13 ޖެނުއަރީ 2018 - 09:28

ޓްރެކްގައި ވެސް މާލެ ވަށައިގެން ވެސް މީހުން ދުވަނީ އެވެ. އެކަމުގައި އުޅޭ މީހުން ހުސްވާ ވަގުތެއް ނާދެ އެވެ. މިކަން މިހާ ބޮޑު ކަމަކަށް ވެގެން މި އުޅެނީ މިފަދަ ދިރިއުޅުމަކަށް، ކުޑައިރުން ފެށިގެން އަހަރެމެން ތައްޔާރުވެފައި ނެތުމުންނެވެ. ދިރިއުޅުމުގެ ބަޔަކަށް އެކަން ވެފައި ނެތުމުންނެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ފަށާއިރު އެއީ މިއީ ހިނގާބިނގާވެ ހަރަކާތްތެރިކޮށް އުޅުމުގެ މުހިންމުކަން ކުދިންނަށް ދަސްކޮށްދޭން ފަށަން ރަނގަޅު ދުވަހެކެވެ. އެހެންވެ، ސްކޫލަށް ދާ ފުރަތަމަ ދުވަހު ހިނގާފައި ދިއުމަށް ބާރު އަޅައި ކެމްޕެއިނެއް ކުރިއަށް އެބަ ގެންދެ އެވެ. މިކަމުގައި އެންމެ އިސްކޮށް އުޅެނީ، މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލް މަރުޒޫގު އަހުމަދު (މަރޭ) އެވެ.
ދުވާލަކު މަދުވެގެން 10،000 އަށްވުރެ ގިނަ ފިޔަވަޅު އަޅަންޖެހޭ ކަމަށް ދިރާސާތަކުން ދައްކާއިރު، މަރޭ ބުނީ އެ އަދަދާ ގާތްކުރާ އަދަދަށް ވެސް ގިނަ ދިވެހިންނަށް ފިޔަވަޅު ނޭޅޭ ކަމަށެވެ. އެހެންވެ ސިއްހަތާ މެދު އިތުރަށް ވިސްނައި، ދަރިވަރުންނަށް އިތުރު ހިތްވަރެއް ދޭންޖެހޭ ކަން އޭނާ ފާހަގަކުރި އެވެ.
"ކުޑައިރު ކުދިންނަށް މި ޖެހެނީ ދުޅަހެޔޮ ސިއްހަތަކަށް ކަންތައްތައް ދަސްކޮށްދޭން. އެކަމަކު ގެއިން ނިކުމުގެއިން ސައިކަލުގައި ސްކޫލަށް މި ދަނީ. ސްކޫލު ނިންމާފައި އަނެއްކާ ވެސް ގެއަށް ސައިކަލުގައި މި ދަނީ. ދެން ކޮންމެ ވެސް ޓްރެއިނިން އަކަށް މި ދަނީ އަނެއްކާ ސައިކަލުގައ،ި" މަރުޒޫގު ބުންޏެވެ.
އޭނާ ބުނިގޮތުގައި ދަރިވަރުންނަށް މާލޭގެ މަގުތަކުގެ ހާލަތު އެނގުން މުހިއްމެވެ.
"މިހާރު މި ފެންނަނީ ދުވާރުގެ ބޭނުން ނެތިގެންދާތަން ބޮޑަށް. މަގުމަތީގެ ހާލަތާއި މަގުމަތީގައި އުޅޭއިރު އަމަލުތައް ބަހައްޓަންް ޖެހޭ ގޮތާއި ގަވާއިދުތައް ކިޔައިދޭން އެބަޖެހޭ،" މަރުޒޫގު ބުންޏެވެ.
މި ކެމްޕެއިނާ ގުޅޭގޮޮތުން ވާހަކަދައްކަވަމުން ޣިޔާސުއްދީން ސްކޫލުގެ ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވީ، ހިނގާފައި ސްކޫލަށް ދިއުމާ ގުޅޭގޮތުން އެކަމުގައި އިސްކޮށް އުޅޭ މީހުންނާ މަޝްވަރާކުރާނެ ކަމަށެވެ. އެއީ ވަރަށް ރަނގަޅު ކެމްޕެއިނެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހިނގާފައި އައީމަ އެއީ ލިބޭ ކަސްރަތެއް. އަދި ވަގުތުގެ ގޮތުން ވެސް ފައިދާތަކެއް އެބަ ލިބޭ. ޓްރެފިކްގައި ޖެހިގެން ލަސްވުމާއި ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ވެސް މުހިއްމު ކަމެއް،" ތޯހާ ވިދާޅުވި އެވެ.
ޣިޔާސުއްދީނުން މީގެ ކުރިން ވެސް ވަނީ ބައިސްކަލުގައި ސްކޫލަށް ދިއުމަށް ކެމްޕެއިނެއް ފަށައިފަ އެވެ. އެކަމަކު މާލޭގެ މަގުތައް އޮތް ގޮތުން، އެ ކެމްޕެއިން ރަސްމީކޮށް ކުރިއަކަށް ނުގެންދެ އެވެ.
މަރުޒޫގު ބުނީ ހިނގާފައި ސްކޫލަށް ދިއުމުގެ ކެމްޕޭނާ ބެހޭ ގޮތުން ބެލެނިވެރިންނާއި ސްކޫލްތަކާ ވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އޭނާ ބުނީ މިއަދުގެ ކުޑަކުދިން ގައުމު ހިންގުމާ ހަވާލުވާ ހިސާބަށް ދާއިރު މަގުތަކާއި ސިއްހީ މައްސަލަތަކުގެ ހާލަތު އެ ކުދިންނަށް ވިސްނައިދެވިފައި އޮތުން މުހިންމުވާނެ ކަމަށެވެ.