13 ޖެނުއަރީ 2018 - 12:04

މިއީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވި ހއ. އުތީމު، މަހާރަދުންގެ ވާހަކައެއް ނޫނެވެ. އެކަމަކު މިއީ ވެސް ހަމަ އެ ރަށަށް އުފަން "މަހާރަދެކެ"ވެ. ބޮޑުތަކުރުފާނުގެ ޖިހާދާއި އެ ރަށަށް ލިބިފައިވާ މަތިވެރި ޝަރަފް ދެމެހެއްޓުމަށް ސޯޝަލް މީޑިއާގައި "އުތީމު މަހާރަދު"ގެ ނަން ބޭނުންކުރާ އިރު އަހުމަދު ސުހައިލަކީ ވެސް އެ ރަށް ފަހުރުވެރިވާނެ ފަދަ ހުނަރުވެރިއެކެވެ.

ކައިވެނީގެ ރަނަށް ދޭ ފައިސާ ރީތި ގޮތަކަށް ހުށަހަޅައި ދިނުމުގައި "އުތީމު މަހާރަދުން" ގިނަ ބަޔަކަށް އެނގޭނެ އެވެ.

ކައިވެނީގެ ރަނެއްގެ ގޮތުން އަނބިމީހާއަށް ދޭ ފައިސާ އަޅާނެ ނުވަތަ ބަހައްޓާނެ ރީތި އެކި ޑިޒައިންތަކުގެ އެއްޗެހި ހަދައިދޭ މީހުން ރާއްޖޭގައި މިހާރު ގިނަ އެވެ. އެކަމަކު މިކަން އެންމެ ފުރަތަމަ ކުރަން ފެށި މީހުންގެ ތެރޭގައި ސުހައިލް ހިމެނޭނެ އެވެ.

މީގެ ދިހަ ވަރަކަށް އަހަރު ކުރިން، ރަހުމަތްތެރިއެއްގެ ކައިވެނީގެ ރަން ރީތި ގޮތަކަށް ސުހައިލް ހުށަހަޅައިދިނުމުގެ ކުރިން އެއީ އެއްގޮތަކަށް ވެސް އޭނާ ކުރި ކަމެއް ނޫނެވެ. އެކަމަކު މިހާތަނަށް އައިއިރު އެތައް ބައެއްގެ ކައިވެނީގެ ރަން އޭނާގެ މަސައްކަތުން ފުރިހަމަކޮށްދީފައިވެ އެވެ. މިދިޔަ އަހަރު އެކަނި ވެސް 338 މީހެއްގެ ކައިވެނީގެ ރަނަށް މިފަދަ އެކި ޑިޒައިންތައް ހަދައިދިނެވެ.

"މިއީ ކުރިން އެއްގޮތަކަށް ވެސް ކުރި ކަމެއް ނޫން. އަތްތެރި މަސައްކަތަކަށް ވެސް ޝައުގެއް ނުހުރޭ. މަންމަމެން ވެސް ބުނާނެ ވަޅިއެއްޗެއްގައި ވެސް އަތް ނުލާ މީހެކޭ މިއީ،" އުމުރުން 36 އަހަރުގެ ޒުވާނާ ބުންޏެވެ.

މި މަސައްކަތުގެ ފުރަތަމަ ތަޖުރިބާ ހިއްސާ ކުރަމުން ސުހައިލް ބުނީ ރަހުމަތްތެރިޔާގެ ކައިވެނީގެ ރަން ކިޔާފައިވަނީ ގިނަ އަދަދެއްގެ ވަކި ލާރިން ކަމަށް ވާތީ އޭނާ ބޭނުންވީ އެތަކެތި ފެެންނާނެ ގޮތަކަށް ތަނެއްގައި ބަހައްޓަން ކަމަށެވެ. އެހެންވެ، އެ ފައިސާ ވަށް ބިއްލޫރި ފުޅިއަކަށް އަޅައި، ރޯނުން ޖަރީކުރީ އެވެ. ކައިވެނީގެ ރަން ދޭއިރު އެގޮތަށް ޑިޒައިން ކުރުމަކީ އޭރު މާލޭގައި އާ ކަމެކެވެ. އެހެންވެ، ގިނަ ބައެއްގެ ލޮލުގައި ސުހައިލްގެ އެ ހުނަރު އަޅައިގަތެވެ. އަދި ދެން ކައިވެނި ކުރި ރަހުމަތްތެރިންނަށް ވެސް އެގޮތަށް ރަން ޑިޒައިންކޮށްދޭން ޖެހުނެވެ. އިސާހިތަކު ސުހައިލްގެ އެ ހުނަރުވެރިކަން ވައިގައި ހިފައިފި އެވެ.

މިހާތަނަށް އައި އިރު ސިޔާސީ ބޮޑެތި މީހުންނާއި ފިލްމީ ތަރިންނާއި ކުޅިވަރު ކުޅޭ މީހުންގެ އިތުރުން ގިނަ ބައެއްގެ ކައިވެނީގެ ރަނަށް ސުހައިލް ވަނީ ޑިޒައިންތައް ހަދައިފަ އެވެ. މިހާރު ވެސް މިފަދަ އަށް ޑިޒައިނެއް ހަދަމުން އަންނައިރު އޭގެ ތެރެއިން ބައެއް އެއްޗެހި ފޮނުވަނީ ރާއްޖޭން ބޭރަށެވެ.

މިހާތަނަށް ކޮންމެ އެއްޗެއް ވެސް އޭނާ ހެދީ ތަފާތު ގޮތަކަށް، އެހެން އެއްޗެއްސާ ވައްތަރު ނުވާނެ ސިފަތަކަށެވެ. އެހެންކަމުން އެއިން ކޮންމެ ޑިޒައިނަކާ މެދު ވެސް އޭނާ ހިތްހަމަ ޖެހެ އެވެ. އެކަމަކު އޭގެ ތެރެއިން ވެސް އެންމެ ގިނަ ބަޔަކު އަޅައިގަތީ ލޯޔަރެއްގެ ކައިވެނީގެ ރަނެއްގެ ގޮތުގައި ހެދި "ކޯޓު ރޫމާއި" އައިޓީ ދާއިރާގައި މަސައްކަތް ކުރާ މީހެއްގެ "މަދަބޯޑު" ރަނާއި ގަޑިއެއްގެ ޑިޒައިނަށް ހަދާފައިވާ ރަނެވެ.
އަންހެން ވަކީލަށް އޭނާގެ ފިރިމީހާ ދިން "ކޯޓު ރޫމު" ރަނަކީ ގައިމު ވެސް ސުހައިލްގެ ހުނަރުވެރިކަން ފެންނަ މަސައްކަތެކެވެ. ލަކުޑިކޮޅުތަކަކުން ވަރަށް ފުރިހަމަކޮށް އޭނާ ކޯޓު ރޫމެއް ސިފަކޮށްދީފައި ހުރި އިރު، އެ ކޮޓަރީގައި ޕޯސްޓެއްގެ ގޮތުގައި ހުރީ ކައިވެނީގެ ރަނަށް ކީ ފައިސާ އެވެ.
"މިއީ އަންހެން ކުއްޖާއަށް ވަރަށް ބޮޑު ސަޕްރައިޒެއް. އަޅުގަނޑު ހަދައިދޭ ކޮންމެ ރަނެއް ވެސް ކުރިން އަންހެން ކުއްޖާއަކަށް ނުދެއްކޭނެ. އަޅުގަނޑު ބޭނުންވަނީ އަންހެން ކުއްޖާ އުފާވާ ކަހަލަ ސަޕްރައިޒަކުން ކައިވެނި ފަށަން،" ސުހައިލް ބުންޏެވެ.
އޭނާ ޑިޒައިން ކުރަނީ ކައިވެނި ކުރާ މީހާ ބޭނުންވާ އަދި އެ ކައިވެނީގެ ތީމަކާ ގުޅޭ ގޮތަކަށެވެ. ބީޗު ވެޑިންއެއް ބާއްވާ ނަމަ، ބޮއްޔާއި ދޮންވެލި ހިމެނޭ ގޮތަށެވެ. ކުޑަ އުނދޯއްޔާއި ޖޯލިފަތި ހިމަނައިގެން އިހުގެ މަންޒަރެއްގެ ގޮތަށެވެ. އަދި އޯޓަމް ތީމުތަކާއި އެކި ކަހަލަ މަލުން ޖަރީކޮށްގެންނެވެ.
ބައެއް ކަހަލަ ޑިޒައިންތައް އޭނާއަށް ތިން ގަޑިއިރުން ނިންމާލެވޭއިރު ބައެއް ޑިޒައިންތަކަށް ތިން ދުވަސް ވެސް ހޭދަވެ އެވެ. މި މަސައްކަތް ކިތަންމެ ކަވި ވެފައި ރީތި ނަމަވެސް ބޮޑު އަގެއް ނުގަނަ އެވެ. ސުހައިލް ބުނި ގޮތުގައި އޭނާ ޑިޒައިން ހަދަނީ މީހުން ކިޔާ އަގަށް އެންމެ އެކަށީގެންވާ ގޮތަށެވެ.
"މިއީ އަޅުގަނޑު ވިޔަފާރިއަކަށް ވުރެ ބޮޑަށް ޝައުގު ހުންނާތީ ކުރާ މަސައްކަތެއް. އެހެންވެ، މަސައްކަތް މާކަވި ނަމަވެސް ބޮޑު އަގެއް ނުނަގަން. ގިނަ ފަހަރަށް އަގު ނަގަނީ ވެސް މެޓީރިއަލް ކޮސްޓަށް. އަޅުގަނޑު ބަލަނީ އެ މީހަކަށް އެފޯޑް ކުރެވޭޗވަރަކަށް،" ސުހައިލް ބުންޏެވެ.
އޭނާގެ މި މަސައްކަތް ގިނަ ބަޔަކު ބަލައިގަނެ އެވެ. އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވެސް މީހުން އެ މަސައްކަތާ މެދު ފާޅުކުރާ ޕޮޒިޓިވް ހިޔާލުތަކެވެ.
މިހާރު މި މަސައްކަތް ކުރާ ގިނަ ބަޔަކު އުޅުނު ނަމަވެސް އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސުހައިލްގެ ބައެއް ޑިޒައިންތައް ބައެއް މީހުން ކޮޕީ ކުރުމެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި، ރިޕީޓު ނުވާ ގޮތަށް ގިނަ އަދަދެއްގެ ރަން ޑިޒައިންކޮށްދީފައިވީ ނަމަވެސް މިހާރު ބައެއް މީހުން އޭނާގެ އެ ޑިޒައިން އެއްވެސް ތަފާތެއް ނެތް ގޮތަށް ކޮޕީކުރާ ކަމަށް ސުހައިލް ބުންޏެވެ.
މަސައްކަތް ކުރާ ގިނަ ބަޔަކު އުފެދުނު ނަމަވެސް މިއީ ފުުޅާކޮށް ހިންގިދާނެ ވިޔަފާރިއެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ. އެހެންވެ، އޭނާގެ ހުވަފެނަކީ ކުރިއަށް އޮތް ތަނުގައި ރަނުގެ އިތުރުން ކައިވެނީގެ ކާޑާއި މެހެމާނުން ސޮއިކުރާ ފޮތް ވެސް ޑިޒައިން ކުރުމެވެ.
މީގެ ކުރިން އޮންނަ އާދަ އަކީ ރަނުގެ ގޮތުގައި އަނބިމީހާއަށް ދޭ ފައިސާ ރައްކާކުރުން ނަމަވެސް މިހާރުގެ ޒުވާނުން ބޭނުން ވަނީ ކައިވެނީގެ ހަނދާނެއްގެ ގޮތުން އެ ފައިސާ އަބަދުވެސް ފެންނަ ފަށުގައި ބަހައްޓާށެވެ. އެހެންވެ މިއީ ޔަގީނުން ވެސް އެ މީހުންނަށް ސުހައިލް ދޭ ބޮޑު ހަދިޔާއެކެވެ.