14 ޖެނުއަރީ 2018 - 12:20

ލިވަޕޫލް (ޖެނުއަރީ 14) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗުން ލިވަޕޫލް ބަލިކުރުން ހުރިހާ ގޮތަކުން ވެސް މުހިއްމުވެފައިވާ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ސިޓީ ލީގުގެ އެއް ވަނައިގައި އޮތީ 15 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެ ޓީމަށް 22 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، މިރޭގެ މެޗުން މޮޅުވެގެން ލީޑު 18 ޕޮއިންޓަށް ބޮޑު ކުރުމުގެ ފުރުސަތު އެބައޮތެވެ. އެހެން ނަމަވެސް ލިވަޕޫލް ދަނޑުގައި ސިޓީ އަށް އެންމެ ފަހުން މޮޅުވެވުނީ މީގެ 15 އަހަރު ކުރިންނެވެ.
"އަހަރެމެން ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ކުރިއަށްގެންދިއުމަށް ވުރެ ލިވަޕޫލް ބަލިކުރުން ހުރިހާ ގޮތަކުން ވެސް މުހިއްމު. އެއީ ޗެމްޕިއަންކަން ހޯދަން ބޭނުންނަމަ މި ކަހަލަ މެޗުތަކުން އެބަޖެހޭ މޮޅުވާން. މިއީ އެންމެ މުހިއްމު މެޗުތައް،" ގާޑިއޯލާ ބުންޏެވެ.
މި ސީޒަނުގައި ސިޓީ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް ވަނީ 5-0 އިން ބަލިވެފަ އެވެ. އެ މެޗުގައި ލިވަޕޫލަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ފުރަތަމަ ހާފުގައި ސަޑިއޯ މާނޭ އަށް ރަތް ކާޑު ދެއްކުމުން މެޗުގެ ބޮޑު ބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމެވެ. މިއީ ޔާގެން ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލް އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ. އެހެން ނަމަވެސް ލިވަޕޫލް އެންމެ ފަހުން ކުޅުނު 16 މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް ބަލިވެފައިނުވެ އެވެ.
"ކްލޮޕް އަކީ ކައުންޓަ އެޓޭކު ފުޓްބޯޅައިގެ މާސްޓަރެއް. ތިނެއް ނޫނީ ހަތަރު ޕާސް ޖަހާލައިގެން ލަނޑު ޖަހާލެވޭ ގޮތަށް ކުޅޭނެ ކްލޮޕްގެ ޓީމުތަކުން. އަހަރެމެން ވަރަށް ވިސްނަން ޖެހޭނެ. ލިވަޕޫލް މިހާރު އެ ކުޅެނީ 80 ގެ އަހަރުތަކުގައި އެ ކްލަބުން ޔޫރަޕާއި ދުނިޔޭގެ ފުޓްބޯޅަ ޑޮމިނޭޓް ކުރިއިރު ދައްކަމުން ދިޔަ ކަހަލަ އެޓޭކިން ފުޓްބޯޅައެއް. އަހަރެން އެކަމަށް މަރުހަބާ ކިޔަން،" ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ ސީޒަނުގެ ކުރިއަށް ހުރި ބޮޑެތި މެޗުތަކަށް ހިތްވަރެއް ހޯދުމަށް މިރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކުން މުހިއްމު ކަމަށެވެ.
"ސީޒަނުގެ ކުރިއަށް އެބަހުރި ބޮޑެތި މެޗުތައް. މިސާލަކަށް ޗެމްޕިއަންސް ލީގުގައި ހުރި މެޗުތައް. އެ ކަހަލަ މެޗުތަކަށް ދިއުމަށް ލިބޭނެ ހިތްވަރަކަށް ވާނެ ލިވަޕޫލް ދަނޑުގައި ނަތީޖާއެއް ނެރެވިއްޖެނަމަ،" ގާޑިއޯލާ ބުންޏެވެ.
ސިޓީ އަށް އަދިވެސް ލީގު ޗެމްޕިއަންކަން ޔަގީންނުވާ ކަމަށާއި އެކަން ހާސިލްކުރަން ކުރަން ޖެހޭ މަސައްކަތް ގިނަ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. ލީގުގެ ހަތަރު ވަަނައިގައި އޮތް ލިވަޕޫލާއި ސިޓީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:00 ގަ އެވެ.