ޕަރިނީތީ ލޫޅާފަތިވުމުގައި ވަރުންގެ ރޯލު ވަރަށް ބޮޑު
ޕަރިނީތީ ލޫޅާފަތިވުމުގައި ވަރުންގެ ރޯލު ވަރަށް ބޮޑު

ޕަރިނީތީ ޗޯޕްރާގެ ހަށިގަނޑު މިހާރު ވަރަށް ލޫޅާފައްޗެވެ. މީގެ ދެ އަހަރެއްހާ ކުރިން ޕަރިނީތީ ފަލަކޮށް ހުއްޓާ ފެނުނަސް މިހާރު އޭނާ ވަނީ ބަރުދަން ލުއިކުރުމުގައި ހައިރާންވާ ވަރުގެ ބޮޑު ކާމިޔާބެއް ހޯދާފަ އެވެ.

ފިލްމު ކުޅެން ފެށީއްސުރެ، ޕަރިނީތީ ފަލަކަމުން ގިނަބަޔަކު ދިޔައީ އޭނާއަށް މަލާމާތްކުރަމުންނެވެ. އަދި މިކަންވީ ޕަރިނީތީ އަށް ވެސް އިންތިހާއަށް ކަންބޮޑުވުން އިހްސާސް ކުރެވުނު ކަމަކަށެވެ.

ޚުދް ޕަރިނީތީ ވެސް ބުނެފައިވާ ގޮތުގައި އޭނާގެ ބަރުދަނުގެ ސަބަބުން ވަރަށް ގިނަ ޕްރެޝަރުތައް ކުރިމަތިވި އެވެ. އެހެންކަމުން ފިލްމު ކުޅުމާ ދުރުގައި ދުވަސްކޮޅަކު ހުރެގެން ވަރަށް ހިތްވަރާއެކު ޕަރިނީތީ ވަނީ ލޫޅާފަތި ހަށިގަނޑެއް ހޯދާފަ އެވެ. އަދި މި މަސައްކަތުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ދިން އެކަކީ އެކްޓަރު ވަރުން ދަވަން އެވެ.

ހިކެން ބޭނުންވެގެން ޕަރިނީތީ އެންމެ ބޮޑަށް ޑައެޓްކުރި ދުވަސްވަރު އޭނާއަށް އެހީތެރިވީ ވަރުން ކަމަށް ބުނެފައިވެ އެވެ.

ވަރުންގެ އާ ފިލްމު "ޑިޝޫމް"ގައި އޭނާ އާއި ޕަރިނީތީ ހަރަކާތްތެރިވާ ޑާންސް އައިޓަމެއް ޝޫޓްކުރަމުން ދިޔަ ދުވަސްވަރަކީ ޕަރިނީތީ އެންމެ ބޮޑަށް ހިކެން ބޭނުންވެގެން ޑައެޓްކުރި ދުވަސްވަރެވެ.

ވަރުން ބުނި ގޮތުގައި އޭރު ޕަރިނީތީގެ ކެއުމުގައި ހިމެނެނީ ފެނާއި ޖޫސް އަދި ބައެއް ވައްތަރުގެ ތަރުކާރީ އެކަންޏެވެ. އެހެންކަމުން ޕަރިނީތީ އެ ދުވަސްވަރު ފެންނަނީ ގައިން ވަރުދޫވެފައި ހުއްޓަ އެވެ. އަދި ގައިގައި ވަރުޖައްސަން ކުރާނީ ކީއްތޯ ޕަރިނީތީ އަހާ ކަމަށް ވަރުން ބުންޏެވެ.

ވަރުން ޕަރިނީތީ އަށް ދިން އިރުޝާދަކީ ކާއެއްޗިއްސަށް މާމުއި އެއްކޮށްގެން ބޭނުންކުރުމެވެ. ވަރުންގެ މި އިރުޝާދުން ޕަރިނީތީ އަށް ވަރަށް ފައިދާ ކުރިކަމަށްވެ އެވެ.

ވަރުން ބުނި ގޮތުގައި ފިޓްނަސްގެ ކަންތަކުގައި އޭނާއަށް އެންމެ ކަމުދަނީ ޖޯން އަބްރަހަމްގެ އުސޫލުތަކެވެ. އެހެންކަމުން "ޑިޝޫމް"ގައި ޖޯންއާ އެކު މަސައްކަތް ކުރިއިރު ޖޯންގެ ފަރާތުން އޭނާއަށް ވަރަށް ގިނަ ކަންތައްތައް ވަނީ ދަސްވެފަ އެވެ.

ޖޯން އެއްގޮތަކަށްވެސް ޖަންކް ފުޑާއި ހަކުރު ބޭނުން ނުކުރާ ކަމަށް ވަރުން ބުންޏެވެ. އަދި ކޮންމެ އެކްޝަން މަންޒަރެއްގެ ކުރިން ޖޯން މާމުއި ބޯ ކަމަށާއި އޭރުން ހަކަތަ ވަރަށް ބޮޑަށް އިތުރުވެގެންދާ ކަމަށް ވެސް ވަރުން ބުންޏެވެ.

އެހެންވެ ޕަރިނީތީ އަށް ވެސް މާމުއި ބޭނުންކުރަން ވަރުން ދިން އިރުޝާދުގެ ބޭނުން ހިފައި ޕަރިނީތީ ވެސް ކެއުމުގައި މާމުއި ބޭނުންކުރަން ފެށުމުން އޭނާ ހިކުމަށް ކުރަމުންދިޔަ މަސައްކަތަށް ބޮޑު އެހީތެރިކަމެއް ލިބުނެވެ.