18 ޖެނުއަރީ 2018 - 06:01

"ބިގް ބޮސް"ގެ 11 ވަނަ ސީޒަން މި މަހުގެ 14 ވަނަ ދުވަހު ނިންމާލި އިރު މިއީ ސަލްމާން ޚާން ހުށަހަޅައިދޭ މި ޝޯގެ އެންމެ ކާމިޔާބު ސީޒަނަށް ވަނީ ވެފަ އެވެ.
މި ޝޯ ފަށާފައިވަނީ 18 ބައިވެރިންނާ އެކުގަ އެވެ. އެއީ އާންމުންގެ ތެރެއިން 12 މީހަކާއި އަށް ސެލެބްރިޓީންނެވެ. މިފަހަރު ބިގް ބޮސްގެ ގޭގައި ތިބި މީހުންނަކީ އެހެން ހުރިހާ ސީޒަނެއްގައި އެ ގޭގައި ތިބި މީހުންނަށް ވުރެ މާބޮޑަށް މުނިފޫހިފިލުވައިދިން ބަޔަކަށް ވަނީ ވެފަ އެވެ. މިފަހަރުގެ ސީޒަނަށް ގިނަ ބަޔެއްގެ ޝައުގުވެރިކަން ލިބުނީ މި ސަބަބާ ހެދި އެވެ.
މިދިޔަ އަހަރު ދެއްކި 10 ވަނަ ސީޒަނަށް ވުރެ މިފަަހަރުގެ ޝޯގެ ޓެލެވިޒަން ރޭޓިން ޕޮއިންޓްސް (ޓީއާރުޕީ) 50 ޕަސެންޓް މަތިވެފައިވެ އެވެ.
މި ޝޯ މަޖާވަނީ ޝޯގެ ބައިވެރިން ޒުވާބުކުރުން އިތުރުވުމުން ކަމަށް ވާާއިރު ޝޯ ފެށުނު ފުރަތަމަ ދުވަހު މިކަން އޮތީ ފެށިފަ އެވެ. ބިގް ބޮސްގެ ގޭގައި ބައިވެރިން ހޭދަކުރި 104 ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކީ ވެސް ކޮންމެވެސް އެއްބަޔަކު އަރާރުންވަމުން ދިޔަ ދުވަހެކެވެ. ނަމަވެސް ކުރީ ސީޒަން ގޮތަށް މި އަރާރުން މާބޮޑަށް ހުތުރުވެ މައިންބަފައިންނަށް ހުތުރު އެއްޗެތި ގޮވާތަނެއް ނުފެނުނެވެ. މިއީ ވެސް ބެލުންތެރިންނަށް މިފަހަރުގެ ސީޒަން ރަނގަޅުވި ސަބަބެކެވެ.
މިފަހަރު ބިގް ބޮސްގެ ގޭގައި ތިބި ބައިވެރިންނަށް ހަވާލުކުރި ޓާސްކްތައް ވެސް ކްރިއޭޓިވް ވެފައި ޝައުގުވެރިވެ އެވެ. ހުރިހާ ޓާސްކެއް ވެސް ވަރަށް ވާދަވެރި ރޫހެއްގައި ކުރިޔަށް ގެންގޮސްފައި ވެ އެވެ. ޚާއްސަކޮށް ބިގް ބޮސްގެ ކޯޓް ޓާސްކް ފާހަގަކޮށްލެވެ އެވެ. މި ޓާސްކްގައި ހިތެން ތެޖްވާނީ އާއި އަރްޝީ ޚާންގެ ފޭކް ވަރީގެ ވާހަކަތައް ވަރަށް މަޖަލެވެ.
މިފަހަރުގެ ޝޯ އަށް ބައިވެރިން ނަގާފައިވާ ގޮތް ވެސް ކުރީ ފަހަރުތަކަށް ވުރެ ރަނގަޅެވެ. އާންމުންގެ ތެރެއިން ވެސް ނަގާފައި ތިބީ ކޮންމެވެސް ވަރަކަށް މީހުން ދަންނަ މޫނުތަކެވެ. މިސާލަކަށް ޔޫޓިއުބަށް ވީޑިއޯ ލައިގެން މީހުންގެ ބޮލަށް އުނދަގޫ ކުރުވާ ދިންޗަކް ޕޫޖާ ފަދަ މީހުންނެވެ.
"ބިގް ބޮސް 11" ވެފައިވަނީ ޓީވީ ތަރިން ކަމަށްވާ ހިތެން ތޭޖްވާނީ އާއި ޝިލްޕާ ޝިންޑޭ އަށް ލިބުނު ދެ ވަނަ ފުރުސަތަކަށެވެ. ޓީވީގައި އެމީހުންނަށް ކުޅެން ލިބޭ ރޯލުތައް މަދުވެ ތަރި އޮއްސެމުން ދަނިކޮށް ލިބުނު ރަނުގެ މި ފުރުސަތުގެ ސަބަބުން އެމީހުންންގެ މަގުބޫލުކަން މިހާރު ވަނީ ކުރިޔަށް ވުރެ މާ ބޮޑަށް އިތުރުވެފަ އެވެ. ޝޯ ކާމިޔާބު ކުރި ޝިލްޕާ ގަބޫލުކުރާ ގޮތުގައި މި ޝޯގެ ސަބަބުން އޭނާއަށް ވަނީ މުޅިން އާ ހަޔާތެއް ލިބިފަ އެވެ.
މި ނޫންވެސް ގިނަ ސަބަބުތަކާ ހުރެ މިފަހަރުގެ ބިގް ބޮސް އަކީ މިދިޔަ 11 އަހަރު ތެރޭގައި ދެއްކި އެންމެ ޝައުގުވެރިވާ އަދި އެންމެ ގިނަ ބަޔަކު ބެލި ސީޒަނެވެ.