އީގަލްސްގެ ކޯޗަކަށް މޯހަން ހަމަޖައްސައިފި
އީގަލްސްގެ ކޯޗަކަށް މޯހަން ހަމަޖައްސައިފި

އިހުސާން އަބްދުލްގަނީ (ސާންތީ) ފުރަމުން އައި ކްލަބް އީގަލްސްގެ ކޯޗުގެ މަގާމާ އޭނާގެ ކުރީގެ ކޯޗިން ޕާޓްނަރު މުހައްމަދު ޝިޔާޒް (މޯހަން) ހަވާލުވެއްޖެ އެވެ.

މިދިޔަ ސީޒަނަށް ފަހު އީގަލްސް ދޫކޮށް ސާންތީ ފެނުނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުންނެވެ. އަދި މިހާރު އޭނާ އަކީ އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރެވެ. އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) ވިދާޅުވީ މޯހަން އާއި ސާންތީ އަކީ އެއްވަރުގެ މޮޅު ދެ ކޯޗުން ކަމަށާއި ދެ ކޯޗުން ގެންއުޅޭވޭ ނަމަ ގެންއުޅޭނީ އެ ދެ ކޯޗުން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސާންތީ އާއި މޯހަން އަކީ ރާއްޖޭގައި ތިބި އެންމެ މޮޅު ތިން ކޯޗުންގެ ތެރެއިން ދެ ކޯޗުން. އެގޮތުން ސާންތީ ދިއުމުން އަޅުގަނޑުމެން ދެން އެ ފެންވަރުގެ ކޯޗަކަށް މި ގެނައީ މޯހަން. މިއީ ހަމަ އެއްވަރުގެ މޮޅު ދެ ކޯޗުން،" މުފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޯހަންއާ އެކު ވެސް އީގަލްސް ނުކުންނާނީ ތަށްޓަށް އަމާޒުކޮށްގެން ކަމަށާއި އާ ސީޒަނަށް ނެރޭނީ ވަރުގަދަ ޓީމެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ވެސް ގޯލް ބެލެހެއްޓި ސްރީ ލަންކާގެ ގައުމީ ގޯލްކީޕަރު ސުޖަން ޕެރޭރާގެ އިތުރުން ބިދޭސީ އިތުރު ތިން ކުޅުންތެރިން ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ދެ އަހަރު ކުރިން 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި އީގަލްސް އަށް މިދިޔަ އަހަރުގެ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ނުލިބުމުން އަހަރުގެ މެދުތެރެއިން ސީޒަން ނިމުނީ އެވެ.

އެއާ އެކު އެ ޓީމުގެ ބައެއް ކުޅުންތެރިން އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވަނީ އެކި ޓީމުތަކަށް ކުޅެފަ އެވެ. އޭގެ ތެރެއިން ގިނަ ކުޅުންތެރިން އެނބުރި އައިއިރު ކެޕްޓަން އަދި އިތުބާރު މިޑްފީލްޑަރު އިމްރާން ނަޝީދު (އިންމަ) ވަނީ ނިއު ރޭޑިއަންޓަށް ބަދަލުވެފަ އެވެ. މީގެ އިތުރުން ޑިފެންޑަރު މުޖްތާޒް މުހައްމަދު (މުޖޭ) ވަނީ މާޒިޔާއާ ގުޅިފަ އެވެ.

އެ ޓީމުގެ އާ ކޯޗު މޯހަން ވަނީ މިދިޔަ ސީޒަނުގެ މިނިވަން ޗެމްޕިއަންޝިޕް ދ. ކުޑަހުވަދޫ އަށް ކާމިޔާބުކޮށްދީ އެ ޓީމު ގޮވައިގެން ޕްރިމިއާ ލީގުގައި ވެސް ވާޑަކޮށްފަ އެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމް 1997 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ފުރި މޯހަންއާ އެކު އެސިސްޓަންޓެއްގެ ގޮތުގައި އީގަލްސްގެ ކުރީގެ ކޯޗު ސާންތީ ވަނީ 2003 އިން ފެށިގެން މަސައްކަތްކޮށްފަ އެވެ. އަދި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު މޯހަން އާއި ސާންތީ އަކީ ކޯޗު ޖޯސެފް ޔަންކޭޒްގެ އެހީތެރިންނެވެ.

އޭގެ ފަހުން މޯހަން ވަނީ އޭނާގެ ބައްޕަ ކުއީން އަހުމަދު ވަހީދުގެ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓާ ހަވާލުވެ އެ ޓީމަށް 2012 ވަނަ އަހަރުގެ ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދީ އަހަރުގެ މޮޅު ކޯޗުގެ މަގާމް ހޯދައިފަ އެވެ. އެ އަހަރު ނިއު ރޭޑިއަންޓް ބަލިވި ހަމައެކަނި މެޗަކީ އެފްއޭ ކަޕުން ސާންތީގެ އީގަލްސް އަތުން ކެޓި މެޗެވެ. ކޯޗިން ކިޔަވައި ވެސް ދޭ އިންސްޓްރަކްޓަރު މޯހަން ވަނީ ކްލަބް ވެލެންސިއާ އަށް ވެސް ކޯޗުކޮށްދީފަ އެވެ.