14 ޖެނުއަރީ 2018 - 06:02

ފިލްމީ ބަތަލު ސަލްމާން ޚާން މިހާރު ޝޫޓްކުރަމުންދާ ފިލްމު "ރޭސް 3"ގެ ސެޓަށް ބަޑި ހިފައިގެން ތިބި ބަޔަކު ވަދެގަނެ ސަލްމާނަށް މަރުގެ އިންޒާރު ދީފި އެވެ.
އަންގާރަ ދުވަހު ހިނގި މި ހާދިސާއަށް ފަހު ފިލްމުގެ ޝޫޓިން މިހާރު ވަނީ މެދުކަނޑައިލައިފަ އެވެ.
ބަޔަކު ސަލްމާނަށް ހަމަލަދޭން އުޅޭކަން ފުލުހުންނަށް އެނގިގެން ފިލްމުގެ ސެޓަށް ކުރިން ގޮސް ސަލްމާނަށް ހިމާޔަތްދީގެން ވަނީ ގެންގޮސްފަ އެވެ.
ސަލްމާން މަރާލާނެ ކަމުގެ އިންޒާރު ލޯރެންސް ބިޝްނޯއީ ކިޔާ މީހަކު މިދިޔަ ހަފުތާގައި ދީފައިވަނީ ޖޯދްޕޫރު ކޯޓުގައި ހިނގަމުންދާ، މަނާ ޖަނަވާރެއް ޝިކާރަކުރި މައްސަލައިގެ އަޑުއެހުމަކަށް ސަލްމާން އެ ކޯޓަށް ދިޔަ ދުވަހު އެވެ.
ސަލްމާނަށް އިންޒާރުދިން ގޭންގްސްޓާރަކީ މަރާލި ވައްތަރުގެ ޖަނަވާރަށް އަޅުކަންކުރާ ޖަމާއަތަކަށް ނިސްބަތްވާ މީހެއް ކަމަށް ވެ އެވެ. "ރޭސް 3"ގެ ސެޓަށް ވަދެ ސަލްމާނަށް ހަމަލަދޭން އުޅުނީ ތިން މީހެކެވެ. އެހެން ބަޔަކު ވަނީ އެ ފިލްމުގެ ޝޫޓިން އޮތް ސްޓޫޑިއޯގެ ބޭރުގައި ވެސް ސަލްމާނާ ދެކޮޅަށް އަޑު އުފުލައިފަ އެވެ.
މި ހާދިސާއަށް ފުލުހުން ވަނީ ސަލްމާނަށް ސެކިއުރިޓީ ވަރުގަދަކޮށްފަ އެވެ. އާންމުން ގިނަ ތަންތަނަށް މި ދުވަސްވަރު ނުދިއުމަށާއި އޭނާ ދާ ތަންތަނުގެ ވާހަކަ ސޯޝަލް މީޑިއާގައި ހާމަ ނުކުރުމަށް ވެސް ފުލުހުން ވަނީ ސަލްމާނަށް އަންގާފަ އެވެ. އަދި ކުރިން ބައިސްކަލްގައި މުމްބައިގެ މަގުތަކުގައި ބުރު ޖެހި ނަމަވެސް މި ދުވަސްވަރު އެގޮތަށް ނޫޅެން ވެސް ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ ބިޝްނޯއީގެ އިންޒާރު ސީރިއަސްކަމެއްގެ ގޮތުގައި ނަގާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ހިމާޔަތާއި ރައްކާތެރިކަން ސަލްމާނަށް ފުރިހަމައަށް ލިބޭނެ ކަމަށް ބުންޏެވެ.
ސަލްމާނަށް ހަމަލާދޭން މީގެ ކުރިން ވެސް މަސައްކަތް ކޮށްފައިވެ އެވެ.