15 ޖެނުއަރީ 2018 - 06:13

ސަލްމާން ޚާންގެ "ޓައިގާ ޒިންދާ ހޭ" އަށް މުޅި ދުނިޔޭގެ ހުރިހާ ހިސާބަކުން ލިބުނު ފައިސާގެ އަދަދު އެއްކޮށްލުމުން މިހާތަނަށް މި ފިލްމަށް ފަސް ބިލިއަން ރުޕީސް ލިބިފައިވެ އެވެ. އިންޑިއާ އިން އެކަނިވެސް 3.3 ބިލިއަން ވަރު ފިލްމަށް ވަނީ ލިބިފަ އެވެ. އެއާ އެކު ފިލްމުގެ ތިން ވަނަ ބައެއް، ހީކުރި ވަރަށް ވުރެ ވެސް މާ އަވަހަށް އުފައްދާނެކަމުގެ ޔަގީންކަން ސަލްމާން ވަނީ ދީފަ އެވެ.
އަލީ އައްބާސް ޒަފަރް ޑައިރެކްޓްކޮށް ކެޓުރީނާ ކައިފް ބަތަލާގެ ރޯލު ކުޅެފައިވާ "ޓައިގާ ޒިންދާ ހޭ" ގެ ތިން ވަނަ ބަޔާ ބެހޭ ގޮތުން ސަލްމާން ބުނީ މި ފިލްމަކީ ކެޓުރީނާގެ ކެރިއަރުގައި ވެސް ތިން ބިލިއަން ލިބުނު ފުރަތަމަ ފިލްމު ކަމަށެވެ. އެހެންވެ ކެޓުރީނާ މިހާރު ކުޅެމުންދާ "ތަގްސް އޮފް ހިންދުސްތާން" ނިންމާލަން ވާއިރަށް އޭނާއަށް ވެސް "ރޭސް 3"ގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށާއި އެހިސާބުން ތިން ވަނަ ފިލްމު ފަށަން ގަސްތުކުރާ ކަމަށް ވެސް ސަލްމާން ބުންޏެވެ.
ޑައިރެކްޓަރު އަލީ އައްބާސް ޒަފަރް ވެސް ކުރިން ވަނީ މި ފިލްމުގެ ސީކުއަލްއެއް ނުވަތަ ޕްރިކުއެލް އެއް އުފައްދަން ޝައުގުވެރިވާ ކަމަށް ބުނެފަ އެވެ.
އަލީ ބުނި ގޮތުގައި މިފަހަރުގެ ފިލްމަށް ލިބެމުން އަންނަ ތަރުހީބުން ފިލްމުގެ ޕްރޮޑިއުސަރު އަދިތުޔާ ޗޯޕްރާ ވެސް ހުރީ ވަރަށް އުފާވެފަ އެވެ. އެހެންވެ އަވަހަށް މީގެ އެހެން ފިލްމެއް ފެށުމަކީ މިވަގުތު އެމީހުން ވިސްނަމުން އަންނަ ކަމެކެވެ.