"ޝޯލޭ"ގެ ނިމުން ވަނީ މަޖުބޫރުން ބަދަލުކޮށްފައި: ޑައިރެކްޓަރު
"ޝޯލޭ"ގެ ނިމުން ވަނީ މަޖުބޫރުން ބަދަލުކޮށްފައި: ޑައިރެކްޓަރު

އިންޑިއާގެ ސެންސަރު ބޯޑުން ފިލްމުތަކުގެ ބައެއް މަންޒަރުތައް ބަދަލުކުރަން އެންގުމަކީ މިހާރު އަލަށް ކުރާ ކަމެއް ނޫނެވެ. އިންޑިއާގައި މިހާތަނަށް އުފެއްދި އެންމެ ރީތި އަދި އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ޝޯލޭ" އަށް ވެސް ސެންސަރު ބޯޑުން ނުފޫޒު ފޯރުވައި ފިލްމުގެ ނިމުން ބަދަލުކުރަން މަޖުބޫރު ކޮށްފައިވާ ކަމަށް ދާދިފަހުން ފިލްމުގެ ޑައިރެކްޓަރު ރަމޭޝް ސިއްޕީ ވަނީ ހާމަކޮށްފަ އެވެ.

އަމީތާބު ބައްޗަން އާއި ދަރުމެންދުރަ ބަތަލުގެ ބައި ކުޅެފައިވާ މި ފިލްމުގައި އެ ދެ ތަރިން ކުޅުނު ޖެއި އަދި ވީރޫގެ ރޯލަކީ މިހާރު ވެސް ގިނަ ބަޔެއްގެ ހަނދާނުގައި ހަރުލާފައިވާ ކެރެކްޓާތަކެކެވެ.

މިދިޔަ 100 އަހަރު ތެރޭގައި އިންޑިއާގައި އުފެއްދި އެންމެ ރީތި ފިލްމުގެ މަގާމު 2011 ވަނަ އަހަރު "ޝޯލޭ" އަށް ވަނީ ލިބިފަ އެވެ.

ފިލްމުގެ ނިމޭ މަންޒަރު ޑައިރެކްޓަރު ޝޫޓް ކޮށްފައިވަނީ ޓާކޫރް (ސަންޖީވް ކުމާރު)ގެ އަތުން ގައްބަރް (އަމްޖަދު ޚާން) މަރުވާ ގޮތަށެވެ. ނަމަވެސް މި ނިންމުމާ ސެންސަރު ބޯޑުން ހިތްހަމަނުޖެހިގެން ބަދަލުކުރަން އެންގުމުން ފިލްމުގައި ފެންނަނީ ބަދަލުކޮށްފައިވާ ގޮތަށެވެ.

އަހަރެމެންނަށް ފިލްމުން ފެންނަނީ ޓާކޫރު ގައްބަރް މަރާލުމުގެ ކުރިން ފުލުހުން އެތަނަށް އަންނަ ތަނެވެ. އަދި ފުލުހުންނާ ގައްބަރް ހަވާލުކުރާ ތަނެވެ.

"އަހަރެން ޝޯލޭގެ ނިމޭ މަންޒަރުތައް ނެގީ އެހެން ގޮތަކަށް. އެ މަންޒަރުތަކުން ފެންނާނީ ޓާކޫރް ހަމަލަދީ ގައްބަރް މަރާލާތަން. ނަމަވެސް ސެންސަރު ބޯޑުން އެގޮތަކަށް ހުއްދައެއް ނުދިން. ޓާކޫރް ފައިން ތަޅައި ގައްބަރް މަރާލާތީ ސެންސަރު ބޯޑުގައި ތިބި މީހުން ހިތްހަމައެއް ނުޖެހުނު،" ރަމޭޝް ބުންޏެވެ.

އޭނާ ބުނީ އެނޫން ގޮތަކަށް ޓާކޫރަށް ގައްބަރް މަރާލެވޭނެ ގޮތެއް ނުވިސްނުނު ކަމަށެވެ.

"އޭނާގެ ދެ އަތް ނެތީމަ ބަޑި ޖަހާނީ ކިހިނެއް. ފިލްމުގައި އަނިޔާވެރި މަންޒަރުތައް ގިނައޭ ކިޔާފަ ވެސް ސެންސަރު ބޯޑުން މައްސަލަ ޖެއްސި. އެމީހުން އެންމެ ފަހުން ބުނި ނިމޭ ގޮތް ބަދަލުކުރާށޭ ޖެހޭނީ. އެ މަންޒަރު ބަދަލުކުރީ އަހަރެން ހިތްހަމަޖެހިގެނެއް ނޫން މަޖްބޫރުވެގެން،" މިހާރު 70 އަހަރު ވެފައިވާ ޑައިރެކްޓަރު ރަމޭޝް އިންޑިއަން އެކްސްޕްރެސް އަށް ބުންޏެވެ.

"ޝޯލޭ" ރިލީޒްކޮށްފައި ވަނީ އޯގަސްޓް 15، 1975 ގައެވެ.