12 ޖެނުއަރީ 2018 - 23:50

އެމްޑީޕީގެ ހަރުގެތެރެއަށް، ޕެޓްރޯލް އަޅާފައި ހުރި ކޮތަޅުތަކެއް މިއަދު ހަވީރު ބަޔަކު މީހުން އުކާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު މިރޭ ވިދާޅުވީ، ޖޫސްޕެޓީ ބަންދުކުރާ ކޮތަޅުތަކެއްގެ ތެރެއަށް އަޅާފައި ހުރި ޕެޓްރޯލް ހަރުގެތެރެއަށް އުކީ ހަވީރު ހައެއް ޖަހަން އުޅެނިކޮށް ކަމަށެވެ.
"އެހެން ލާފައި އެވަގުތު ސައިކަލްގައި ދިޔަ ބަޔަކު ކުރި ކަމެއް ކަމަށް ވަނީ. ހަރުގެ ތެރޭގައި ހުރި މީހެއްގެ ގައިގައި އެއް ކޮތަޅުން ޖެހިފައި ޕެޓްރޯލް ބުރައިގެން ދިޔަ. އޭނާގެ ގަމީސް ދޮވެ އަވަހަށް ސާފުކުރީ،" ހެންވޭރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ހަރުގެއަށް ޕެޓްރޯލް އަޅާފައި ހުރި ކޮތަޅުތަކެއް އުކި މައްސަލާގައި އަނަސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަރުގެ ތެރޭގައި ބަޔަކު މީހުން ތިއްބާ ދިން މި ޕެޓްރޯލް ހަމަލައިގެ މައްސަލަ ފުލުސް އޮފީހަށް ހުށަޅާނެ އެވެ.
އެމްޑީޕީގެ ހަރުގެއަށް ޕެޓްރޯލް އަޅާފައި ހުރި ކޮތަޅުތަކެއް އުކާފައިވާއިރު، އާޓިފިޝަލް ބީޗްގެ ސްޓޭޖް ކައިރީގައި، އެ ސަރަހައްދު ފެންނަ ގޮތަށް ފުލުހުންގެ ކެމެރާއެއް ވެސް ހުރެ އެވެ.