ފަސް ކޫރުން
ފަސް ކޫރުން

ބުދަ ދުވަހާ ގުޅޭ

ރޯދަމަހުގެ ރޭތަކުގެ ތެރެއިން ރެޔެކެވެ. ރޯދަވީއްލުން އޮތީ ހާމަފެންޑާގައެވެ. ބައެއް މީސްމީހުންގެ ރައްޓެހިންނަށް ދަޢުވަތު ދިނެވެ. އަހަރެން ދަޢުވަތު ދިނީ ޖަމީލަށެވެ. ވަރަށް ގިނަ ސާމާނު ތައްޔާރުކުރިއެވެ. އެންމެން ހަމަވިއިރު ވެސް ޖަމީލެއް ނާދެއެވެ. ގުޅާނެ ވަގުތެއް އަހަންނަކަށް ނުލިބުނެވެ. ތަށިތައް އަތުރައި ނިމުނީ ކިރިޔާއެވެ. ބަންގި ގޮވިއެވެ. އެކި މީހުން އެކި މޭޒުގައި އިށީންނަން ފެށިއެވެ. ޖަމީލަށް ގުޅަންވެގެން އަހަރެން ފޯނު ނެގިތަނާ އޭނަ އައެވެ. އަހަރެންނާއި ޖަމީލު އިށީނީ އެއް މޭޒުދޮށުގައެވެ. އެ މޭޒަކަށް އެހެން މީހަކު ނާދެއެވެ. އަހަރުމެންނަށް އުނދަގޫވެދާނެހެން ހީވާތީކަމަށް ވެސް ވެދާނެއެވެ. ގޮނޑީގައި އިށީނީއްސުރެ ސިނގެރޭޓު ވަހުން އަހަރެން ސަލާމަތެއް ނުވިއެވެ. ވަސް އަންނަހެން ހީވަނީ ޖަމީލުގެ ގައިންނެވެ. އެކަމަކު އޭނަ ސިނގެރޭޓު ބޮނިކޮށެއް އަހަރެން ދުވަހަކު ވެސް ނުދެކެމެވެ. ޖަމީލު ގައިން އެ ވަސް ދުވާކަން ކުރިން ފާހަގަވެފައެއް ވެސް ނެތެވެ.

"ކޮން ވަހެއްތަ އެ ދުވަނީ؟" އަހަރެން އެންމެ ފަހުން އެހީމެވެ.

ދޭނެ ޖަވާބެއް ނޭނގިފައި ޖަމީލު އިންދައި އަހަރެން އޭނަގެ ގަމީހުން ވަސްބަލައިލީމެވެ. އެ ހިސާބުން އަހަންނަށް ކަށަވަރުވިއެވެ.

"ސިނގެރޭޓު ބޮންތަ؟" އަހަރެން ސުވާލުކުރީމެވެ.

އަހަރެން ވާހަކަދެއްކީ އެހެން މީހުންނަށް އަޑުއިވޭ ވަރަށް ވުރެ މަޑުންނެވެ. އެހެންނޫނަސް، ކާން ފެށި ވަގުތުވީމައި ތަށި ފިޔަވައި އެހެން އެއްޗެއް އެކަކަށް ވެސް ނުފެނެއެވެ.

"ކުޑަކޮށް،" ޖަމީލު ބުންޏެވެ. "ރައްޓެހިންނާ އެކީގަ އުޅޭއިރު ވަރަށް މަދުމަދުން ބޮން. މައްސަލައެއްތަ އެއީ؟ ހަނާ ބޭނުމިއްޔާ ހުއްޓާލަފާނަން."

"އުހުނ!" އަހަރެން ބުނީމެވެ. "އަހަންނަކަށް މައްސަލައެއް ނެތް ބުޔަކަސް. އަހަރެން ހީކުރީ ނުބޯކަމަށް. އެކަމަކު ޓަސްލާފަ ގަމީހުން ވަސްދުވަން ފެށީމަ ހަމަ އަހާލީ."

ޙަޤީޤަތުގައި ސިނގެރޭޓު ވަހަކީ އަހަރެން ގަޔާވާ ވަހެއް ނޫނެވެ. އެ ކަން ވެސް ޤުރުބާން ކުރީއެވެ. ކަމަކަށް ނުހެދީއެވެ. ރަނގަޅު ވާނީ އެ ގޮތް ކަމުގައި ހީކުރީމެވެ. އޭގެ ފަހުން ޖަމީލު ގެޔަށް އަންނައިރު ހީވަނީ ސިނގެރޭޓު ފޮށްޓެއް ކައިގެން އަންނަހެންނެވެ. ދެން ވެސް އަޅައެއްނުލަމެވެ. އެ ކަމަށް ހޭނޭނީއޭ ހިތަށްއެރިއެވެ. އަހަރެން ބެލީ ވީހާ ވެސް މައްސަލަ ނުޖައްސައި އުޅެވޭތޯއެވެ.

އަހަރެން ގުޅާ ބައެއް ގަޑިތަކުގައި ޖަމީލު ފޯނު ނުނަގަން ފެށިއެވެ. އެއީ، މާޒީގައި އަހަރެން ތަޖުރިބާ ކޮށްފައިވާ ކަމެކެވެ. ހިތަށްއެރިއެވެ. އަނެއްކާ ވެސް އެ ކަން ތަކުރާރު ވަނީބާއެވެ؟ ހަމްޒާއާއި ޖަމީލުގެ ތަފާތަކީ ޖަމީލު ފަހުން ގުޅާކަމެވެ. އަހަރެން ގުޅި ގަޑީގައި ފޯނު ނުނެގުނީތީ މާފަށް ވެސް އެދެއެވެ. އެކަމަކު ގުޅަނީ ވަރަށް ލަހުންނެވެ. ހެނދުނު އަހަރެން ގުޅީމައި ފޯނު ނުނަގައިފައި ޖަމީލު ރޭގަނޑު ނުވަތަ ބައެއް ފަހަރު ދަންވަރު ވެސް ގުޅާފާނެއެވެ. އޭގެ ފަހަތުގައި ސިއްރެއް ނެތްބާއެވެ؟ އަމިއްލަ ހިތާ އަހަރެން ސުވާލު ކުރަމެވެ. ހިތުގެ އިމުން ބޭރަކަށް އެ ސުވާލެއް ނުނެރެމެވެ. ޝައްކުބަލީގެ މީހަކަށް އަހަރެން ނުވާން ވެގެންނެވެ.

"ގުޅާ ގަޑިއަކު އަހަންނަކަށް ފޯނެއް ނުނެގޭ ދޯ؟" ޖަމީލު އެއްފަހަރަކު ބުންޏެވެ. "އަސްލު އަހަންނަކީ ވަރަށް ބިޒީކޮށް އުޅޭ މީހެއް. އަހަރެންގެ އޮންނާނެ ޝެޑިއުލެއް. އެ ޝެޑިއުލް ތެރޭގަ ހަނާ ވެސް އުޅެން ޖެހޭނީ. އަހަރެން ބިޒީވާ ގަޑިތަކުގަ ގުޅައިފިއްޔާ ސޮރީއޭ ބުނަން ޖެހޭނީ. އެ ގަޑީގަ ގުޅަން ވެއްޖެއްޔާ އަހަރެން ގުޅާނަން. އިމަޖެންސީ ވެއްޖެއްޔާ މެސެޖެއް ކޮށްލާފަ ބާއްވާ. އަހަރެން ފަހުން ގުޅާނަން. އެ ގޮތް އޯކޭއެއްނު."

އަހަރެން ޝަކުވާއެއް ނުކުރަމެވެ. ޖަމީލު ބުނި ގޮތަށް އެއްބަސްވީމެވެ. އެކަމަކު ހިތަށްއެރިއެވެ. ޖަމީލު އަވަދިނެތިއުޅެން ޖެހެނީ ކީއްވެގެން ހެއްޔެވެ؟ އެ ގަޑީގައި އޭނަ ކުރާ މަސައްކަތަކީ ކޮބައި ހެއްޔެވެ؟

އަހަރެންގެ ކޮޓަރީގެ ދޮރުގައި ތަންޑެއް ހަރުކޮށް، ހަނދާންކޮށް ތަންޑުއަޅުވަން ފެށީމެވެ. އެކަމަކު ހުވަފެނުން ވެސް މުބާހު ފެނެއެވެ. ދޮރު ހަލާކުކޮށްލައިގެން ވަންނަނިކޮށެވެ. އަހަންނަށް އެނގެއެވެ. އެ ގެއިން ނުކުމެގެން ނޫނީ ހިތްހަމަޖެހިގެން އަހަންނަކަށް ނުވެސް ނިދޭނެއެވެ. ވީހާ ވެސް އަވަހަކަށް ގެއިން ނުކުންނަން އަހަރެން ބޭނުމެވެ. ޖަމީލާ ކައިވެނިކުރަން ބޭނުމެވެ. އެހެންނަމަވެސް، ދުވަސްތައް ފާއިތުވަމުން ދިޔައީ އުންމީދުކުރި ވަރަށް ވުރެ ލަހުންނެވެ. އުންމީދުކުރި ގޮތަކަށް ވެސް ނޫނެވެ. ޖަމީލުގެ ހުރިއްޔާ ހުރި ރަނގަޅު ސިފަތަކަށް ވިސްނޭތޯ މަސައްކަތް ކުރަމުންދަނިކޮށް އަނެއްކާ ވެސް ފެންމަތިވީ ނުބައި ސިފައެކެވެ.

ދުވަހަކީ ޢީދު ދުވަހެވެ. ހަވީރުއް ސުރެ ގާތްތިމާގެ މީހުންތައް ގެއަށް އައިސް އުޅުނެވެ. އެންމެން އެއްކޮށް ކައިބޮއި، ސަމާސާކޮށް ހެދީމެވެ. ކުރާ މަޖާ ކަންތައްތައް ފޮޓޯނަގައި މީސްމީޑިޔާގައި ހިއްސާކުރީމެވެ. އެކަކު ފޯނުން އަނެކަކު ފޮޓޯނަގައި، ފޮޓޯތައް ބަލައި، ބަހައި ހެދީމެވެ. އެހެން އުޅުމުގެ ތެރޭގައި ޖަމީލާއި އަހަރެން އެކުގައި ގޭގައި ނަގައިފައިވާ ފޮޓޯއެއް އަފްރާހަށް ފެނުނެވެ. އަފްރާހަކީ ބައްޕަގެ އެއްބަނޑުއެއްބަފާ މީހެއްގެ ދަރިއެކެވެ. އަހަންނަށް ވުރެ ހަގު ކުއްޖެކެވެ.

"މީނަ ކީއްވެ ހަނާއްތަޔާ އެއްކޮށް ފޮޓޯގަ މީނީ؟" އަފްރާހް ސުވާލުކުރިއެވެ. "މި ސޯފާގަ ދޯ މި ތިބީ؟ ކިހިނެއް ހަނާއްތަޔާ މީނަ ފްރެންޑްވީ؟"

"ތީ ހަނާއްތަގެ ބޯއިފްރެންޑް. ސްވީޓްހާޓް!" ސަމާސާ ރާގެއްގައި އަހަރެން ބުނީމެވެ. "އަފޫއަކަށް ނޭނގޭތަ؟ މީނަ ވަރަށް ސްވީޓްވާނެ."

އަފްރާހް ކޮންމެވެސް އެއްޗެއް ބުނަން އުޅުނެވެ. އެކަމަކު އެތެރެއަށް ހިންދައިލީއެވެ. އަހަރެން އަހާއަހާ ވެސް އިތުރު އެއްޗެއް ނުބުންޏެވެ. ބުނި އެއްޗެއް ބުނީ އަފްރާހްގެ ދެ ލޮލެވެ. އޭނަގެ ނިތްކުރިއަށް އެރި ރޫތަކެވެ. އަފްރާހް ގެއަށް ގޮސްފައި އަހަންނަށް މެސެޖެއް ފޮނުވިއެވެ.

"އޭނައަކީ ޕާޓޭއެއް." މެސެޖުގައި އޮތީ އެހެންނެވެ.

އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. ޕާޓޭއިން ތިބޭ ގޮތް އަހަންނަށް އެނގެއެވެ. ހެދުންއަޅާ ގޮތް ވެސް އަހަންނަށް ފެނެއެވެ. ޖަމީލުގެ ހުންނަ އެންމެ ކަމުދާ އެއް ސިފަޔަކީ ހެދުންއަޅާފައި ހުންނަ ގޮތެވެ. އެހާ ރީތިކޮށް ހުންނަ މީހަކު ޕާޓޭއަކަށް ވެދާނެ ހެއްޔެވެ؟ އަފްރާހަށް ވަރަށް ގިނަ ފަހަރު ގުޅީމެވެ. ފޯނެއް ނުނެގިއެވެ. ސީދާސީދާކޮށް އަހަންނާ އެ ވާހަކަދައްކަން އަފްރާހަށް ނުކެރެނީއެވެ. އަހަރުމެންގެ މެދުގައި އޮންނަ ގާތްތިމާގެ ކަމުގެ ގުޅުމުގެ އިތުރަށް، އަހަރެން ގަބޫލު ނުކޮށްފާނެކަމުގެ ބިރު އަފްރާހަށް ހީވަނީއެވެ. ދެން ހަދާނެ ގޮތަކާ މެދު ވިސްނަން އަހަރެން އިންދައި އަފްރާހް ގުޅިއެވެ.

"ޔަގީންތަ؟" އަހަރެން އެހީމެވެ. "އެކަމަކު އެހެރީ އޭނަ ހުންނަލެއް ޑީސަންޓްކަން. ކަޓާފަ ހުއްޓަކާ ވެސް ނުދެކެން."

"ހަނާއްތައަށް ގަބޫލު ނުކުރެވުނަސް އޭނައަކީ ޕާޓޭއެއް،" އަފްރާހް ބުންޏެވެ. "އޭނަ ނުވާނެ ގޭގެއަށް ވައްދާކަށް. އަޅެ ހަނާއްތަ ބަލާބަލަ އޭނަ ވަންނަނީ ކޮން ގެއަކަށްތޯ! ގެޔާ އެ ހިސާބުގަނޑު އެނގުނީމަ ހަނާއްތަ އިތުރު ޕްރޫފެއް ބޭނުމެއް ނުވެސް ވާނެ. އޭނަ ގައިން ވަހެއްދުވާކަން ނޯޓިސްއެއް ނުކުރެވޭތަ؟"

އަހަންނަށް ޝައްކުވީ އެ ހިސާބުންނެވެ. ޖަމީލު ގައިން އެ ދުވަނީ ސިނގެރޭޓު ވަސް އެކަނި ހެއްޔެވެ؟ ޙަޤީޤަތް ބަލަން ބޭނުންވިއެވެ. ޖަމީލުގެ ބޯކޮޅުބެލުމަކީ އަހަންނަށް އެހާ ފަސޭހަކަމެއް ނޫނެވެ. އެ ކަން ހަވާލުކުރީ ރައްޓެއްސަކާއެވެ. އަހަންނާ ބައްދަލުކޮށްފައި ޖަމީލު ގެއިން ނުކުތުމުން އަހަރެންގެ އެކުވެރިޔާ ޖަމީލަށް ފާރަލިއެވެ. ޖަމީލު ވަން ގެ ހޯދިއެވެ. އެއީ ޕާޓޭންގެ ހަރުގެއެކެވެ. އެންމެން ޖަމާވެ، މަސްތުވެ، ވިޔަފާރި ހިންގާ ގެއެވެ. އެ ހިސާބުގަނޑަކީ މާލެއަށް މަޝްހޫރު ހިސާބުގަނޑެކެވެ. ވަގުތުންވަގުތަށް އެ މަޢުލޫމާތު އަހަންނަށް ލިބުނެވެ.

"މި ފަހަރު ތި ޖެހުނީ ދާދާއަކާ،" އެކުވެރިޔާ ބުންޏެވެ. "އޭނަ ވަނީ ހަމަ ހާއްޔަކަށް. މި ހިސާބުގަނޑުގަ އުޅޭނެ މަގޭ ރައްޓެހިން. މަ ގުޅާނަން މާދަމާ."

ޖެހިގެން އައި ދުވަހު އަހަންނަށް އިތުރު ކަންތައްތަކެއް އެނގުނެވެ. ޖަމީލަކީ ޑުރަގު ވިއްކާ، އޭގެ ބޭނުން ވެސް ކުރާ މީހެކެވެ. ޖަމީލު ނުގުޅަން ބުނެފައި އޮންނަނީ އޭނަ ހަމަހޭގައި ނުހުންނަ ގަޑިތަކުގައެވެ. އެ ގަޑީގައި ޖަމީލު ހުންނަނީ ގޭގައެވެ. އޭނައަކީ ވަޒީފާއެއް އަދާކުރާ މީހެއް ނޫނެވެ. ޖަމީލު ފަހުން އަހަންނަށް ގުޅަނީ އޭނަޔަށް ރަނގަޅަށް ހޭވެރިކަން ވީމައެވެ. އަހަރެންނާ ބައްދަލުކުރަން އަންނަނީ ވެސް މަސްތުގެ ޢަލާމާތްތައް ފިލުވައިގެންނެވެ. އޭރު ހުންނަނީ ވަރުގެ ކޮޅަށް ނަލަހެދިފައެވެ. އަހަރެން ކޮނުނުކޮނުނުހެން ދިޔައީ ފަސް ގިނަވަމުންނެވެ. ޖަމީލުގެ ޢާއިލާއިން އުޅެނީ ޖަމީލުގެ ޙަޤީޤަތް ވަރަށް ބޮޑަށް ސިއްރުކޮށްގެންނެވެ. ބޭޒާރު ނުވެ ޖަމީލަށް އުޅެވެނީ އެހެންވެއެވެ.

ވީ ދެރަޔަށް ވުރެ ބޮޑަށް އަހަރެން ގަތީ ބިރެވެ. ރުޅިވާން އުޅެފިއްޔާ ޖަމީލު ކަންތައް ކުރާނެ ގޮތެއް އަހަންނަކަށް ނުވެސް ވިސްނުނެވެ. އެކުގައި އުޅޭނެ ގޮތެއް އަމުދުން ނޭނގުނެވެ. އަހަރުމެންގެ ލޯބީގެ ވާފަށްތައް ބުރިކޮށްލަން ޖެހުނީ ކެތްތެރިކަމާއި، ބުއްދިވެރިކަމާ އެކު ލަސްލަހުންނެވެ. އެއްވެސް ކަމެއް އަހަންނަށް އެނގުނުކަމަކަށް ނަހަދަމެވެ. މަޑުމަޑުން ދުރުވަމުން ގޮސް ޖަމީލާ ގުޅުން ކަނޑައިލީމެވެ. އެއްކޮށް ގުޅުން ކަނޑައިލިތާ ބަރާބަރު ދެ ދުވަސް ފަހުން، ފުލުހުން އެ ގެޔަށް ވަދެ ބަޔަކު ހައްޔަރު ކުރިއެވެ. އޭގެ ތެރޭގައި ޖަމީލު ވެސް ހިމެނުނެވެ.

އެއްބަނޑުއެއްބަފާ ހަތަރު ބެއިންގެ ތެރެއިން ތިން ބެއިންނަށް ދަރިން ލިބުނުއިރު ވެސް އަހަރެން ހުރީ ހުސްހަށިބަޔަށެވެ. މައިންބަފައިންގެ ނިތްކުރިމަތިން އަތް ނުނެގެއެވެ. ދަތްދޮޅިން އަތް ނުނެއްޓެއެވެ. އަހަރެން ހުސްހަށިބަޔަށް ހުންނަ ވާހަކަ ނޫން ވާހަކައެއް ގެޔަކު ނުދެކެވެއެވެ. އަހަންނަށް ދިރިއުޅުމެއް ނުލިބޭ ވާހަކައެވެ. މީހަކާ އިންނަން އަހަރެން "ބޭނުން ނުވާ" ވާހަކައެވެ. ހީވާ ކަހަލައެވެ. ހުސްހަށިބަޔަށް ހުރުމަކީ އަހަރެން މާ ގަޔާވާ ކަމެކެވެ. އުފާވާ ކަމެކެވެ. ހަޔާތުގެ ބައިވެރިއަކު ހޯދުމަކީ، ކޮންމެކޮންމެ މީހަކަށް އެހާ ފަސޭހަކަމެއް ނޫންކަން އެނގޭ މީހަކު ނެތެވެ. ލޯތްބަށް އެދި އަހަރެން ސަލާންޖެހި މިންވަރު އިހުސާސް ކުރެވޭ މީހަކު ވެސް ނެތެވެ. ނުވާ ތާކަށް، އަހަރެންގެ ޖިންސާއި ނިޔަތާ ދޭތެރޭގައި ވެސް ބަޔަކު ސުވާލު އުފައްދަން ފެށިއެވެ. އެ ކަން ކުރަނީ ދުރުހިލޭ ބަޔެއް ނޫނެވެ. އަހަރެންގެ މަންމައާއި ބައްޕައެވެ. ބައްޕަގެ ނަޒަރުގައި އަހަރެން ޑޮކްޓަރަކަށް ދެއްކުމުގެ ވަގުތު އައިސް ޖެހިއްޖެއެވެ.

ނުނިމޭ