15 ޖެނުއަރީ 2018 - 06:12

ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކޮށްފައިވާ "ޕަދްމާވަތު" މިހާރު ވަނީ އިންޑިއާގެ ސެންސަރު ބޯޑުން ބޭނުންވި ބަދަލުތަކާ އެކު ފާސްކޮށްފަ އެވެ. އަދި މި މަހު 25 ގައި ފިލްމު ރިލީޒްކުރާނެކަން ވަނީ އިއުލާން ކޮށްފަ އެވެ.
ފިލްމު ނެރޭ ދުވަސް ގާތްވާ ވަރަކަށް ފިލްމާ ދެކޮޅުހަދާ މީހުންގެ އަޑު ދަނީ ގަދަވަމުންނެވެ. އެގޮތުން އިންޑިޔާގެ ޗިއްތޯރުގަރްގެ ޝައްތުރިއްޔާ ކޮމިއުނިޓީގެ އަންހެން މެމްބަރުންތަކެއް ވަނީ ފިލްމު ރިލީޒްކޮށްފި ނަމަ އަމިއްލައަށް ގައިގައި ރޯކޮށްލައިގެން މަރުވާނެ ކަމަށް ބުނެ އިންޒާރުދީފަ އެވެ. މިއީ ފިލްމުގައި ދުޝްމަނުންގެ އަތުނުވާންވެގެން ދީޕިކާގެ ކެރެކްޓާ ކަންތައް ކުރާ ގޮތެވެ.
މި އިންޒާރުދީފައި ވަނީ މި ކޮމިއުނިޓީއަށް ނިސްބަތްވާ 500 މީހަކު ބައްދަލުކުރުމަށް ފަހުގަ އެވެ. މީގެ ތެރެއިން 100 އަންހެނުންނަކީ މަތީ ޚާންދާންތަކަށް ނިސްބަތްވާ ބައެކެވެ.
ފިލްމާ ދެކޮޅުހަދާ މީހުން ބުނަނީ ފިލްމުގައި ދައްކާ ރާނީ އެ ފިލްމުގައި ސިފަކޮށްފައި ވަނީ ވިޔާނުދާ މީހެއްގެ ގޮތުގައި ކަމަށާއި އެއީ ހިންދޫންނަށް ކުޑައިމީސްކުރުން ކަމަށެވެ. މިއީ އިންޑިއާގައި އުޅުނު ރާނީއެއް ކަމަށް ހިންދޫން ގަބޫލުކުރި ނަމަވެސް މިއީ ހިޔާލީ ވާހަކައެއް ކަމަށް ތާރީހީ އިލްމުވެރިން ބުނެ އެވެ.
އިންޑިއާގެ ނޫސް އެޖެންސީއަކާ ވާހަކަ ދައްކަމުން ރާޖްޕޫތު ކަރްނީ ސޭނާގެ ތަރުޖަމާނު ވިރެންދުރަ ސިންގް ބުނި ގޮތުގައި މި މަހުގެ 17 އިން ފެށިގެން އެމީހުން މުޒާހަރާތައް ވަރުގަދަކޮށް ޗިއްތޯރްގަރަށް ދާން އޮންނަ ހައިވޭތަކާއި ރޭލު ދަގަނޑުތައް ވެސް ބަންދުކުރާނެ ކަމަށެވެ. އަދި އެ މީހުންގެ މަސައްކަތުން ފިލްމު ރިލީޒްކުރުން ނުހުއްޓުވިއްޖެ ނަމަ 24 ވަނަ ދުވަހު އޮންނަނީ އަމިއްލައަށް މަރުވާނެ ކަމަށް ވަނީ އިންޒާރު ދީފަ އެވެ.
އެމީހުން ގަބޫލުކުރަނީ ފިލްމުގައި ދައްކާ ރާނީ ވެސް މަރުވީ ގައިގައި ރޯކޮށްލައިގެން ކަމަށާއި އެ މީހުން ވެސް އެކަން ކުރާނީ ރާނީ އެކަން ކުރި ތަނުގައި ކަމަށެވެ.
"ޕަދްމާވަތު" މިހާރު ވެސް ވަނީ އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ދެއްކުން މަނާ ކޮށްފަ އެވެ. ނަމަވެސް ފިލްމާ ދެކޮޅު ހަދާ މީހުން ބޭނުންވަނީ އިންޑިއާގެ ހުރިހާ ހިސާބެއްގައި ފިލްމު މަނާ ކުރުމަށެވެ.