ބިން ލާދިން ގްރޫޕް ސަރުކާރަށް ނަގަން އުޅޭ ވާހަކަ ދޮގުކޮށްފި
ބިން ލާދިން ގްރޫޕް ސަރުކާރަށް ނަގަން އުޅޭ ވާހަކަ ދޮގުކޮށްފި

ރިޔާޒް (ޖެނުއަރީ 14) - ސައުދީ އަރަބިއާގެ ކޮންސްޓްރަކްޝަން ކުންފުނި ބިން ލާދިން ގްރޫޕް ސަރުކާރަށް ނަގަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި މީގެ ދެ މަހެއްހާ ދުވަސްކުރިން ހައްޔަރުކުރި ސައުދީގެ ބައެއް ބިލިއަނަރުންނާއި ޕްރިންސްގެ ތެރޭގައި ބިން ލާދިން ގްރޫޕުގެ ޗެއާމަން ވެސް ހިމެނެ އެވެ. އެހެންވެ އެ ކުންފުނި ސަރުކާރަށް ނަގަން އުޅޭ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ބިން ލާދިން ގްރޫޕުން ބުނީ ޗެއާމަން ހައްޔަރު ކުރި ނަމަވެސް ކުންފުނި ސަރުކާރަށް ނަގަން ނޫޅޭ ކަމަށާއި ނަމަވެސް ބައެއް ހިއްސާ ސަރުކާރަށް ދޫކޮށްލަފާނެ ކަމަށެވެ.

ބިން ލާދިން ގްރޫޕަށް ދިމާވި މާލީ މައްސަލަތަކާ ގުޅިގެން ވަނީ އެތައް ހާސް މުވައްޒަފުންނެއް މިދިޔަ ދެ އަހަރެއްހާ ދުވަހު ވަކިކޮށްފަ އެވެ. އެކަމަކު ބިން ލާދިން ގްރޫޕުން ބުނީ ކުންފުނި ދެމި އޮންނާނީ ޕްރައިވެޓް ޝެއާހޯލްޑިން ކުންފުންޏެއް ގޮތުގައި ކަމަށާއި ކުންފުނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ބައެއް މީޑިއާތަކުން މިދިޔަ ހަފުތާގައި ބުނި ގޮތުގައި ބިން ލާދިން ގްރޫޕުގެ ޗެއާމަން ބަކްރު ބިން ލާދިން ބަންދުގައި ހުރުމާ އެކު ކުންފުނި ސައުދީ ސަރުކާރަށް ނަގަން ނިންމާފައިވާ ކަމަށެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ފަރާތްތަކުގެ މުދަލުން ބައެއް ނުވަތަ ފައިސާގެ ބޮޑު ބައެއް ސަރުކާރަށް ދިނުމުން މިނިވަން ކުރުމާ ބެހޭ ގޮތުން ދަނީ މަޝްވަރާކުރަމުންނެވެ. ސައުދީ ސަރުކާރުން އުއްމީދުކޮށްފައި ވަނީ ބަންދުގައި ތިބި މީހުންގެ އަތުން 100 ބިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. ސަރުކާރަށް ފައިސާ ދެއްކި ބައެއް މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. ހައްޔަރު ކުރި މީހުން ތިބީ ރިޔާޒުގެ ރިޒް ކާލްޓަން ހޮޓަލުގަ އެވެ.

ސައުދީގައި 1931 ވަނަ އަހަރު އުފެއްދި ބިން ލާދިން ގްރޫޕަކީ އެ ގައުމުގެ އެންމެ ވަރުގަދަ އެއް ކުންފުންޏެވެ. އެކަމަކު އަލް ގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިންގެ އާއިލާ އަށް ނިސްބަތްވާ ކުންފުންޏަށް ވޭތުވެދިޔަ އަހަރުތަކުގައި ވަނީ ތަފާތު މައްސަލަތައް ދިމާވެފަ އެވެ. ތެލުގެ އަގު ދަށްވުމުން ސައުދީ ސަރުކާރުގެ ބައެއް ޕޭމަންޓްތައް ލަސްވުމުން ބިން ލާދިން ގްރޫޕުން 2016 ވަނަ އަހަރު ވަނީ 77،000 ބިދޭސީން ވަޒީފާ އިން ވަކިކޮށްފަ އެވެ.

މީގެ އިތުރުން ހަރަމްފުޅު ބޮޑު ކުރުމުގެ މަސައްކަތް ކުރަނިކޮށް 2015 ވަނަ އަހަރު ކްރޭނެއް ވެއްޓި 107 މީހުން މަރުވި ހާދިސާއާ ގުޅިގެން ވެސް އެ ކުންފުންޏަށް ތަފާތު މައްސަލަތައް ދިމާވި އެވެ. އެ ހާދިސާ އަށް ފަހު ސައުދީ ސަރުކާރުގެ ބައެއް ޕްރޮޖެކްޓްތައް ބިން ލާދިން ގްރޫޕުން ނެގި އެވެ. ނަމަވެސް ސައުދީ ކޯޓަކުން އޮކްޓޯބަރު މަހު ނިންމާފައި ވަނީ ކްރޭން ވެއްޓުމުގައި ބިން ލާދިން ގްރޫޕުގެ އިހުމާލެއް ނެތް ކަމަށެވެ. ހަރަމްފުޅު ބޮޑު ކުރުމުގެ މަލްޓި- ބިލިއަން ޑޮލަރުގެ މަޝްރޫއު ބިން ލާދިން ގްރޫޕުން ކުރިއަށް ގެންދާތާ އަހަރުތަކެއް ވެއްޖެ އެވެ.

ބިން ލާދިން ގްރޫޕުން ބުނީ ސައުދީ ސަރުކާރާ އެކު ކޮންޓްރެކްޓް ހަދާފައިވާ މަޝްރޫއުތައް ކުރިއަށް ދާނެ ކަމަށެވެ. މީގެ ތެރޭގައި މައްކާ އާއި މަދީނާގެ ހަރަމްފުޅު ބޮޑު ކުރުމުގެ މަސައްކަތް ހިމެނެ އެވެ. އަދި ބިން ލާދިން ގްރޫޕަކީ ފައިދާވާ ކުންފުންޏަކަށް އަލުން ހެދުމަށް ރީސްޓްރަކްޗާ ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.