"ޕަދުމާވަތު" ހުއްޓުވަން ބޮޑުވަޒީރަށް ދަންނަވަނީ
"ޕަދުމާވަތު" ހުއްޓުވަން ބޮޑުވަޒީރަށް ދަންނަވަނީ

ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތު" އިންޑިއާގެ ސެންސަރު ބޯޑުން ފާސްކޮށްދިނުމުން އެކަމާ ހިތްހަމަނުޖެހިގެން ޝްރީ ރާޖްޕޫތު ކަރްނީ ސޭނާ ޖަމާއަތުގެ އެކްޓިވިސްޓުން ސެންސަރު ބޯޑު އޮފީސް ދޮށުގައި ހުކުރު ދުވަހު މުޒާހަރާކޮށް، ފިލްމުގެ މައްސަލަ ބޮޑުވަޒީރަށް ހުށަހަޅަން ނިންމައިފި އެވެ.

މުޒާހަރާކުރި މީހުން ބުނީ މި މަހު 25 ގައި އިންޑިއާގައި "ޕަދްމާވަތު" ރިލީޒްކުރިޔަ ނުދޭނެ ކަމަށެވެ. ބައެއް ސްޓޭޓްތަކުން މިހާރު ވެސް ފިލްމު މަނާ ކޮށްފައިވާ ކަމަށާއި އިންޑިއާގެ ހުރިހާ ސްޓޭޓަކުން ވެސް މިގޮތަށް އަމަލު ކުރަން އެމީހުން ބޭނުންވާ ކަމަށް ވެސް އެކްޓިވިސްޓުން ބުންޏެވެ.

"އަހަރެމެން އަދި މި ވަރަކުން ހުއްޓައެއް ނުލާނަން. ފިލްމު މަނާކޮށްދިނުމަށް އެދި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިހަށް ވެސް ދާނަން. ސަބަބަކީ މިފިލްމު ރިލީޒްކޮށްފި ނަމަ ރާޖްޕޫތުގެ ސަގާފަތާއި އާދަކާދަތައް ހަލާކުވެގެން ދާނެތީ،" މުޒާހަރާގައި ބައިވެރިވި އެކްޓިވިސްޓަކު ބުންޏެވެ.

ފިލްމާ ދެކޮޅު ހަދާ ހިންދޫން ބުނަނީ ފިލްމުގައި އުޅޭ ހިންދޫ ރާނީގެ ވާހަކަ ގެނެސްދީފައި ވަނީ ނުރަނގަޅު މެސެޖެއް ލިބޭ ގޮތަށް ހަގީގަތާ ހިލާފަށް ކަމަށެވެ. މިއީ އިންޑިއާގައި އުޅުނު ރާނީއެއް ކަމަށް އެ މީހުން ބުނާއިރު ތާރީޚީ ބައެއް އިލްމުވެރިން ބުނަނީ އެއީ ޚިޔާލީ ވާހަކައެއްގައި އުޅޭ މީހެއް ކަމަށެވެ.

އިންޑިއާގެ ސެންސަރު ބޯޑުން "ޕަދްމާވަތު" ފާސްކޮށްދީފައިވަނީ ފިލްމުގެ ނަމަށް ވެސް ބަދަލު ގެނެސް އަދި އެނޫންވެސް ބައެއް ކަހަލަ ބަދަލުތައް ގެނައުމުންނެވެ.