ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސްއިން ކަނޑައަޅާފައިވާ މެމްބަރުންގެ ކަންބޮޑުވުންތައް ހިއްސާކުރަން ސުޕްރީމް ކޯޓަށް
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސްއިން ކަނޑައަޅާފައިވާ މެމްބަރުންގެ ކަންބޮޑުވުންތައް ހިއްސާކުރަން ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މައްސަލައިގެ ކަންބޮޑުވުންތައް ސުޕްރީމް ކޯޓާ ހިއްސާކުރަން އޭގެ ތެރެއިން ބައެއް މެމްބަރުން މިއަދު ސުޕްރީމް ކޯޓަށް ވަޑައިގެންފި އެވެ.

މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ތެރެއިން ސުޕްރީމް ކޯޓަށް ވަޑައިގަތީ ވިލިނގިލީ ދާއިރާގެ މެމްބަރަކަށް ހުންނެވި ސައުދު ހުސައިނާއި ދިއްދޫ ދާއިރާގެ މެމްބަރަކަށް ހުންނެވި އަބްދުއްލަތީފް މުހައްމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަަކަށް ހުންނެވި އަލީ ޝާހާއި ތިމަރަފުށީ ދާއިރާގެ މެމްބަރަކަށް ހުންނެވި މުހައްމަދު މުސްތަފާ އާއި ތުލުސްދޫ ދާއިރާގެ މެމްބަރަކަށް ހުންނެވި މުހައްމަދު ވަހީދު އިބްރާހިމެވެ.

ސުޕްރީމް ކޯޓަށް މިއަދު މެންދުރު ވަޑައިގަތުމަށް ފަހު ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ އެ ބޭފުޅުންގެ ސުޕްރީމް ކޯޓަށް ވަޑައިގަތީ ބައެއްް މެމްބަރުންގެ ގޮނޑީގެ މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވުމާއި އެ ބޭފުޅުންގެ ކަންބޮޑުވުންތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ހިއްސާ ކުރަން ބޭނުންވާތީ ކަމަށެވެ. ސުޕްރީމް ކޯޓުން މިއަދު ޖަވާބު ދިނީ ފަނޑިޔާރުންނާ ބައްދަލު ކުރަން އެޕޮއިންޓްމެންޓް ހަމަޖެއްސުމުގައި އޮންނަ އުސޫލު ފުރިހަމަ ކުރުމަށް ފަހު ޖަވާބު ދޭނެ ކަމަށް ކަމަށް ސައުދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ޖަވާބު ދެއްވީ ސުޕްރީމް ކޯޓުން ގުޅާނެ ކަމަށް އެޕޮއިންޓްމެންޓް ހަމަޖެހުނުހާ އަވަހަކަށް. އެހެންވީމަ އެ ފޯން ކޯލްގެ އިންތިޒާރުގައި އަޅުގަނޑުމެން މިތިބީ. އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރަމުންދާނެ ކަމަށް ދެންނެވި،" ސައުދު ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ ފަނޑިޔާރުންނާ ބައްދަލު ކުރަން ބޭނުންވަނީ މެމްބަރުންގެ ގޮނޑި ގެއްލުނުކަމާ މެދު އަދިވެސް އޮތީ ސުވާލު އުފެދިފައި ކަމަށްވާތީ އާއި އެކަމާ މެދު ކޮންމެވެސް ގޮތެއް ނިންމަން ޖެހޭ ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ. މެމްބަރުން މަސައްކަތް ކުރައްވަނީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގު ހިމާޔަތް ކުރަން ހިއްސާ ކުރަންޖެހޭ ކަންތައްތަކެއް ހުރުމުން އެކަމަށްޓަކައި ކަމަށް ޝާހު ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ އެ ބޭފުޅުން ކުރިއަށްދާނެ ގޮތަކާ މެދު ގިނަ ރައްޔިތުން ސުވާލު ކުރަމުންދާ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން ދޭ ޖަވާބަކަށް ފަހު ކަމަށް މުސްތަފާ ވިދާޅުވި އެވެ.