ރެއާލް މެޑްރިޑް ކުއާޓާ ފައިނަލަށް
ރެއާލް މެޑްރިޑް ކުއާޓާ ފައިނަލަށް

މެޑްރިޑް (ޖެނުއަރީ 11) – ސްޕެއިނުގެ ދެ ވަނަ ޑިވިޝަނުގެ ނުމަންސިއާއާ އަމިއްލަ ދަނޑުގައި 2-2 އިން އެއްވަރުވި ނަމަވެސް ދެ ލެގުގެ އެގްރިގޭޓުން ކުރި ހޯދައި ރެއާލް މެޑްރިޑް ސްޕެނިޝް ކަޕުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ލެގު 3-0 އިން މެޑްރިޑް ކާމިޔާބުކޮށްފައިވާތީ އެ ޓީމަށް ދެ ލެގުން ކުރި ލިބުނީ 5-2 އިންނެވެ.

ރޭގެ މެޗުގެ 10 ވަނަ މިނެޓުގައި ލޫކަސް ވަސްކުއޭޒްގެ ލަނޑުން މެޑްރިޑް ކުރި ހޯދާފައިވަނިކޮށް ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ނުމަންސިއާގެ ގުއިލާމޯ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. މެޑްރިޑަށް އަލުން ލީޑު ނަގައިދިނީ 59 ވަނަ މިނެޓުގައި ވަސްކުއޭޒެވެ. އަދި ނުމަންސިއާ އަށް އަލުން އެއްވަރުކޮށްދިނީ 82 ވަނަ މިނެޓުގައި ގުއިލާމޯ އެވެ.

މި މެޗަށް ރެއާލް މެޑްރިޑުން ނެރުނީ ވަރަށް އާ ޓީމެކެވެ. އެގޮތުން އާއްމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ކުޅުނީ އިސްކޯ އާއި ކަސެމިރޯ އެވެ. އެ ދެ ކުޅުންތެރިން ވެސް އެރީ ފަހުކޮޅެވެ.

މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުގެ ދެ ވަނަ ލެގުގައި މިރޭ ސެލްޓާއާ ދެކޮޅަށް ބާސެލޯނާ ނުކުންނާނެ އެވެ. މި މެޗު އޮންނާނީ ބާސެލޯނާގެ ދަނޑުގަ އެވެ. ފުރަތަމަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.