13 ޖެނުއަރީ 2018 - 11:21

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ހަރަކާތުން އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ މަޝްވަރާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު އިއްޔެ ކުރައްވައިފި އެވެ.
މިހާރު އިނގިރޭސި ވިލާތުގައި ތިއްބެވި އެ ދެބޭފުޅުންގެ މަޝްވަރާއާ ގުޅޭ ގޮތުން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން، ޖަމީލްއާ އެންމެ ފަހުގެ ވާހަކަތައް ހިއްސާ ކުރައްވާފައިވާ ކަމަށެވެ.
ނަމަވެސް އެ މަޝްވަރާގެ ތަފުސީލެއް ނަޝީދު ނުދެއްވަ އެވެ.
އިދިކޮޅު ހަރަކާތުން އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ އެންމެ ފަހުގެ ވާހަކަތައް ޖަމީލްއާ ހިއްސާކުރެއްވިއިރު، އެ މައްސަލާގައި ގޮތެއް ނިންމުމަށް އިދިކޮޅު ޕާޓީތަކުން މިހާރު ވަނީ މަޝްވަރާތައް ފަށައިފަ އެވެ. އިދިކޮޅު ހަރަކާތުން ބުނަމުން ގެންދަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމުކުރުމާ ގުޅޭ ގޮތުން އިދިކޮޅު ލީޑަރުން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު އެއްބަސް ނުވެވޭ ވަރުގެ ހުށަހެޅުމެއް ނެތް ކަމަށެވެ.
ޖަމީލް ވަނީ، މި އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ވެސް މިދިޔަ މަހު މަޝްވަރާ ކުރައްވައިފަ އެވެ.
ރިޝްވަތުގެ ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ނަމަވެސް، ބޭސްފަރުވާއަށް ގާސިމް މިހާރު އުޅުއްވަނީ ޖަރުމަނުގަ އެވެ.
ޖަމީލާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރާއެކު ޖަރުމަނުގައި ބޭއްވި މަޝްވަރާތަކަށް ފަހު ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ ޑިމޮކްރެސީ ހަމަ މަގަށް ގެނުވައި، ރައްޔިތުން އެދޭ ފަދަ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަން ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަން ލިބުމަކީ ރައްޔިތުންގެ އުއްމީދު ކަމަށެވެ.