ޗައިނާ ސްމާޓްފޯނުތަކަކީ ޖާސޫސްކުރާ އުޅަނދުތަކެއް ކަމަށް އެމެރިކާ ގަބޫލުކުރޭ
ޗައިނާ ސްމާޓްފޯނުތަކަކީ ޖާސޫސްކުރާ އުޅަނދުތަކެއް ކަމަށް އެމެރިކާ ގަބޫލުކުރޭ

ޗައިނާ ސްމާޓްފޯނުތަކަށް އެމެރިކާ މާކެޓް ފަހިނުވެދާނެ ކަމަށް ބެލެވެ އެވެ. އޭޓިއެންޓީ އަދި ވެރައިޒަން މެދުވެރިކޮށް ވިޔަފާރި ތަނަވަސްކުރުމަށް ވާވޭ ކުރި މަސައްކަތްތައް ވަނީ ފުލުންގޮސްފަ އެވެ.

ވާވޭ ޓެކްނޮލޮޖީޒް އަދި ޒެޑްޓީއީ ކޯޕޮރޭޝަންއިން އުފައްދާ މުވާސަލާތީ އާލާތްތައް އެމެރިކާގައި ވިއްކުން އަދި ބޭނުންކުރުން ވަކި ހައްދެއްގެ ތެރޭގައި ދެމެހެއްޓުމަށްޓަކައި ގާނޫނެއް ހަދަން އުޅޭ ކަމަށް ވެސް ވާހަކަދެކެވެ އެވެ. އަނެއްކޮޅުން ވަންޕްލަސް އަށް ވެސް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވެ އެވެ.

ވަންޕްލަސް ފޯނުތައް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު އެއްކުރާ ކަމަށް ދުވަސްކޮޅެއް ކުރިން ވަނީ ތުހުމަތުކުރެވިފަ އެވެ. އެކަން ކުރާ ކަމަށް ވަންޕްލަސްއިން ފަހުން އެއްބަސް ވެސް ވި އެވެ. އެހެނަސް މާފަކަށް ނޭދެ އެވެ.

ވަންޕްލަސް 3ޓީ ބޭނުންކުރާ މީހުންނަށް ނުރައްކާވެދާނެ ކަމެއް ދާދި މިދާކަށް ދުވަހު ވެސް ވަންޕްލަސްއިން ވަނީ ކޮށްފަ އެވެ. އެންޑްރޮއިޑް 8 "އޯރިއޯ" ޓެސްޓްކުރުމުގެ ގޮތުން އެ ފޯނުތަކަށް އަޑްޑޭޓް ފޮނުވަމުން ދިއައިރު، ފޯނުގެ "ކްލިޕްބޯޑް"ގައި ބެހެއްޓުމަށް ކޮޕީކުރާ ޑޭޓާތައް، އަލީބާބާ އީކޮމާސް ސާވާތަކަށް ފޮނުވާ މައްސަލަ ވަނީ ފަޅާއަރާފަ އެވެ.

ވަންޕްލަސް 3ޓީގެ ކްލިޕްބޯޑް ޑޭޓާ ޗައިނާގެ އީކޮމާސް ސާވާތަކަށް ފޮނުވާ މައްސަލަ ހޫނުވާން ފެށުމުން، ވަންޕްލަސްއިން ބުނީ އެއީ އޯރިއޯ އަށް ފެންވަރު މަތިކުރަން ކުރި މަސައްކަތްތަކުގެ ތެރެއިން ހިނގި އެކްސިޑެއްޓެއް ކަމަށެވެ. އަދި އެކަން މެދުވެރިވެފައި ވަނީ ހަމައެކަނި ވަންޕްލަސް 3ޓީ ފޯނުތަކަށް ކަމަށެވެ.
ވަންޕްލަސްއިން ބުނީ އެއީ ޗައިނާގައި ބޭނުންކުރާ ވަންޕްލަސްގެ ފޯނުތަކަށް ޚާއްސަ "ހައިޑްރިޖަންއޯއެސް"ގެ ފީޗާއެއް ކަމަށެވެ. ދުނިޔޭގެ އެހެން މާކެޓްތަކަށް ނެރޭ ފޯނުތައް ހިންގާ "އޮކްސިޖަންއޯއެސް"ގައި އެ ފަދަ ފީޗާއް ހިމަނާފައި ނުވާނެ ކަމަށެވެ.

ވަންޕްލަސްގެ ވާހަކަތައް އެހެން ހުރި ނަމަވެސް، ޗައިނާ ސްމާޓްފޯނުތަކަކީ އެމެރިކާ ދެކޭ ގޮތުގައި ގައުމީ ނުރައްކަލެކެވެ. ޗައިނާ ސްމާޓްފޯނުތައް އަދި މުވާސަލާތީ އާލާތްތަކަކީ އެމެރިކާއިން ޖާސޫސްކުރުމަށް ބޭނުންކުރެވޭ އުޅަނދުތަކެކެވެ. އެހެންކަމުން ސަރުކާރު އަދި ސަރުކާރު ހިއްސާވެގެން ހިންގާ އެއްވެސް ކުންފުންޏަކުން ވާވޭ އަދި ޒެޑްޓީއީން އެހީތެރިކަން ނުހޯދުމަށް ވަނީ ގޮވާލާފަ އެވެ. އެހެންކަމުން ޗައިނާ ސްމާޓްފޯން ކުންފުނިތައް ވިސްނައިގެން ހަރަކާތްތެރިވުމަށް ވަފާތެރިން ނަސޭހަތްތެރިވެ އެވެ.