11 ޖެނުއަރީ 2018 - 11:06

މެޕްސް އިންޓަނޭޝަނަލް ހައި ސްކޫލުގައި އޭ ލެވެލްއަށާއި ބީޓެކަށް ހިލޭ ކިޔެވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް އާސިމް އަބްދުލްސައްތާރު ވިދާޅުވީ އެ ސްކޫލުން ކިޔެވުމަށް އެދުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އޯ ލެވެލްގައި ފަސް މާއްދާ އިން އަދި އޯ ލެވެލް ބީޓެކުން ހަތަރު މާއްދާ އިން ފާސްވެފައިވާ ދަރިވަރުންނަށް މެޕްސްގައި ސަރުކާރުގެ ޚަރަދުގައި ހިލޭ ކިޔެވޭނެ އެވެ.
އެ ޝަރުތު ހަމަނުވާ ދަރިވަރުންނަށް ވެސް ފީ ދައްކައިގެން ކިޔެވުމުގެ ފުރުސަތު އޮންނާނެކަން އާސިމް ފާހަގަަކުރެއްވި އެވެ. އޭ ލެވެލް އަށް ކިޔަވައިދޭ އެހެން ސްކޫލުތަކާ ހިލާފަށް މެޕްސްގައި ތަފާތު މާއްދާތަކެއް ކިޔަވައިދޭ ކަމަށް އާސިމް ވިދާޅުވި އެވެ.
"މެޕްސް އަކީ މާލޭގައި ބީޓެކް އޭ ލެވެލް ކިޔަވައިދޭ ހަމައެކަނި ސްކޫލް. އަދި އެހެން ސްކޫލުތަކާ ހިލާފަށް މި ސްކޫލުގައި ތަފާތު މާއްދާތަކެއް ކިޔަވައިދޭ. އޭގެ ތެރޭގައި ސައިކޮލޮޮޖީ، ލޯ، އެޑްވާންސްޑް އައިސީޓީގެ އިތުރުން ޖެނެރަލް ސްޓަޑީޒްއާ ގަވަރްމެންޓް އެންޑް ޕޮލިޓިކްސް ފަދަ ޝައުގުވެރިވާނެ މާއްދާތައް ހުންނާނެ. އެ މާއްދާތަކުގެ ތެރެއިން ވެސް ދަރިވަރުން ޝައުގުވެރިވާ ދާއިރާއަކާ ގުޅުން ހުރި މާއްދާއެއް އިހުތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ،" އާސިމް ވިދާޅުވި އެވެ.
މެޕްސް ހައި ސްކޫލްގައި ބީޓެކް އޭ ލެވެލް އަށް ފަސް ދާއިރާއަކުން ކިޔެވޭނެ އެވެ. އެއީ ކުޅިވަރު، އާޓްސް އެންޑް ޑިޒައިން، ޓްރެވެލް އެންޑް ޓޫރިޒަމް، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ބިޒިނަސް ދާއިރާ އެވެ.
އާސިމް ވިދާޅުވި ގޮތުގައި މެޕްސްގެ މަގުސަދަކީ ދަރިވަރުން ހަދާ އިމްތިހާނުތަކުން މަތީ ވަނަތަކެއް ހޯދުން އެކަންޏެއް ނޫނެވެ. ދިރިއުޅުމާއި ވަޒީފާ އަށް އަހުލުވެރި ދަރިވަރަކަށް ހެދުމަކީ ވެސް އެ ސްކޫލުގެ އެއް އަމާޒުކަން ފާހަގަކުރެއްވި އެވެ.
"މިކަން ކަށަވަރުކުރަން، މަސައްކަތަށް ނުކުންނައިރު ހުންނަންޖެހޭ މިންގަނޑުތަކަަށް ދަރިވަރުން ހާނުވައި އެކަމަށް ބޭނުންވާ ހުނަރުތައް ހޯދައިދޭން، އެންމެ އެކަށީގެންވާ ޕްރޮގްރާމްތައް ހިންގަން. އެކަމަށްޓަކައި މި ސްކޫލުގައި މަސައްކަތް ކުރާނީ އިލްމީ އަދި ގާބިލް ޓީޗަރުން،" އާސިމް ވިިދާޅުވި އެވެ.