12 ޖުލައި 2016 - 10:37

ސަލްސާ ވީއޭއެމް ކަޕް ވޮލީބޯޅަ މުބާރާތުގައި އިއްޔެ ޕޮލިސް ކްލަބް އަތުން 3-1 ސެޓުން ދިވެހި ސިފައިންގެ ކްލަބް މޮޅުވެއްޖެ އެވެ.
ފުރަތަމަ މެޗުން ސްޕޯޓްސް ކްލަބް ވިޝަން އަތުން މޮޅުވި ސިފައިން އިއްޔެ ޕޮލިސް އަތުން ސެޓުތައް ގެންދިޔައީ 25-19، 25-21، 22-25 އަދި 25-16 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ކެޕްޓަން އަހުމަދު ނަސީރެވެ.
މިދިޔަ އަހަރުގެ ގައުމީ ޗެމްޕިއަން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބުން ވަނީ ރޭ ސްޕޯޓްސް ކްލަބް ވިޝަން އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. ސެޓުތައް ގެންދިޔައީ 25-13، 25-15 އަދި 25-11 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.
އިއްޔެގެ ތިން ވަނަ މެޗުގައި ސްޕޯޓްސް ކްލަބް ސިޓީ ވަނީ ކިހާވަށް ވޯރިއާސް އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. ސެޓުތައް ގެންދިޔައީ 25-21، 25-22 އަދި 25-19 އިންނެވެ. މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސިޓީގެ އަހުމަދު އަރީޝެވެ.
ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު ސިފައިންނާއި މޯލްޑިވިއަން ވަނީ ދެ މެޗުން ވެސް މޮޅުވެފަ އެވެ. ޕޮލިހާއި ސިޓީ އެއް މެޗުން މޮޅުވި އިރު ވިޝަން އާއި ކިހާވަށް ވަނީ ދެ މެޗުން ވެސް ބަލިވެފަ އެވެ.
ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު ސެމީ ފައިނަލަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. ސެމީގައި އެއް ވަނަ ޓީމާއި ދެ ވަނަ ޓީމު ކުޅެ މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭއިރު އެ މެޗުން ބަލިވާ ޓީމަކަށް ޖެހޭނީ ތިން ވަނަ ޓީމާއި ހަތަރު ވަނަ ޓީމު ކުޅޭ ސެމީން މޮޅުވާ ޓީމަކާ އެކު ތިން ވަނަ ސެމީގައި ކުޅޭށެވެ. މި މަހުގެ 20 ވަނަ ދުވަހުގެރޭ ކުޅޭ ފައިނަލުގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.
މުބާރާތުގެ އަންހެން ޑިވިޝަން ފަށާނީ މާދަމާ އެވެ. ވާދަކުރަނީ މޯލްޑިވިއަނާއި ޕޮލިހާއި ސްޕޯޓްސް ކްލަބް ހޯކްސް އާއި ކްލަބް ތުރީ ސްޓާ އަދި އައިލެންޑް އޯޝަން ކްލަބެވެ. ލީގު އުސޫލުން ކުޅެ އެއް ވަނަ ހޯދާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭއިރު ފަހު ޖާގަ ލިބޭނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލެއް ކުޅެ މޮޅުވާ ޓީމަކަށެވެ. ފައިނަލް ކުޅޭނީ މި މަހުގެ 24 ގަ އެވެ.