ސޯޝަލް މީޑިއާގައި ދައުރުވަނީ ރާނީގެ ދަރިފުޅުގެ ފޮޓޯއެއް ނޫން: ތަރުޖަމާނު
ސޯޝަލް މީޑިއާގައި ދައުރުވަނީ ރާނީގެ ދަރިފުޅުގެ ފޮޓޯއެއް ނޫން: ތަރުޖަމާނު

ރާނީ މުކަރުޖީގެ ދަރިފުޅު އަދިރާގެ ފޮޓޯއެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިއްޔެ ތުއްތު ކުއްޖެއްގެ ފޮޓޮއެއް ވަނީ ދައުރުވާން ފަށައިފަ އެވެ.

މި ފޮޓޯ ޝެއާކޮށްފައި ވަނީ "އައިއޭމްރާނީމުކަރުޖީ" ކިޔާ އިންސްޓަގްރާމް އެކައުންޓަކުންނެވެ. މި އެކައުންޓުން ޕޯސްޓްކޮށްފައި ވަނީ ރާނީގެ ދަރިފުޅު ކަމަށް ބުނާ ތުއްތު ކުއްޖާގެ ފޮޓޯ އެކަންޏެއް ނޫނެވެ. އަދިރާގެ އެނދާއި އޭނާގެ އުނދޯލިކަމަށް ބުނާ ފޮޓޯތަކެއް ވެސް މި އެކައުންޓުން ޝެއާކޮށްފައި ވެއެވެ.

ނަމަވެސް ހަގީގަތުގައި މި އިންސްޓަގްރާމް އެކައުންޓަކީ ރާނީގެ އަސްލު އެކައުންޓެއް ނޫނެވެ. އަދި ރާނީގެ ދަރިފުޅު އަދިރާގެ ފޮޓޯކަމަށް ބުނެ ޕޯސްޓްކޮށްފައިވާ ފޮޓޯއަކީ ވެސް އަދިރާގެ ފޮޓޯއެއް ނޫނެވެ.

މިކަމާ ގުޅޭ ގޮތުން ރާނީގެ ސްޕޯކްސްޕާސަން ވަނީ ބަޔާނެއް ނެރެފަ އެވެ. މި ބަޔާނުގައި ބުނެފައިވަނީ ރާނީ އެއްވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ބޭނުންނުކުރާ ކަމަށާއި ރާނީގެ ނަމުގައި ވަރަށް ގިނަ ފޭކް އެކައުންޓްތައް ސޯޝަލް މީޑިއާގައި ހަދާފައިވާ ކަމަށެވެ. އަދި އެއްވެސް މީހަކު މިއީ އަސްލު ރާނީގެ އެކައުންޓްތަކެއް ކަމަށް ގަބޫލު ނުކުރުމަށް ވެސް މި ބަޔާނުގައި އެދިފައިވެ އެވެ.