13 ޖެނުއަރީ 2018 - 22:14

ށ. މިލަންދޫ ސްކޫލްގައި އަލަށް ހެދި ހަތަރު ބުރި އިމާރާތުގެ ކްލާސް ރޫމެއްގެ ސީލިންގު ވެއްޓުނު ކަމަށް ބުނެ ފަތުރާފައި ވަނީ ދޮގު ވާހަކައެއް ކަމަށާއި އެތަނުގައި މަސައްކަތެއްކުރަން ސީލިންގު ނައްޓާލީ ކަމަށް އެ އިމާރާތުގެ ކޮންޓްރެކްޓަރު ބުނެފި އެވެ.

އެތަނުގެ ކޮންޓްރެކްޓަރު އެސް ޖޭ ކޮންސްޓްރަކްޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސްކޫލުން އެދިގެން ސީއެސްއާރުގެ ދަށުން ކޮމްޕިއުޓަރު ލެބުގައި އިތުރު ލައިޓްތަކެއް ހަރުކޮށް އެތަނުގައި ޕްރޮޖެކްޓަރެއް ހަރުކޮށް އެއަށް ބޭނުންވާ ކޭބަލްތައް އެޅުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
"އެ މަސައްކަތްކުރުމަށްޓަކައި ސީލިންގުން ބައެއް ނައްޓައިގެން މަސައްކަތްކުރާކަން ސްކޫލަށް ވެސް ވާނީ އަންގާފައި. އެއީ އެއްވެސް ހާލެއްގައި، ސްކޫލުގެ ސީލިންގުން ބައެއް ވެއްޓުނީއެއް ނޫން. ނުވަތަ ހަލާކުވީއެއް ނޫން. ނަމަވެސް މިދެންނެވި މަސައްކަތްކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން އެ ސީލިންގުގެ ބައެއް ނައްޓާލީ،" އެ ކުންފުނިން ބުންޏެވެ.
ނަމަވެސް އެ ރަށު ކައުންސިލްގެ މެމްބަރަކު މިރޭ ވިދާޅުވީ އެތަނުގައި ހުރި ސީލިންގުގެ ބައެއް ވެއްޓުނީ ކަމަށެވެ. އަދި އެތަނުން ބައެއް ވެއްޓުނީ ސީލިންގެ ސަޕޯޓު ހަރުކޮށްފައި ނެތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެސް ޖޭ ކޮންސްޓްރަކްޝަނުން ބުނީ އެ ސީލިން ނައްޓާލައިގެން މަސައްކަތް ކުރަމުންދަނިކޮށް މިލަންދޫ ކައުންސިލުގެ ބައެއް މެމްބަރުން ސޯޝަލް މީޑިއާގަ އާއި ބައެއް ނޫސްތަކަށް ދީފައި ވަނީ ހަގީގަތާ ހިލާފް މައުލޫމާތުތަކެއް ކަމަށެވެ.
"މިލަންދޫ ސްކޫލް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރުމުގެ ކުރިން ކަމުގެ ފަންނީ ބޭފުޅުން ވަޑައިގެން ފައިނަލް އިންސްޕެކްޝަން ކުރައްވާ، ބައްލަވަން ޖެހޭ އެންމެހާ ކަންކަންވަނީ ބައްލަވާފައި. އަދި އިމާރާތުގެ މަސައްކަތްކޮށްފައި ވަނީ ފެންވަރު ދަށް މެޓީރިއަލް ބޭނުންކޮށްގެން ކަމަށް ބައެއް ނޫސްތަކުގައި ކައުންސިލްގެ ނައިބް ރައީސާއި ހަވާލާދީ ލިޔެފައިވާއިރު، މިލަންދޫ ސްކޫލްގެ އައު އިމާރާތަށް ބޭނުންވާ މެޓީރިއަލްތަކަކީ އެޑިއުކޭޝަންގެ ފަންނީ ފަރާތްތަކަށް ހުށަހަޅައި، އެފަރާތްތަކުން އެޕްރޫވްކޮށްފައިވާ ކޮލިޓީ ރަނގަޅު މެޓީރިއަލް،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
މިލަންދޫ ސްކޫލްގައި އަލަށް ހެދި 27 ކްލާސް ރޫމުގެ ހަތަރު ބުރީގެ އިމާރާތް ހެދީ 57 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ.