ޖާނީގެ އޮފީސް ހިންގާ ބިން ހުސްކުރަން އަންގައިފި
ޖާނީގެ އޮފީސް ހިންގާ ބިން ހުސްކުރަން އަންގައިފި

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާ، ޖާނީގެ އޮފީސް ހިންގުމަށް ސަރުކާރުން ދީފައިވާ ބިން ހުސްކުރުމަށް ހައުސިން މިނިސްޓްރީން އަންގައިފި އެވެ.

ޖާނީގެ އޮފީސް ހިންގާ ބިން ހުސްކުރަން އަންގައިފި
ޖާނީގެ އޮފީސް ހިންގާ ބިން ހުސްކުރަން އަންގައިފި

އަލިކިލޭގެފާނުގެ މަގުގައި ހުންނަ އެ ބިމުގައި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި ޖާނީ، 2005 އިން ފެށިގެން ހިންގަމުން އަންނައިރު އެނގިފައިވާ ގޮތުގައި، މި މަހުގެ ނިޔަލަށް އެތަން ހުސްކުރުމަށް ހައުސިން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

"އަޅުގަނޑުމެންނަށް ދީފައިވާ 4،000 އަކަފޫޓުގެ ބިން ހުސްކުރަން އަންގާފައި ވަނީ. އެތަން މި މަހުގެ ނިޔަލަށް ހުސްނުކޮށްފި ނަމަ އެތަނުގައި ހުރި ތަކެއްޗަށް ގެއްލުން ވިޔަސް ޒިންމާ ނުވެވޭނެ ކަމަށް އެންޑީއޭއިން އަންގާފައިވޭ،" ޖާނީގެ ބޭފުޅަކު ވިދާޅުވި އެވެ.

އެބިން ހުސްކުރަން އެންގި ސަބަބާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް އަދިއެއް ނުލިބެ އެވެ.

ޔުނިސެފްގެ އެހީގައި އޮފީސް އިމާރާތަކާއި ކްލާސް ރޫމްތަކެއް އެ ބިމުގައި އިމާރާތްކޮށްފައިވާއިރު، އެތަން ބޭނުން ކުރަމުން އަންނަނީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނަށް ހިންގާ އެކިއެކި ހޭލުންތެރި ކުރުމުގެ ޕުރޮގްރާމްތަކަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

"ފަރުވާއަށް ދާން ބޭނުންވާ މީހުންނަށް ހިލޭ ފޯމްތައް ފުރައި ދިނުން ވެސް އަޅުގަނޑުމެން ކުރިއަށް ގެންދަން. އަދި އެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުން މުޖުތަމައަށް ގިނަވެގެން އުޅުން ހުއްޓުވުމަށް އެތަނުގައި މުނިފޫހިފިލުވުމުގެ އިންތިޒާމް ވާނީ ހަމަޖައްސާފައި. އިންޓަނެޓް ލިބޭނެ. ކޮފީ ލިބޭނެ. ފިލްމު ބެލޭނެ." އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ބިން ހުސްކުރުމަށް އެންގުމާއެކު، އެ ޖަމިއްޔާ ހިންގުމަށް މާލެއިން ނުވަތަ ހުޅުމާލެއިން ބިމެއް ދިނުމަށް ސަރުކާރުގައި އެތައް ފަހަރަކު އެދިފައިވާނެ އެވެ. ނަމަވެސް އެކަން ކޮށް ނުދިނުމުން ދެން ޖާނީ ހިންގަން ނިންމާފައިވަނީ އެއްކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.