13 ޖުލައި 2016 - 06:12

ސަލްމާން ޚާންގެ "ސުލްތާން"ގެ ކާމިޔާބީތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މިހާރު ލަފާ ކުރެވޭގޮތުން 200 ކްރޯޑު (2000 މިލިއަން ރުޕީޒް) ހޯދައިގެން މިފިލްމު އަނެއްކާވެސް އާ އުސްމިންތަކަކަށް ދަތުރުކުރާނެ އެވެ.
އުމުރުން 50 އަހަރު ވެފައިވިޔަސް މި ފިލްމުގައި ސަލްމާން ދެއްކި އާދަޔާޚިލާފު ކުޅަދާނަކަމަށް ވެސް ގިނަ ބަޔަކު ދަނީ ތައުރީފުކުރަމުންނެވެ. ނަމަވެސް އެންމެންނަކީ ސަލްމާނަށް ތައުރީފުކުރާ ބަޔަކަށް ވެސް ނުވާނެ އެވެ. އޭނާއާ ހިތްހަމަނުޖެހޭ އޭނާ ދެކެ ރުޅިއަންނަ މީހުން ވެސް ތިބޭނެކަން ޔަގީނެވެ.
މިފަދަ ބައެއް މީހުން ސޯޝަލް މީޑިއާ އާއި ބައެއް ޓޯކް ޝޯ ތަކުގައި ސަލްމާނަށް ނިސްބަތްކޮށް ފާޑުފާޑުގެ މަލާމާތުގެ ބަސްތައް ރައްދުކުރަމުން ދެއެވެ.
މީހުން މަލާމަތްކޮށް ފާޑުކިޔަސް ސަލްމާނަށް އަސަރެއް ނުކުރެ އެވެ. ނަމަވެސް ފަހަކަށް އައިސް ސަލްމާނާ ބެހޭ ގޮތުން ދެކެވޭ ތަފާތު ވާހަކަތަކުގެ ސަބަބުން އޭނާގެ ބައްޕަ ސަލީމް ޚާން ހުރީ ވަރަށް ރުޅިގަދަވެފަ އެވެ.
އެގޮތުން ޓީވީން ދެއްކި ބަހުސެއްގައި ބައިވެރިވި ބަޔަކު ސަލްމާނާ މުޚާތަބުކޮށް އެތައް ފަހަރަކު އޭނާއަކީ "ކާފަކިޔާ އުމުރުގެ މީހެއް" ކަމަށް ބުނެ ވާހަކަ ދައްކަމުން ދިޔަ އެވެ. ސަލީމް ޚާން މި ޓޯކް ޝޯ ބަލާފައި ރުޅިގަދަވީ ވަކި ވަރަކަށް ނޫނެވެ.
"ޓީވީ ބަހުސެއްގައި، ސަލްމާނަކީ ކާފައެއްހާ މުސްކުޅިއެކޭ ކިޔައިގެން ތަކުރާރުކޮށް އެތައް ފަހަރަކު ވާހަކަ ދެއްކި. އަހަރެން އެމީހުން ގާތު ބުނެލަން ބޭނުންވަނީ ތިއޭޓަރަށް ގޮސް 'ސުލްތާން' ބަލާފައި ކާފައެއް އުމުރުގެ މީހަކު މިފަދަ ކަމެއް ކުރާނީ ކިހިނެއްތޯ ދެން ޚިޔާލަށް ގެންނާށޭ،" ސަލީމް ޓްވީޓްކޮށްފައިވެ އެވެ.
އޭނާގެ އެހެން ޓުވީޓެއްގައި، ކާފަ އުމުރުގެ މުސްކުޅި މީހަކު މިފަދަ ރޯލެއް އަދާކުރާނީ ކިހިނެއްތޯ އާއި އެހެން މީހުންނަށް އަނިޔާދިނުމަކީ ބައެއް މީހުން ވަރަށް ކުރާހިތްވާ ކަމެއް ނަމަވެސް އެފަދަ ކަންތައްތައް ނުކޮށް ދޫކޮށްލުމަކީ އެހެން ހުރިހާ ކަމަކަށްވުރެ ވެސް މާ ރަނގަޅުކަމެއް ކަމަށް ބުނެފައިވެ އެވެ.