ކުދިން ނުވެގެން ޔުނިވަސިޓީގެ 50 ކޯހެއް ހުއްޓާލައިފި
ކުދިން ނުވެގެން ޔުނިވަސިޓީގެ 50 ކޯހެއް ހުއްޓާލައިފި

ގައުމީ ޔުނިވަސިޓީން މި އަހަރު ހިންގަން އިއުލާން ކުރި 50 ކޯހެއް އެކަށީގެންވާ ވަރަށް ދަރިވަރުން ނުލިބުމުގެ ސަބަބުން، ކުރިއަށް ނުގެންދަން ނިންމައިފި އެވެ.

ކުދިން ނުވެގެން ޔުނިވަސިޓީގެ 50 ކޯހެއް ހުއްޓާލައިފި
ކުދިން ނުވެގެން ޔުނިވަސިޓީގެ 50 ކޯހެއް ހުއްޓާލައިފި

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މާލެ އާއި ރަށްރަށުގައި ހުންނަ އެ ޔުނިވަސިޓީގެ ކެމްޕަސްތަކުގައި ހިނގަން މި އަހަރު 118 ކޯހެއް އިއުލާނުކުރި އެވެ. އެކަމަކު އޭގެ ތެރެއިން ގިނަ ކޯސްތައް، ކުރިއަށް ގެންދެވޭ ވަރަށް ކުދިން ކުރިމައްޗެއް ނުލަ އެވެ.

ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގެ މުއްދަތުގައި އެކަށީގެންވާ ވަރަށް ކުދިން ކުރިމަތި ނުލާތީ، މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ބައެއް ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ވަނީ އިތުރުކޮށްފަ އެވެ.

ޔުނިވަސިޓީން އާއްމުކޮށް ކޯސްތައް ކުރިއަށް ގެންދަނީ 25 ދަރިވަރުން ހަމަވުމުންނެވެ. އެކަމަކު ގިނަ ކޯސްތަކަށް ކުރިމަތިލާފައި ވަނީ 5-10 ކުދިންނެވެ. އަދި ކުދިން ހަމަ ނުވިޔަސް ބައެއް ކޯސްތައް ކުރިއަށް ގެންދަން އެތަނުން ވަނީ ނިންމައިފަ އެވެ.

ޔުނިވަސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ކުރިއަށް ގެންދަން އިއުލާނުކޮށްފައިވާ 12 ކޯހުގެ ތެރެއިން އެކަށީގެންވާ ވަރަށް ކުދިން ކުރިމަތިލާފައިވަނީ ހަމައެކަނި ބެޗުލާ އޮފް ސައިކޮލޮޖީ ކޯހަށެވެ. އެކަމަކު އަދި ކުދިން ލިބިއްޖެ ނަމަ މާލޭގައި ހިންގާ ދިވެހި ބަހުގެ ޑިގުރީ ކޯހާއި ލައިބްރަރީ އެންޑް އިންފޮމޭޝަންގެ އެޑްވާންސްޑް ސެޓްފިކެޓް ކޯސް ކުރިއަށް ގެންދެވިދާނެ ކަމަށް ބަލައި، އިތުރު ދަރިވަރުން ހޯދުމަށް ވަނީ އިއުލާންކޮށްފަ އެވެ.

މި އަހަރު އެ ފެކަލްޓީން ކުރިއަށް ނުގެންދާ ކޯސްތަކުގެ ތެރޭގައި ނޫސްވެރިކަމުގެ ޑިޕްލޮމާ އަދި ޑިގްރީ ކޯސް ވެސް ހިމެނެ އެވެ.

ފެކަލްޓީ އޮފް އެޑިއުކޭޝަނުން ރަށްރަށުގައި ކުރިއަށް ގެންދާ ގިނަ ކޯސްތަކަށް މި އަހަރު ކުދިން ހަމައެއް ނުވެ އެވެ. އޭގެ ތެރޭގައި އެކި މާއްދާތަކުގެ ޕްރައިމަރީ އަދި ސެކަންޑަރީ ޓީޗިންގެ ޑިގްރީ ކޯސްތައް ހިމެނެ އެވެ. މާސްޓާސް އޮފް އެޑިއުކޭޝަންގެ ބައެއް ކޯސްތައް ވެސް މި އަހަރު އެތަނުގައި ކުުރިއަކަށް ނުގެންދެ އެވެ.

ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް އިން ރަށްރަށުގައި ކުރިއަށް ގެންދާ ގިނަ ކޯސްތައް ކުރިއަށް ނުގެންދާއިރު މާލޭގައި ހިންގާ އިމާމް އަދި ޚަތީބު ކަމުގެ ޑިޕްލޮމާ ކޯހާއި އިސްލާމިކް ސްޓަޑީޒްގެ ޑިގްރީ ކޯސް ކުރިއަށް ގެންދެ އެވެ.

ރަށްރަށުގައި އާއި މާލޭގައި ހިންގާ ނަރުސް ކަމުގެ ހުރިހާ ކޯހަކާއި ފައުންޑޭޝަން ލެވެލްގެ ގިނަ ކޯސްތަކެއް މިއަހަރު އެތަނުގައި ކުރިއަށް ގެންދެ އެވެ.

މިކަމާ ގުޅޭގޮތުން ޔުނިވަސިޓީގެ ބަހެއް ހޯދާލުމަށް އެތަނަށް ގުޅާލުމުން ފޯނު ނުނަގާތީ ޖަވާބެއް ނުލިބުނެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ކޯސްތަކަށް ކުރިމަތިލި ދަރިވަރުންގެ އަދަދު މަދުވީ، އެކަށީގެންވާ ވަރަށް އެ ކޯސްތައް އިޝްތިހާރުކޮށް މާކެޓް ނުކުރާތީ އެވެ.

ރާއްޖޭގައި މިހާރު މަތީ ތައުލީމުދޭ ކޮލެޖްތަކާއި ގިނަ ސެންޓަރުތައް ހުރެ އެވެ. އަދި އިސްލާމިކް ޔުނިވަސިޓީން ވެސް ގިނަ ކޯސްތަކެއް ކުރިއަށް ގެންދާއިރު ގިނަ ދަރިވަރުންގެ ސަމާލުކަން އެ ކޯސްތަކަށް އަންނަނީ ލިބެމުންނެވެ.