14 ޖެނުއަރީ 2018 - 10:00

މެޑްރިޑް (ޖެނުއަރީ 14) – ވިޔަރެއާލް އަތުން އަމިއްލަ ދަނޑުގައި 1-0 އިން ބަލިވެ ރެއާލް މެޑްރިޑަށް ސްޕެނިޝް ލީގުގައި އިތުރު މައްސަލަތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މެޑްރިޑް 32 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތްއިރު އެއް ވަނައިގައި އޮތް ބާސެލޯނާ މިރޭ ރެއާލް ސޮސިއެޑާޑް އަތުން މޮޅުވެއްޖެ ނަމަ ދެ ޓީމުގެ ފަރަގު 19 ޕޮއިންޓަށް ބޮޑުވާނެ އެވެ. ބާސެލޯނާ މިވަގުތު އެއް ވަނައިގައި އޮތީ 48 ޕޮއިންޓާ އެކު އެވެ.
އަނެއްކޮޅުން ރޭ ވާދަވެެރި އެތުލެޓިކޯ މެޑްރިޑް ވަނީ އެއިބާ އަތުން 1-0 މޮޅުވެފަ އެވެ. އެ ޓީމު ދެ ވަނައިގައި 42 ޕޮއިންޓާ އެކު އޮތްއިރު ރެއާލް މެޑްރިޑާ ދެމެދު 10 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
ރޭ ރެއާލް މެޑްރިޑުން ގިނަ ފުރުސަތުތަކެއް ހޯދި އެވެ. ހާއްސަކޮށް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. މި މެޗުގައި ވިޔަރެއާލުގެ ހަމައެކަނި ލަނޑު 87 ވަނަ މިނެޓުގައި ޖެހީ ޕަބްލޯ ފޯނަލްސް އެވެ. މިއީ މެޑްރިޑުގެ ސްޓޭޑިއަމުގައި ވިޔަރެއާލް މޮޅުވި ފުރަތަމަ ފަހަރެވެ.
މި ނަތީޖާއާ އެކު ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާނަށް ޕްރެޝަރު ބޮޑުވާނެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޒިދާނަށް ލިބޭނެ ފަހު ފުރުސަތަކީ ޗެމްޕިއަންސް ލީގުގެ ދެ ވަަނަ ބުރުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ ދެ މެޗެވެ. މެޑްރިޑުގައި އަބަދު ނުހުރެވޭނެ ކަމަށާއި ކުޅުންތެރިޔެއްގެ ގޮތުގައި ހޯދި ކާމިޔާބީގެ ހިމާޔަތެއް ކޯޗިންގައި ނުލިބޭނެ ކަމަށް ޒިދާން ވަނީ ދާދި ފަހުން ބުނެފަ އެވެ.