10 ޖެނުއަރީ 2018 - 16:18

އިސްލާމްއާބާދު (ޖެނުއަރީ 10) - އެވޯޑް ހޯދާފައިވާ ޕާކިސްތާނުގެ ނޫސްވެރިއަކު، ހަތިޔާރު އަޅައިގެން ތިބި ބަޔަކު ވަގަށް ނަގަން އުޅެނިކޮށް ސަލާމަތްވެއްޖެ އެވެ.
ޕާކިސްތާނުގެ ބާރުގަދަ އަސްކަރިއްޔާ އަށް ފާޑު ކިޔާ ނޫސްވެރިޔާ ތޯހާ ސިއްދީގު ބުނީ އޭނާ އެއާޕޯޓަށް ދިޔަ މަގުމަތީގައި 10-12 ވަރަކަށް މީހުން އޭނާގެ ވެހިކަލް ހުއްޓުވާ އޭނާ އަށް އަނިޔާކޮށް، މަރާލާނެ ކަމުގެ އިންޒާރުދީ އަދި ވަގަށް ނަގަން މަސައްކަތް ކުރި ކަމަށެވެ. އޭނާ ބުނީ ހަތިޔާރު އެޅި މީހުންގެ އަތް ދަށުން ސަލާމަތްވީ ދުއްވާފައި ދިޔަ ވެހިކަލުން ފުންމާލުމުން ކަމަށެވެ. އެ ހާދިސާގައި ތަންތަން މަށައިގެން ދިއުން ފިޔަވައި ބޮޑު އަނިޔާއެއް ނުލިބޭ ކަމަށް ސިއްދީގު ބުންޏެވެ.
ސިއްދީގު ބުނީ އޭނާ މިހާރު ހުރީ ފުލުހުންގެ ހިމާޔަތުގައި ކަމަށެވެ.
ސިއްދީގަށް 2014 ވަނަ އަހަރު ވަނީ ފްރާންސްގައި ދޭ ނޫސްވެރިކަމުގެ އެންމެ މަތީ އެވޯޑް ކަމަށްވާ އަލްބާޓް ލޮންޑްރެސް ލިބިފަ އެވެ. ސިއްދީގު ވަގަށް ނަގަން އުޅުނު ހާދިސާ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކާއި ނޫސްވެރިންގެ ޖަމިއްޔާތަކުން ދަނީ ކުށްވެރި ކުރަމުންނެވެ. ރާވަލްޕިންޑީ އިސްލާމްއާބާދު ޔޫނިއަން އޮފް ޖާނަލިސްޓްސް އިން ވަނީ ނޫސްވެރިންނަށް ކުރިމަތިވާ ބިރުތަކުގެ މައްސަލަ ދާޚިލީ ވަޒީރު އަހުސަން އިގްބާލަށް ހުށަހަޅައިފަ އެވެ.