ލޯބިން އުޅުނު ދެމަފިރިން މަރުވީ ވެސް އެކުގައި
ލޯބިން އުޅުނު ދެމަފިރިން މަރުވީ ވެސް އެކުގައި

ކައިވެންޏަށް 67 އަހަރު ފަހުން ފިރިމީހާ މަރުވިތާ ކުޑަ އިރުކޮޅެއްގެ ތެރޭ އަނބިމީހާ ވެސް މަރުވެއްޖެ އެވެ.

އާތާ، 91، އާއި ޑޮރޮތީ ހާޑިން، 88، އަކީ އިންގްލެންޑްގެ މެންޗެސްޓާގެ ނިއުޓަން ހީތުގައި އުޅޭ ދެމަފިރިންނެވެ.

މި ދެމަފިރިން މަރުވީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. އާތާ މަރުވީ އެ ދުވަހުގެ ހެނދުނު 6:45 ގައެވެ. އަދި ހެނދުނު 8:10 ގައި ޑޮރޮޓީ މަރުވީ ފިރިމީހާ މަރުވިކަން އެންގުމާ އެކުގައި ކަމަށް މެންޗެސްޓަ އިވްނިން ނިއުސްގައި ބުނެފައިވެ އެވެ.

"އަހަރެމެން މާމަ ގާތު ބުނިން ކާފަ މަރުވެއްޖޭ. ބުނީމަ މާމަގެ ހާލު ކުއްލިއަކަށް ބޮޑުވާން ފެށި. ހީވީ ދެމީހުންގެ ގުޅުމަކީ ވަރަށް އާދަޔާޚިލާފު ގުޅުމެއް ހެން،" މި ދެމަފިރިންގެ މާމަ/ކާފަ ދަރިފުޅު ރޮސް ހާޑިންގްސް ބުންޏެވެ.

ޑޮރޮތީ އާއި އާތާ ކައިވެނި ކުރީ 1950 ގައެވެ. ކައިވެންޏަށް 67 އަހަރުވީ ފަހުން ދެ މީހުން ވެސް ބަލިވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރި އެވެ. ޑޮރޮތީ އަށް ދިމާވީ ހިތުގެ މައްސަލައެކެވެ. އާތާ އަށް ފުއްޕާމޭގެ މައްސަލަ އެކެވެ.

ޑޮރޮތީގެ މާމަ ދަރިފުޅު ބުނީ އޭނާގެ މާމަ އާއި ކާފައަކީ ވަރަށް ލޯބިން އުޅުނު ދެމީހުން ކަމަށާއި އެހިސާބުގަނޑު އެންމެންވެސް އެމީހުން ދަންނާނެ ކަމަށެވެ.

"މާމަ އަބަދުވެސް ގޭގެއަށް ޒިޔާރަތްކޮށް މީހުންގެ ހާލު ބަލާނެ،" ރޮސް ބުންޏެވެ.

މި ދެމަފިރިން މަރުވިއިރު ދެ ދަރިންނާއި ހަތަރު މާމަ/ކާފަ ދަރިން އަދި ހަ މުނިކާފަ/މުނިމާމަ ދަރިންނާއި ހޫރުމާމަ/ހޫރުކާފަ ކިޔާ ކުއްޖަކު އެބަހުއްޓެވެ.