12 ޖުލައި 2016 - 11:32

ލިޔޯން، ފްރާންސް (ޖުލައި 12) - ޔުވެންޓަސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާގެ މުސްތަގުބަލާ ގޮތެއް ނިންމަން އަވަސް އަރުވާލައިގެން ނޫޅޭ ކަމަށް އޭނާގެ އެޖެންޓް މިނޯ ރިއޯލާ ބުނެފި އެވެ.
ޕޮގްބާ ހޯދަން ގިނަ ކްލަބްތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑް ހިމެނެ އެވެ.
"ގިނަ ކްލަބްތަކުން ޕޮގްބާ އަށް ޝައުގުވެރިވޭ. އެކަމު ގޮތެއް ނިންމަން އަވަސް އަރުވާލައިގެން ނޫޅެން. ޔުވެންޓަސް އިން ވެސް ޕޮގްބާ ދޫކޮށްލަން ބޭނުމެއް ނުވޭ،" ރިއޯލާ ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުގައި ޕޮގްބާ ހޯދުމުގެ ރޭހުގައި އެންމެ ކުރީގައި އުޅެނީ ޔުނައިޓެޑެވެ. ރެއާލް މެޑްރިޑުން ޕޮގްބާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ވަނީ ހުއްޓާލައިފަ އެވެ. ރިއޯލާ ބުނީ ޔުނައިޓެޑާ އެކު ވެސް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
ރިއޯލާ އަކީ މި ފަހަރު ޓްރާންސްފާގައި ޔުނައިޓެޑަށް ސޮއިކުރި ޒަލަޓާން އިބްރަހިމޮވިޗާއި ހެންރިކް މިކިތާރްޔަންގެ ވެސް އެޖެންޓެވެ. ރިޕޯޓްތައް ބުނާގޮތުގައި ޕޮގްބާ ގެނައުމަށް ރިއޯލާއާ އެކު ޔުނައިޓެޑުން މިހާރުވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ.
އުމުރުން 23 އަހަރުގެ ޕޮގްބާ ވަނީ 2012 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވުމުގެ ކުރިން ޔުނައިޓެޑަށް ކުޅެފަ އެވެ. ޔުވެންޓަސްއާ އެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުމުގައި ބާކީ ތިން އަހަރު އެބައޮތެވެ.