12 ޖެނުއަރީ 2018 - 23:16

ހުޅުމާލޭގައި މިއަދު މެންދުރުފަހު ހިނގި އެކްސިޑެންޓެއްގައި ދެ ޒުވާނަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފި އެވެ.
މި އެކްސިޑެންޓުގައި އަނިޔާވީ ފ. ދަރަނބޫދޫ ފީރޯޒްވާދީ، މުހައްމަދު ސުލެއިމާނާއި އެ ރަށު ބަނަފްސާގޭ ހިޝާމް ހާރޫނަށެވެ.
މީގެ ތެރެއިން ހިޝާމްގެ ބޯފަޅައިގެން ދިއުމުން އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު ހާލު ރަނގަޅު ކަމަށް އެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ.
ނަމަވެސް އެކްސިޑެންޓުވިއިރު، ސައިކަލް ދުއްވަން އިން މުހައްމަދުގެ ކަނާތު ލޮލަށް ވަރަށް ބޮޑަށް ލޭ އެރުމުގެ ސަބަބުން ހާލު ސީރިއަސް ކަމަށް އޭނާގެ އާއިލާއިން ބުންޏެވެ. މުހައްމަދުގެ ލޮލުގެ ސްކޭނެއް ހެދުމަށްޓަކައި އޭޑީކޭގައި މިހާރު ވަނީ އެޑްމިޓް ކޮށްފަ އެވެ.
"ލޮލުގެ ސްކޭން ހަދައިފި. ރިޕޯޓްގެ އިންތިޒާރުގައި މިތިބީ،" މުހައްމަދުގެ އާއިލާގެ މީހަކު ބުންޏެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ މެންދުރުފަހު 3:00 ހާއިރު ހިނގި އެކްސިޑެންޓުގައި ދެ ޒުވާނަކަށް އަނިޔާވެގެން އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އެތަނުން އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާތީ، މިހާރު ވެސް އޮބްޒަވޭޝަންގައި ބާއްވާފައިވާ ކަމަށް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެކްސިޑެންޓު ހިނގީ ހުޅުމާލޭގެ މަގެއްގެ ބަމްޕަރު މަތިން ދުއްވާފައި ދިޔަ ސައިކަލް ގޮސް ގަހެއްގައި ޖެހިގެން ކަމަށް ވެ އެވެ.
އައްޑޫ ލިންކް ރޯޑްގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވެސް ދެ ޒުވާނަކަށް ވަނީ އަނިޔާވެފަ އެވެ. އަދި އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވެގެން އިތުރު ފަރުވާއަށް މިއަދު ވަނީ އިމަޖެންސީގައި މާލެ ގެނެސްފަ އެވެ.