ކަރީނާގެ "ވީރެ ދީ ވެޑިން" ޖޫން މަހަށް ފަސްކޮށްފި
ކަރީނާގެ "ވީރެ ދީ ވެޑިން" ޖޫން މަހަށް ފަސްކޮށްފި

ބަލިވެ އިނުމާ ގުޅިގެން ފިލްމު ކުޅުން ހުއްޓާލުމަށް ފަހު ވިހައި ގަދަވެގެން ކަރީނާ ކަޕޫރު ކުޅުނު ފުރަތަމަ ފިލްމު "ވީރެ ދި ވެޑިން" ނެރޭ ދުވަސް ބަދަލުކޮށްފި އެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމު ނެރޭނީ އަންނަ ޖޫން 1 ވަނަ ދުވަހު އެވެ. ކުރިން ފިލްމު ރިލީޒްކުރަން ހަމަޖެހިފައި އޮތީ މޭ 18 ގަ އެވެ.

ފިލްމުގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރު ކުރި ޓުވީޓެއްގައި ވަނީ ފިލްމު ރިލީޒްކުރުން ފަސްކުރިކަން ޔަގީންކޮށްދީފަ އެވެ. އަދި އެއީ އޭނާގެ ކޮއްކޮ ތުޝާރު ކަޕޫރުގެ ދަރިފުޅުގެ އުފަން ދުވަސް ކަމަށްވާތީ އުފަން ދުވަހުގެ ޕާޓީ ވީރެ ދި ވެޑިން އަށް އެންމެންނަށް ވެސް ދައުވަތު ދޭ ކަމަށް އެކްތާގެ ޓުވީޓްގައިވެ އެވެ.

ފިލްމުގެ ދެ ޕޯސްޓަރެއް މިހާތަނަށް ނެރެފައިވާއިރު އެ ދެ ޕޯސްޓަރުން ވެސް ފެންނަނީ ފިލްމުގައި މުހިއްމު ރޯލުތައް ކުޅޭ ހަތަރު ބަތަލާއިން ކައިވެންޏަކަށް ތައްޔާރުވެ ހެދުން އަޅައިގެން ތިބި މަންޒަރެވެ.

ޝަޝާންކާ ގޯޝް ޑައިރެކްޓްކޮށްފައިވާ "ވީރެ ދި ވެޑިން"ގައި ކަރީނާގެ އިތުރުން ސޯނަމް ކަޕޫރާއި ސްވާރާ ބާސްކަރް އަދި ޝިކާ ތަލްސާނިއާ މުހިއްމު ރޯލުތައް ކުޅެފައިވެ އެވެ. ފިލްމުގައި މި ހަތަރު ބަތަލާއިންނަކީ ވަރަށް ގާތް ހަތަރު އެކުވެރިންނެވެ. ފިލްމުގައި ދައްކަނީ މި ހަތަރު އެކުވެރިން ކައިވެންޏެއްގެ ރަސްމިއްޔާތަށް ގޮސް އުޅުމުގެ ތެރޭގައި ދިމާވާ ކަންތައް ތަކެކެވެ.