12 ޖެނުއަރީ 2018 - 20:44

ޕެރިސް (ޖެނުއަރީ 12) - ހަތިޔާރު އަޅައިގެން ތިބި ބަޔަކު ޕެރިހުގެ ރިޒް ހޮޓަލުގެ ގަހަނާ ފިހާރައަކުން 5.4 މިލިއަން ޑޮލަރުގެ އަގުހުރި ގަހަނާ ވަގަށް ނެގުމަށް ފަހު ފިލަން ދަނިކޮށް ވަގަށް ނެގި ތަކެތި އެޅި ގޯނި ވެއްޓިފައި ވަނިކޮށް ފުލުހުން ހޯދައިފި އެވެ.
ގޯނި އޮތީ ފިހާރަ އިން ވައްކަން ކުރި ފަސް ވަގުންގެ ތެރޭން އެކެއްގެ އަތުން ވެއްޓިފަ އެވެ. ވަގުންގެ ތެރޭން ތިން މީހަކު ވަނީ އަތުލައިގެންފަ އެވެ. އަނެއް ދެ މީހުން ވަނީ ސައިކަލެއްގައި ފިލައިފަ އެވެ. ގޯނި ވެއްޓިފައި އޮތީ ސައިކަލުގައި ދިޔަ ދެ މީހުންގެ އަތުންނެވެ.
ވަޅި އާއި ކޯރާޑި ހިފައިގެން ތިބި ފަސް މީހުންގެ ގޭންގުން ގްރައުންޑް ފްލޯގައި ހުރި ފިހާރައިގެ ކުޑަ ދޮރުގެ ބިއްލޫރިތައް ތަޅާލުމަށް ފަހު ފިހާރަ ލޫޓުވާލީ އިރުއޮއްސި 6 ޖެހިއިރު ކަމަށް ފްރާންސްގެ މީޑިއާތަކުން ބުންޏެވެ. ވަގުން ވައްކަން ކުރި ފަސް ތަރީގެ ހޮޓަލާ ޖެހިގެން ހުންނަނީ ޖަސްޓިސް މިނިސްޓްރީ އެވެ.
ފްރާންސްގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި ވަގުން އަތުލައިގެންފައި ވަނީ ޑިއުޓީގައި ހުރި އޮފިސަރުގެ ހުޝިޔާރު ކަމުންނެވެ. ޕެރިހުގެ ޕޮލިސް ކޮމިޝަނާ ވަނީ ވަގުންގެ ތިން މީހުން ހައްޔަރު ކުރުމަށް އޮފިސަރު ކުރި މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.
މިއީ ޔޫރަޕުގެ ބޮޑު ސިޓީއެއްގައި ހަފުތާއެއްގެ ތެރޭގައި ކުރި ބޮޑު ދެ ވަނަ ވައްކަމެވެ. މި މަހު 3 ވަނަ ދުވަހު އިޓަލީގެ ވެނިސްގެ އެކްޒިބިޝަން ސެންޓަރަކުން ވެސް ވަނީ ދުވާލު ގަޑީގައި ގަހަނާ ވަގަށް ނަގައިފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ ޕެރިހުގެ ހޮޓަލަކުން ކިމް ކާޑޭޝަންގެ ކޮޓަރިން 10 މިލިއަން ޑޮލަރުގެ ގަހަނާ ވަގަށް ނަގައިފަ އެވެ.