23 މެއި 2016 - 11:32

ނަދާލު ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް، އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ފަސް މީހުން ކޯޓުން އިއްޔެ ދޫކޮށްލައިފި އެވެ.
މއ. ބޭރުމަތީގޭ ހަ ވަނަ ބުރިން 2014 ވަނަ އަހަރުގެ ޑިސެމްބަރު 13 ވަނަ ދުވަހުގެ ރޭ ނަދާލު ވެއްޓި މަރުވި މައްސަލާގައި ފަސް މީހުން ހައްޔަރު ކުރީ މި މަހުގެ އަށް ވަނަ ދުވަހާއި ނުވަ ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އެއީ 21 އަހަރާއި 22 އަހަރާއި 24 އަހަރާއި 25 އަހަރުގެ ހަތަރު ފިރިހެނުންގެ އިތުރުން 24 އަހަރުގެ އަންހެނެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހުން ދޫކޮށްލީ ބަންދުގައި ބެހެއްޓުމަށް ކޯޓުން ދިން 15 ދުވަސް ހަމަވުމުން ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ. އަދި ރާއްޖެ އިން ބޭރަށް ދާނަމަ އެކަން ފުލުހުންނަށް އަންގަން ވެސް ޝަތުރު ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ނަދާލު މަރުވި ރޭ އޭނައާ އެކު އެ އެޕާޓްމަންޓުގައި ތިބި ހަތަރު މީހެއްގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރި އިރު ކެނަބިހަށް ޕޮޒިިޓިވް ވެފައިވާ ކަމަށާއި އަދި ނަދާލުގެ ލޭ ވެސް ކެނަބިހަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ކުރިން ބުންޏެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ބޮލުގެ ފުއްކިބައިން ދެ ތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.