11 ޖެނުއަރީ 2018 - 19:29

ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން އިންޑިއާއަށް މިހާރު ކުރައްވާ ދަތުރުގައި ފޮރިން މިނިސްޓަރު އާސިމް ވަނީ ރާއްޖެއާ އިންޑިއާ ދެމެދު އޮތް ގާތްގުޅުމާ ގުޅުމާ ގުޅޭ ގޮތުން މޯދީއާ ވާހަކަ ދައްކަވާފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް ރައީސް ޔާމީން ގެންގުޅުއްވާ "އިންޑިއާ ފަސްޓް" ޕޮލިސީއާ މެދު އެ ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ މުހިއްމުކަމާ ގުޅޭގޮތުން ވެސް ވާހަކަ ދެއްކެވި ކަމަށް އެތަނުން ބުންޏެވެ.
އޭގެ އިތުރުން ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ވެދީފައިވާ އެހީތަކަށް ޑރ. އާސިމް ޝުކުރު އަދާކުރެއްވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
މި ބައްދަލުވުމުގައި ބޮޑު ވަޒީރު މޯދީ ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވައި، އެކި ދާއިރާތަކުން އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް އެ ގައުމަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މި ދަތުރުގައި އޭނާ ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖްއާ ވެސް ބައްދަލު ކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ވެސް "އިންޑިއާ ފަސްޓް" ޕޮލިސީ އާއި އަވަށްޓެރި ގައުމުތަކާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް އެ ގައުމުން ގެންގުޅޭ "ނެއިބަހުޑް ފަސްޓް" ޕޮލިސީއާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވި ކަމަށް އެންމެ ފަހުން އަޑުފެތުރުނީ، ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގައި ރާއްޖެ ސޮއިކުރުމާ ގުޅިގެންނެވެ. އެ އެއްބަސްވުމާއެކު، ޗައިނާގެ ބާރު އިންޑިއާ ކަނޑުގައި ގަދަވެ، ޗައިނާގެ ނުފޫޒު މި ސަރަހައްދަށް ބޮޑުވުމުގެ ބިރު އޮތް ކަމަށް އިންޑިއާގެ ބައެެއް މީޑިއާތަކުގައި ވެސް ބުނެފައިވެ އެވެ. ނަމަވެސް ދިވެހި ސަރުކާރުން ބުނަމުން އަންނަނީ އެފްޓީއޭގެ ސަބަބުން ރާއްޖެ-އިންޑިއާގެ ގުޅުމަށް ބުރުލެއް ނާރާނެ ކަމަށެވެ.
އަދި ރަސްމީކޮށް ދެ ގައުމުގެ އިސް އޮފިޝަލުން ވެސް ވިދާޅުވަމުން ގެންދަވަނީ ގުޅުން ގޯސް ނުވާ ކަމަށެވެ.