11 ޖެނުއަރީ 2018 - 12:51

ޕެރިސް (ޖެނުއަރީ 11) - ހަތިޔާރު އަޅައިގެން ތިބި ބަޔަކު ޕެރިހުގެ ރިޒް ހޮޓަލުގެ ގަހަނާ ފިހާރައަކުން މިލިއަން ޑޮލަރުގެ ވައްކަން ކޮށްފި އެވެ.
ވަޅި އާއި ކޯރާޑި ހިފައިގެން ތިބި ފަސް މީހުން ފިހާރައިގެ ކުޑަ ދޮރުގެ ބިއްލޫރިތައް ތަޅާލުމަށް ފަހު ފިހާރަ ލޫޓުވާލީ އިރުއޮއްސި 6 ޖެހިއިރު ކަމަށް ފްރާންސްގެ މީޑިއާތަކުން ބުންޏެވެ. ފުލުހުން ބުނީ މި ވައްކަމާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ދެ މީހަކު ވަނީ ފިލައިފަ އެވެ. ފިހާރައިން ލޫޓުވާލި ގާތްގަނޑަކަށް ހަތަރު މިލިއަން ޔޫރޯ (5.4 މިލިއަން ޑޮލަރު) ގެ ގަހާނާގެ ތެރޭން އެއްވެސް އެއްޗެއް ހޯދުނު ކަމެއް ނޭނގެ އެވެ. ވަގުން ވައްކަން ކުރި ފަސް ތަރީގެ ހޮޓަލާ ޖެހިގެން ހުންނަނީ ޖަސްޓިސް މިނިސްޓްރީ އެވެ.
ފްރާންސްގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި ޑިއުޓީގައި ހުރި އޮފިސަރަކު ވަގުންނަށް ހުރަސް އެޅި ނަމަވެސް ދެ މީހަކު ވަނީ ސައިކަލުގައި ފިލައިފަ އެވެ. ޕެރިހުގެ ޕޮލިސް ކޮމިޝަނާ ވަނީ ވަގުންގެ ތިން މީހުން ހައްޔަރު ކުރުމަށް އޮފިސަރު ކުރި މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.
މިއީ ޔޫރަޕުގެ ބޮޑު ސިޓީއެއްގައި ހަފުތާއެއްގެ ތެރޭގައި ކުރި ބޮޑު ދެ ވަނަ ވައްކަމެވެ. މި މަހު 3 ވަނަ ދުވަހު އިޓަލީގެ ވެނިސްގެ އެކްޒިބިޝަން ސެންޓަރަކުން ވެސް ވަނީ ދުވާލު ގަޑީގައި ގަހަނާ ވަގަށް ނަގައިފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ ޕެރިހުގެ ހޮޓަލަކުން ކިމް ކާޑޭޝަންގެ ކޮޓަރިން 10 މިލިއަން ޑޮލަރުގެ ގަހަނާގެ ވައްކަން ކޮށްފަ އެވެ.