12 ޖެނުއަރީ 2018 - 05:16

މިދިޔަ އަހަރު ރިލީޒް ކުރި "ބޮސް" އަށް ލިބުނު ކާމިޔާބީއާ ދޭތެރޭ ޕްރޮޑިއުސަރު ފާތުމަތު ނަހުލާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ. އޭނާ ބުނެފައިވާ ގޮތުން 2019 އަކީ ޑައިރެކްޓް ކުރާ ފިލްމެއް ވެސް ސިނަމާ އަށް ވެސް އަންނާނެ އަހަރެކެވެ.
އެކަމަކު އޭގެ ކުރިން ނަހުލާގެ އެހެން އުފެއްދުމެއް ބެލުންތެރިންނާ ހަމައަށް މި އަހަރު އައުމުގެ ފުރުސަތު އެބަ އޮތެވެ. އިންތިޒާރުކޮށްލަން ޖެހެނީ އަންނަ އެޕްރީލް މަހާ ހަމައަށެވެ.
ފޭސްބުކްގައި ނަހުލާ ވަނީ ސްކްރިޕްޓެއްގެ މަސައްކަތް ކުރަމުން އަންނަ ވާހަކަ ހިއްސާކޮށްފަ އެވެ. އޭގެ ތަފުސީލަކަށް ނުގޮސް ބުނެފައި ވަނީ ބޮޑު ޕްރޮޖެކްޓެއް ކުރިއަށް އެބަ އޮތް ކަމަށެވެ.
"މި ބޮޑު ޕްރޮޖެކްޓް" އަކީ ކޮބައިތޯ އަހައިލުމުން ހިނިގަނޑެއް ޖަހާލައިފައި ނަހުލާ ބުނީ "މިއީ ފިލްމަކަށް ވުރެ ބޮޑު ޕްރޮޖެކްޓެއް" ކަމަށެވެ.
"ބޭނުމެއް ނޫން އަދި ކޯއްޗެއް ކަމެއް ބުނާކަށް. މި އަންނަނީ ސްކްރިޕްޓް ލިޔަމުން. ފެބްރުއަރީ އެންޑާ ހަމައަށްދާ އިރު، މީގެ މަސައްކަތް އެއްކޮށް އޮންނާނީ ނިމިފައި. އަދި މާޗް 20 އާ ހަމައަށްދާ އިރު، ޕްރޮޖެކްޓް އޮންނާނީ ގާތްގަނޑަކަށް އެކީގައި ކޮމްޕްލީޓްވެފައި." ކާމިޔާބު ފިލްމްތަކާއި ޑްރާމާތަކެއް ގެނެސް ދީފައިވާ ޑައިރެކްޓަރު ބުންޏެވެ.
ނަހުލާ ބުނީ "ފިލްމަކަށް ވުރެ ބޮޑު ޕްރޮޖެކްޓް އެޕްރީލް ތެރޭގައި ފެންނަ ވަރު ވާނެ" ކަމަށެވެ.
"އެކަމަކު އަދި ސީދާ ޑޭޓެއް ކަނޑައެއް ނާޅަން،" ތަކުރާރުކޮށް އެހުމުން ވެސް، ފިލްމެއްތޯ ޔަގީންކޮށް ނުދީ ނަހުލާ ބުންޏެވެ.
އެހެންވެ ފަހަރުގައި "މި ބޮޑު ޕްރޮޖެކްޓް" އަކީ ވެބް ސީރީޒެއް ނުވަތަ ދިގު ދެމިގެންދާ ޑްރާމާ ސިލްސިލާއަކަށް ވެދާނެ ހެއްޔެވެ؟
"އެއެއް ވެސް ނުބުނާނަން މި ވަގުތަކު. އާ ކަމެއް ތައާރަފު ކުރަން ބޭނުންވެގެން ފަށާ މަސައްކަތެއް މިއީ،" ސްކްރިޕްޓަކީ އިޖުތިމާއީ އެކިއެކި މައްސަލަތަކަށް ވަރަށް ބޮޑަށް ފޯކަސްކޮށްގެން ލިޔަމުންދާ އެއްޗެއްކަން ފާހަގަކޮށް ނަހުލާ ބުންޏެވެ.
އޭނާ ބުނީ މިއީ ވަރަށް ބޮޑު ކާސްޓަކާ އެކު ފަށާ މަސައްކަތެއް ކަމަށެވެ. އަދި މިހާރުގެ މަޝްހޫރު ބައެއް ތަރިންނާ އެކު އާ އެކްޓަރުންތަކެއް ވެސް ފެނިގެން ދާނެ ކަމަށް ބުންޏެވެ.
"ސްކްރިޕްޓް މި ލިޔަނީ ބައެއް ތަރިން މައިންޑްގައި ވެސް ބައިންދައިގެން. އެކަމަކު އަދި އެއްވެސް ސްޓާރަކާ މިއާ ބެހޭ ގޮތުން ވާހަކައެއް ނުދައްކަން،" އާންމުކޮށް ލޯބީގެ ފިލްމްތައް ގެނެސް ދިން ނަމަވެސް 2016 ގައި "4426" ހަދައިގެން ބެލުންތެރިން ބިރު ވެސް ގަންނުވާލި ޑައިރެކްޓަރު ބުންޏެވެ.