލަފައަކަށް ސިރިސޭނާ ވަނީ އެދިވަޑައިގެންފަ އެވެ.