ދަރިން ސްކޫލަށް ފޮނުވަން އަމިއްލައަށް މަގެއް ހަދައިފި
ދަރިން ސްކޫލަށް ފޮނުވަން އަމިއްލައަށް މަގެއް ހަދައިފި

ދަރިން ސްކޫލަށް ދާން ފަސޭހަކޮށްދޭން އިންޑިއާ މީހަކު އެކަނިމާއެކަނި ފަރުބަދަތަކުގެ ތެރެއިން އަށް ކިލޯ މީޓަރުގެ މަގެއް ހަދައިފި އެވެ. އޮޑީޝާގެ މީހެއް ކަމަށްވާ ޖަލަންދަރު ނާޔަކް މިކަން ކާމިޔާބު ކުރުމަށް މިދިޔަ ދެ އަހަރު ކޮންމެ ދުވަހަކު އަށް ގަޑިއިރު މަސައްކަތް ކޮށްފައިވެ އެވެ.

"މައުންޓަން މޭން"ގެ ނަމުގައި މިހާރު މަޝްހޫރު ވެފައިވާ ނާޔަކަށް މިކަމުގައި އެހީތެރިވެފައި ވަނީ އެ ސަރަހައްދުގެ ބްލޮކް ޑިވެލޮޕްމަންޓް އޮފިސަރު އެސް ކޭ ޖެނާ އެވެ. އޭނާ ބުނި ގޮތުގައި ނާޔަކް ދިރިއުޅޭ ހިސާބަކީ މީހުން އުޅޭ ސަރަހައްދާ ދުރުގައި ފަރުބަދަމަތީގައި އޮންނަ ޖަންގަލި ތެރޭން ލާފައި ދެވޭ ހިސާބެކެވެ.

އެ ހިސާބުގަނޑު ދޫކޮށް މީހުން އުޅޭ ހިސާބަށް އައުމަށް ނާޔަކަށް ވަރަށް ނަސޭހަތް ދިން ކަމަށާއި އޭނާ އެ ގޮތް ގަބޫލު ނުކުރީ ކަމަށް ޖެނާ ބުންޏެވެ.

ތަރުކާރީ ވިއްކައިގެން އާމްދަނީ ހޯދާ ނާޔަކް ބުނި ގޮތުގައި އޭނާއަކީ ތައުލީމު ހާސިލުކުރުމުގެ ނަސީބު ލިބިފައިވާ މީހެއް ނޫނެވެ. ނަމަވެސް އޭނާގެ ދަރިންނަށް އެގޮތް ވާކަށް އޭނާ ބޭނުމެއް ނޫނެވެ. އަދި ކުދިން ކިޔަވަން ދާން ޖަންގަލި ތެރޭން ކުދިން ވަރަށް ހާލުގައި ދަތުރުކުރާތަން ބަލަން އޭނާއަކަށް ކުޅަދާނައެއް ނޫނެވެ. އެހެންވެ ޖަންގަލި ސާފުކޮށްގެން މަގެއް ހަދަން އޭނާ ގަސްތުކުރީ އެވެ.

މިހާތަނަށް އޭނާ އަށް ކިލޯ މީޓަރުގެ މަގު ސާފުކޮށްފައިވާއިރު ކުރިއަށް އޮތް ތިން އަހަރު ތެރޭ އިތުރު ސަރަހައްދުތައް ސާފުކުރަން އޭނާ ވަނީ ގަސްތުކޮށްފަ އެވެ.

ނާޔަކް ދިރިއުޅޭ ހިސާބުގައި މިހާރު ދިރިއުޅެނީ އޭނާގެ އާއިލާ އެކަންޏެވެ. ފަރުބަދަ މަތީގައިވާ މި ހިސާބުގައިވާ ޖަންގަލި ތެރޭން ލާފައި އަވަށްތަކަށް ދަތުރުކުރަން ހުރި ދަތިތަކުގެ ސަބަބުން އެހިސާބުގައި ދިރިއުޅުނު އެހެން މީހުން ވަނީ ކައިރި އަވަށްތަކަށް ބަދަލުވެފަ އެވެ.

ނާޔަކް ހެދި މަގުން ލާފައި މިހާރު ވަރަށް ފަސޭހައިން ސްކޫލަށް ދަތުރު ކުރެވޭނެ އެވެ. ސަބަބަކީ އޭނަގެ ގެއިން ފެށިގެން މައި މަގާ ހަމައަށް ޖަންގަލި ސާފުކޮށް އޭނާ މަގު ހަދާފައި ވާތީ އެވެ.