ރޯވި ޓޭންކަރުގެ ކަޅު ފޮށި ހޯދައިފި
ރޯވި ޓޭންކަރުގެ ކަޅު ފޮށި ހޯދައިފި

ޝެންހާއީ (ޖެނުއަރީ 13) - އީސްޓް ޗައިނާ ކަނޑުގައި ކާގޯ ބޯޓަކާ ޖެހި އެކްސިޓެންޓްވެ ރޯވެ އަނދަމުންދާ ޓޭންކަރުގެ ކަޅު ފޮށި ހޯދައިފި އެވެ.

ކާގޯ ބޯޓަކާ ޖެހިއެކްސިޑެންޓްވިތާ ހަފުތާއެއްވީ އިރު ވެސް ސަންޗާއީ ޓޭންކަރު އަދިވެސް ދަނީ އަނދަމުންނެވެ.

ޓޭންކަރުން ގެއްލުނު 32 މީހުންގެ ތެރޭން ތިން މީހެއްގެ ހަށިގަނޑު މިހާރު ވަނީ ހޯދައިފަ އެވެ. މީހުން ސަލާމަތް ކުރާ ޗައިނާގެ ހަތަރު މީހުންގެ ޚާއްސަ ޓީމަކުން އޮކްސިޖަންއާ އެކު ކްރޭނެއްގެ އެހީގައި ވަނީ ޓޭންކަރުގެ ޑެކް މައްޗަށް ފައިބައިފަ އެވެ. ދެ މީހެއްގެ ހަށިގަނޑު ފެނިފައި ވަނީ ލައިފްބޯޓެއްގެ ތެރޭންނެވެ.

ޓޭންކަރުގެ ކަޅު ފޮށި ހޯދުމަށް ފަހު ރެސްކިއު ޓީމުން ވަނީ ލިވިން އޭރިޔާ އަށް ވަންނަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ހޫނުމިން 89 ޑިގްރީ ސެލްސިއަސް (192 ފެރަންހައިޓް) އަށް އެރުމުން ވަދެވޭ ގޮތެއް ނުވި އެވެ. ރެސްކިއު ޓީމަށް ޓޭންކަރުގައި ތިބެވުނީ ގަޑިއެއްހާ އިރަށެވެ. ވައިގެ މިސްރާބު ބަދަލުވުން އެ މީހުންނަށް ނުރައްކާވުމުން ވަނީ ޓޭންކަރު ދޫކޮށްލައިފަ އެވެ.

ގެއްލިފައި ވަނީ އީރާނުގެ 30 މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުންނެވެ. އެކެއްގެ ހަށިގަނޑު ކުރިން ވަނީ ފެނިފަ އެވެ. ކާގޯ ބޯޓުގައި ތިބި ޗައިނާގެ 21 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.

މީހުން ސަލާމަތް ކުރުމުގައި ވަނީ އީރާނުގެ 12 މީހުންގެ މައްޗަށް އެކުލެވޭ ކޮމާންޑޯ ޓީމަކުން ބައިވެރިވަން ނިންމައިފަ އެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި 13 ވެހިކަލަކުން ދަނީ ބައިވެރިވަމުންނެވެ. އަލިފާން ނިއްވާލުމުގައި ދަނީ ޗައިނާގެ އެންމެ ބޮޑު ޕެޓްރޯލް ޝިޕް ހައިޒުން 01 ވެސް ބައިެވރިވަމުންނެވެ. ޗައިނާ އިން ބުނީ މީހުން ސަލާމަތް ކުރެވިދާނެކަމުގެ އުއްމީދެއް ނެތް ނަމަވެސް މަސައްކަތަށް އެއްވެސް ހުއްޓުމެއް ނުގެންނާނެ ކަމަށެވެ.

ޓޭންކަރުގައި ރޯވެފައި ވަނީ ޝެންހާއީގެ 160 މޭލު ބޭރުންނެވެ. އެކަމަކު ގަޑިއަކު 2.2 ކިލޯ މީޓަރުގެ ބާރު މިނުގައި ޓޭންކަރު ދަނީ ޖަޕާނުގެ އަމާމީ އޮޝިމާ ކިޔާ ރަށަކާ ދިމާލަށް އޮޔާ ގެންދަމުންނެވެ.

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ސަންޗީ ޓޭންކަރުގައި ހުރީ އީރާނުން ބަރުކޮށްފައިވާ 136،000 ޓަނުގެ ތެލެވެ. އެއީ ގާތްގަނޑަކަށް އެއް މިލިއަން ފީފާގެ ތެލެވެ. މިހާރުގެ އަގުން ބަލާ ނަމަ އެ ތެލުގެ އަގަށް 60 މިލިއަން ޑޮލަރު އަރާނެ އެވެ. ތެޔޮ ގެންދިޔައީ އީރާނުން ސައުތު ކޮރެއާ އަށެވެ.

ހޮން ކޮންގައި ރަޖިސްޓްރީކޮށްފައިވާ ކާގޯ ބޯޓެއް ކަމަށްވާ ސީއެފް ކްރިސްޓަލް އާއި ސަންޗައި ޓޭންކަރު ޖެހި އެކްސިޑެންޓްވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ޗައިނާގެ އޮފިޝަލުން ބުނީ ޓޭންކަރުން ތެޔޮ ލީކުވަމުން ދަނީ ނުދާ ކަމަށެވެ.