14 ޖެނުއަރީ 2018 - 06:04

ފިލްމީ ބަތަލާ ކަންގަނާ ރަނާވަތާއި ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރްގެ މެދުގައި ހިނގައިދިޔަ ހޫނު ޒުވާބަށް ފަހު ދެ މީހުން ހިނިތުންވުމާ އެކު ބައްދަލުވެ ވާހަކަ ދައްކައިފި އެވެ.
ކަރަން އާއި ރޮހިތު ޝެޓީ ހުށަހަޅައިދޭ، ސްޓާ ޕްލަސްގެ އާ ރިއަލިޓީ ޝޯ "އިންޑިއާޒް ނެކްސްޓް ސުޕަސްޓާ" ދެ ދެ ވަނަ އެޕިސޯޑަށް ދިން ދައުވަތަކަށް ކަންގަނާ ދިއުމުން ކަރަންއާ ބައްދަލުވެ ވާހަކަ ދެއްކި ގޮތުން ދެ މީހުން ސުލްހަ ވެފައިވާ ކަމަށް ވަނީ ބެލެވިފަ އެވެ.
މި ދެ މީހުންގެ މައްސަލަ ޖެހުނީ ކަރަން ހޯސްޓްކުރި ޝޯއެއް ކަމަށްވާ "ކޮފީ ވިތު ކަރަން"ގެ އެޕިސޯޑެއްގައި ކަންގަނާ ބައިވެރިވެ ކަރަން އަށް ދިން ބަހުގެ ހަމަލާތަކަށް ފަހުގަ އެވެ. ކަންގަނާ ބުނީ ކަރަންގެ ފިލްމުތަކުން ޖާގަ ދެނީ ފިލްމީ ތަރިންގެ ދަރިންނަށް ކަމަށާއި އެހެން މީހުންނަށް ވަރަށް ތަފާތުކުރާ ކަމަށެވެ.
ކަންގަނާގެ މި ވާހަކައަށް ކަރަން ރުޅިގަދަވެ ކަންގަނާއަށް ވެސް ރައްދު ދިނެވެ. އަދި ކަރަންއާ އެއްބައިވެ ވަރަށް ގިނަ ފިލްމީ ތަރިން ވެސް ކަންގަނާ އަށް ބަހުގެ ހަމަލާތައް ދެމުން ދިޔަ އެވެ.
ޝޯގައި ބައިވެރިވުމުގެ ކުރިން މުމްބައި މިރާ އަށް ދީފައިވާ އިންޓަވިއުއެއްގައި ކަންގަނާ ބުނީ "އިންޑިއާޒް ނެކްސްޓް ސުޕަސްޓާ"ގައި ބައިވެރިވަނީ ޕްރޮފެޝަނަލް ގޮތުން އޭނާ އެކަމަށް އެއްބަސް ވެފައިވާތީ ކަމަށާއި އޭނާ އެ ޝޯގައި ބައިވެރިވުމާ މެދު ކަރަންގެ ވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި ކަރަން ވެސް މާޒީގައި ދެކެވިފައިވާ ވާހަކަތައް ހަނދާން ނައްތާލައި އޭނާއާ އެކުވެރިވާން އުޅޭކަމަށް ފެންނަ ކަމަށް ވެސް ކަންގަނާ ބުންޏެވެ.