14 ޖެނުއަރީ 2018 - 06:02

ސަލްމާން ޚާން ހޯސްޓްކުރާ ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ ސީޒަން 11 ގައި އެންމެ ގިނަ ބައެއްގެ ފާޑުކިއުންތަކާއި މަލާމާތް ރައްދުވެފައިވާ އެއް ބައިވެރިޔަކީ ޓީވީ ބަތަލާ ހީނާ ޚާން އެވެ. ހީނާ ހިމެނެނީ ޝޯގެ ފައިނަލަށް ގޮސްފައިވާ ހަތަރު ބައިވެރިންގެ ތެރޭގަ އެވެ. ނަމަވެސް ޝޯގައި ބައިވެރި ވެވުނީތީ ހީނާ މިހާރު ހިތާމަ ކުރާ ކަމަށް އޭނާ ބުނެފި އެވެ.
އޭނާ މިހެން ބުނީ ސަޕޯޓަރުން ގިނަ ނަމަވެސް ބިގް ބޮސްއާ އެކު މަލާމާތްތަކާ ކުރިމަތިވުމުންނެވެ. "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި އަށް އަހަރު ވަންދެން ބަތަލާގެ ރޯލު ކުޅެފައިވާ ހީނާ އަށް ގިނަ ބައެއްގެ ފާޑުކިޔުންތަކާއި މަލާމާތްތައް ރައްދުވަމުންދަނީ ހީނާ ދައްކާ ވާހަކަތަކުންނާއި އަމަލުކުރާ ގޮތުންނެވެ.
"ބިގް ބޮސް"ގައި ހީނާ ވަނީ ވަރަށް ގިނަ ޓީވީ ތަރިންނަށް މަލާމާތްކޮށް އެކި ވާހަކަތައް ދައްކައިފަ އެވެ. ޝޯގެ ބައިވެރިއެއް ކަމަށްވާ ޝިލްޕާ ޝިންޑޭ ފަލަކަމުން ވެސް ހީނާ މަލާމަތްކުރި އެވެ.
ޝޯގައި އޭނާ ދައްކާ ވާހަކަތަކާއި އަމަލުތައް ބަހައްޓާ ގޮތުން އާންމުން ހިތްހަމަނުޖެހޭކަން ހީނާއަށް އެނގުނީ ޓީވީ އެކްޓަރު ކަރަން ޕަޓޭލް އަށް މެހެމާނެއްގެ ގޮތުން ބިގް ބޮސްގެ ގެއަށް ވަނުމުގެ ފުރުސަތު ލިބުމުން އޭނާ ހީނާ ގާތު އެ ވާހަކަތައް ދެއްކުމުންނެވެ.
ކަރަން ނޫނަސް ޝޯގެ ހޯސްޓް ސަލްމާން ވެސް ވަނީ ހީނާ އަމަލުކުރަނީ ރަނގަޅަށް ނޫންކަން އެތައް ފަހަރަކު ހަނދާންކޮށްދީ އިންޒާރު ދީފަ އެވެ.
މިވަގުތު ހީނާ އާއެކު ބިގް ބޮސްގެ ގޭގައި ހުރި ވިކާސް ގުޕްތާ ގާތު ހީނާ ދެއްކި ވާހަކަތަކެއް ދާދިފަހުން ވަނީ ލީކުވެފަ އެވެ. ހީނާ ބުނި ގޮތުގައި އޭނާ ޝޯގައި ބައިވެރިވީ އަމިއްލަ އިމޭޖް ޚަރާބުކުރާކަށް ނޫނެވެ. އެ ގެއަށް އަންނަ ބައެއް މީހުން އޭނާއަށް ކުރެވިފައިވާ ކުށްތައް ޓީވީގައި ކިޔައިދީފައިވާ ކަމަށް ހީނާ ބުންޏެވެ. އަދި ޝޯގައި ބައިވެރިވާން އޭނާ ބިރުގަތީ މިހެން ވެދާނެތީ ކަމަށް ބުންޏެވެ.
ނަމަވެސް ފަހުން ހީނާ ވަނީ އޭނާއަށް ހެދިފައިވާ ގޯސްތައް ދިފާއުކޮށް ވާހަކަ ދައްކައިފަ އެވެ. ވިކާސް ގާތު ހީނާ ބުނި ގޮތުގައި އެކަނި ތަނެއްގައި ބަންދުވެފައި ހުންނައިރު ކުރެވޭ ކަންތައްތަކަކީ މީހުންނަށް ބުނެލަން ވަރަށް ފަސޭހަޔަސް ކުރަން ވަރަށް އުނދަގޫ ކަންތައްތައް ކަމަށެވެ.
އާދިއްތަ ދުވަހުގެ ރޭ "ބިސް ބޮސް"ގެ މިފަހަރުގެ ސީޒަންގެ ގްރޭންޑް ފިނާލޭ އޮންނާނެ އެވެ. ހީނާ އަކީ ޝޯ ކާމިޔާބު ކުރާނެކަމަށް އެންމެ ގިނަ ބަޔަކު ގަބޫލުކުރާ އެއް ބައިވެރިޔާ އެވެ. ނަމަވެސް ހީނާއާ އެކު މިހާރު ބިގް ބޮސްގެ ގޭގައި ހުރި ޓީވީ ބަތަލާ ޝިލްޕާ ޝިންޑޭގެ ފޭނުން ވެސް މިހާރު ވަރަށް ގިނަ އެވެ. އެހެންކަމުން ޝިލްޕާ މި ޝޯ ކާމިޔާބުކުރާނެކަމަށް ގަބޫލުކުރާ މީހުން ވެސް މިހާރު މަދެއް ނޫނެވެ.