އެންމެންގެ ފޭވަރިޓް ފްރޭންކް ބޮޑީ ސްކްރަބްގެ އަސްލު
އެންމެންގެ ފޭވަރިޓް ފްރޭންކް ބޮޑީ ސްކްރަބްގެ އަސްލު

ފްރޭންކް ބޮޑީ ސްކްރަބް އަންހެންކުދިންގެ މެދުގައި މިހާރު ވަރަށް މަގުބޫލެވެ. މަޑު މުށި ކަރުދާސް ޕެކެޓެއްގައި އާދައިގެ ގޮތަކަށް ޕެކެޖު ކޮށްފައިވާ މި ސްކްރަބްގައި ހަންގަނޑަށް ރަނގަޅު މާއްދާތަކެއް އެކުލެވިގެންވެ އެވެ. މިއީ ކޮފީ ގްރައިންޑުގެ އިތުރުން ފޮނި ޒައިތޫނި ތެޔޮ، ލޮނު، ބްރައުން ޝުގާ އަދި ވިޓަމިން އީ ފަދަ ހަމައެކަނި ގުދުރަތީ ބާވަތްތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބިއުޓީ ޕްރޮޑަކްޓެކެވެ.

އެންމެންގެ ފޭވަރިޓް ފްރޭންކް ބޮޑީ ސްކްރަބްގެ އަސްލު
އެންމެންގެ ފޭވަރިޓް ފްރޭންކް ބޮޑީ ސްކްރަބްގެ އަސްލު

ފްރޭންކްގެ އިސްތިހާރުތަކުގައި ބޭނުންކޮށްފައިވާ މަޖާ ލިޔުންތަކުގެ ސަބަބުން ވެސް މި ޕްރޮޑަކްޓު ތަފާތުވެފައި ކޮންމެ މީހަކު ވެސް މި ޕްރޮޑަކްޓް ބޭނުންކޮށްލާ ހިތްވެ އެވެ. ނަމަވެސް، ފްރޭންކަކީ ކާކުހެއްޔެވެ؟ އެއީ އަސްލު މީހެއް ހެއްޔެވެ؟ ފްރޭންކާ ބެހޭ ފަސް ކަމެއް ހިއްސާކޮށްލާނަމެވެ.

ފްރޭންކް އުފެއްދި މީހުންގެ ތެރެއިން އެއްވެސް މީހަކަށް ފްރޭންކެއް ނުކިޔަ އެވެ. އެމީހުން ބުނާގޮތުގައި މިއީ ހަމައެކަނި ޕްރޮޑަކްޓަށް ދީފައިވާ ނަމެކެވެ. ޕްރޮޑަކްޓު ޕްރޮމޯޓުކޮށް އިސްތިހާރު ކުރަން ފްރޭންކަކީ މަޖާ މިޒާޖެއްގެ ފިރިހެނެއް ގޮތަށް ސިފަކޮށްދެނީ އެވެ.

ފްރޭންކް ޕްރޮޑަކްޓުތަކުގެ ފަހަތުގައި ވަނީ ހަތަރު މީހެކެވެ. ސްޓީވް ރައުލީ، ބްރީ ޖޮންސަން، އެރިކާ ގަރާޓްސް އަދި ޖެސް ހަޓްޒިސް އެވެ.

އޮސްޓްރޭލިއާގައި ސްޓީވް ރައުލީ ހިންގަމުންދިޔަ ކޮފީ ޝޮޕަށް ދާ ކަސްޓަމަރުން އެތަނުން ބާކީވާ ކޮފީ ގްރައިންޑުތަކަށް ވަރަށް ގިނައިން ގެންދެ އެވެ. އެއީ އެކްސްފޯލިއަންޓެއް ގޮތަށް ބޭނުންކުރާށެވެ. ސްޓީވް އާއި ބްރީ މިކަމާ ބެހޭގޮތުން ދިރާސާކުރުމަށް ފަހު އެނގުނީ ކޮފީ ސްކްރަބެއް ބާޒާރުގައި ނެތްކަމެވެ. އެއަށްފަހު އަމިއްލަ އަތުން ފްރޭންކް ކޮފީ ސްކްރަބް އުފައްދާ ވިއްކަން ފެށި އެވެ.

ސޯޝަލް މިޑިއާ އާއި މަޝްހޫރު ބްލޮގާޒްއާ ގުޅިގެން އެކި ގޮތްގޮތަށް މާކެޓްކޮށް އިސްތިހާރު ކުރުމުގެ ސަބަބުން ފްރޭންކް ކޮފީ ސްކްރަބަކީ މުޅި ދުނިޔޭގައި ވެސް މަގުބޫލު ބިއުޓީ ބްރޭންޑަކަށް ވެއްޖެ އެވެ. ކޮންމެ 40 ސިކުންތެއްގެ ތެރޭގައި ޔުނިޓެއްގެ ފްރޭންކް ކޮފީ ސްކްރަބް ވިކޭ ކަމަށް ބުނެ އެވެ.

ފްރޭންކްގެ ސްކްރަބް މާކެޓްކޮށް އިސްތިހާރުކުރަން ބޭނުންކުރި މައިގަނޑު ވަސީލަތަކީ އިންސްޓަގްރާމެވެ. "ދަ ފްރޭންކް އިފެކްޓް" ގެ ނަމުން ހޭޝްޓެގެއް ޕްރޮމޯޓުކޮށް އިންސްޓަގްރާމްގެ މަޝްހޫރު ބްލޮގަރުންގެ އެހީއާ އެކު ފްރޭންކް އާއްމުންގެ ތެރޭގައި މަގުބޫލުވި އެވެ. ފްރޭންކްގެ އިންސްޓަގްރާމް އެކައުންޓު ލޯންޗު ކުރިތާ 12 މަސް ތެރޭ 350،000 ފޮލޯކުރި އެވެ. އަދި 25،000 މީހުން "ދަ ފްރޭންކް އިފެކްޓް" ހޭޝްޓެގް ބޭނުން ކޮށްފައިވެ އެވެ.