13 ޖެނުއަރީ 2018 - 13:46

ވިއެޓްނާމުގެ ހޯޗިމިން ސިޓީގައި ކުރިއަށްދާ އައިޓީއެފް އޭޝިއާގެ 14 އަހަރުން ދަށުގެ ޓެނިސް ޗެމްޕިއަންޝިޕުގެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޖޫނިއާ ޓެނިސް ކުޅުންތެރިން ރަނގަޅު ނަތީޖާތަކެއް ނެރެފި އެވެ.
މުބާރާތުގައި އިއްޔެ ފިރިހެން ސިންގަލްސް ބުރުގައި މަކާއޫގެ ކުޅުންތެރިޔަކާ ވާދަކޮށް ރާއްޖޭގެ ނާގިމް ޝާހިދު ބަލިވި ނަމަވެސް ރައުދަކު މައުމޫން ވަނީ ކެމްބޯޑިއާ ކުޅުންތެރިޔާ ސީދާ ދެ ސެޓުން ބަލިކޮށްފަ އެވެ. އަދި ރައްޔާން ޔޫސުފް ރިޒާ ވަނީ ބޫޓާނުގެ ކުޅުންތެރިޔަކާ ބައްދަލުކުރި މެޗުން މޮޅުވެފަ އެވެ.
އަންހެން ސިންގަލްސް އަށް ބަލާއިރު ރާއްޖޭގެ ތާރާ ނައީމާއި ސާރާ އަކްރަމް ވާދަކުރި މެޗުން ތާރާ މޮޅުވިއިރު ލަޔާން ޝާމިން ވަނީ ބޫޓާން ކުޅުންތެރިޔެއްގެ މައްޗަށް ފަސޭހަކަމާ އެކު ކާމިޔަބު ހޯދައިފަ އެވެ.
އަންހެން ކުދިންގެ ޑަބަލްސް އިވެންޓުގައި ތާރާ އާއި ސާރާ ވަނީ މުބާރާތް ކުރިއަށްދާ ވިއެޓްނާމުގެ ނިކޯލް އާއި ހޭންގް އަތުން މޮޅުވެފަ އެވެ.
ބުރާސްފަތި ދުވަހުގެ މެޗުތަކަށް ބަލާއިރު ރާއްޖޭގެ ލަޔާން ކޮންސޮލޭޝަން ބުރުގެ ސެމީން ޖާގަ ހޯޑި އެވެ. މުބާރާތުގެ މެއިން ޑްރޯގެ ފުރަތަމަ ބުރުގެ މެޗުތަކުން ނާމިގް ވަނީ ކެމްބޯޑިއާ ކުޅުންތެރިޔާ ބަލިކޮށް ދެ ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. އެކަމަކު އެ ބުރުގައި ލާއޮސް އަތުން ބަލިވީ އެވެ. ކޮންސޮލޭޝަން ބުރަށް ބަލާއިރު ބޫޓާން ކުޅުންތެރިއެއް އަތުން އަތުން މޮޅުވެ ރައްޔާން ކުއާޓާ އަށް ވެސް ދަތުރުކުރި އެވެ. އެކަމަކު އެ ބުރުން ކެޓީ އެވެ. އަދި އަންހެން ކުދިންގެ ކޮންސޮލޭޝަން ބުރުގައި ރާއްޖޭގެ ތާރާ ވަނީ ބޫޓާން ކުޅުންތެރިޔާ ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.
މި މުބާރާތުން ރަނގަޅު ނަތީޖާ ހޯދާ ގައުމުތައް ފުރަތަމަ ޑިވިޝަނަށް ކޮލިފައި ވާނެ އެވެ. އަދި އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ ފަރާތުން އާންމު ކުރާ 14 އަހަރުން ދަށުގެ ރޭންކިންގް ލިސްޓުގައި ވަކިވަކި ކުޅުންތެރިން ހިމެނުނު ފުރުސަތު އޮތް ކަމަށް ވެސް އެސޯސިއޭޝަނުން ބުނެ އެވެ.