ޖޭމްސް ފްރާންކޯ އަށް ވެސް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށްފި
ޖޭމްސް ފްރާންކޯ އަށް ވެސް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށްފި

ހަތް ދިހަ ފަސް ވަނަ ގޯލްޑެން ގްލޯބް އެވޯޑްސް ހަފުލާ ނިންމައިލީ، ހޮލީވުޑްގައި އޮތް ޖިންސީ ފުރައްސާރައާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އެ ހަފުލާ ކުރިއަށް ދަނިކޮށް، މަޝްހޫރު އެކްޓަރެއްގެ މައްޗަށް އަނެއްކާ ވެސް ޖިންސީ ގޯނާގެ ތުހުމަތު ވަނީ ކޮށްފަ އެވެ. އެއީ ފިލްމް "ޑިޒާސްޓާ އާޓިސްޓް" އިން މިއުޒިކަލް/ކޮމެޑީ ކެޓަގަރީން އެންމެ މޮޅު ބަތަލުގެ އެވޯޑް ހޯދި ޖޭމްސް ފްރާންކޯ އެވެ.

ޖޭމްސް ފްރާންކޯ އަށް ވެސް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށްފި
ޖޭމްސް ފްރާންކޯ އަށް ވެސް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށްފި

ދެ އަންހެނަކު ވަނީ ޓްވިޓާގައި، ފްރާންކޯގެ ފަރާތުން އެ މީހުންނަށް ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހުނު ކަމަށް ބުނެފަ އެވެ. އޭގެ ތެރެއިން އެކަކު ބުނާ ގޮތުގައި 39 އަހަރުގެ އެކްޓަރުގެ ޖިންސީ ގޯނާއާ ކުރިމަތިވީ އުމުރުން 17 އަހަރުގަ އެވެ.

ފްރާންކޯއާ ބެހޭ ގޮތުން ދެކެވެން ފެށި ވާހަކަތަކާ ގުޅިގެން ނިއު ޔޯކް ޓައިމްސް އިން ވަނީ އެ ނޫހުން ބާއްވާ "ޓައިމްޓޯކް" ބަހުސް އިން ވެސް އޭނާ އަށް ފުރުސަތު ނުދޭން ނިންމައިފަ އެވެ.

ފްރާންކޯއާ ދެކޮޅަށް ދެން ވާހަކަ ދެއްކި މީހުންގެ ތެރެއިން އެކަކީ "ދަ ބްރެކްފާސްޓް ކުލަބް" ފަދަ ފިލްމްތައް ކުޅެފައިވާ އޭނާ އަށް ވުރެ އުމުރުން ވަރަށް ދޮށި 55 އަހަރުގެ ކުރީގެ ބަތަލާ އެލީ ޝީޑީ އެވެ. އޭނާ ތުހުމަތު ކުރި ގޮތުގައި އެކްޓިން ކެރިއަރު ދޫކޮށްލި ސަބަބުތަކުގެ ތެރޭގައި ވެސް މިފަދަ މައްސަލަތައް ހިމެނެ އެވެ.

ޝީޑީ ވަނީ ފްރާންކޯ 2014 ގައި ޑައިރެކްޓް ކުރި އޮފް-ބްރޯޑްވޭ "ދަ ލޯންގް ޝްރިފްޓް" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

ޖިންސީ ފުރައްސާރައާ ދެކޮޅަށް އަޑު އުފުލަން ހާއްސަކޮށްފައިވާ މީޓޫ ހޭޝްޓެގާ އެކު ޝީޑީ ބުނީ އޭނާ މުނިފޫހި ފިލުވުމުގެ ދާއިރާ ދޫކޮށްލި ސަބަބު ނާހަން ވެސް އެދޭ ކަމަށެވެ.

ގޯލްޑެން ގްލޯބް އެވޯޑާ އެކު ލިބުނު އުފަލުގެ ތެރެއިން ފްރާންކޯ އަށް އަށް މިހާރު ޖެހިފައި ވަނީ ދިފާއުގައި ވާހަކަ ދައްކާށެވެ. އޭނާ އަށް އަމާޒުވި ތުހުމަތުތަކާ އެކު އޭނާ ދަ ލޭޓް ޝޯގައި ފްރާކްކޯ ބުނީ ޓްވިޓާގައި މީހުން ކިޔާހާ އެއްޗެހި އޭނާ ނުބަލާ ކަމަށެވެ.

"އެކަމަކު އަހަންނަކީ ފުރައްސާރަތަކާ ވަރަށް ދެކޮޅު މީހެއް،" އޭނާ ބުންޏެވެ. "އަދި އަހަންނާ ބެހޭ ގޮތުން އެފަދަ ވާހަކަތަކެއް ދައްކާފައިވާ ނަމަ އެއީ ރަނގަޅު ވާހަކަތަކެއް ނޫން. އަހަންނަކީ އަބަދު ވެސް ފުރައްސާރަތަކާ ދެކޮޅަށް އަޑު އަޑު އަފުލާ މީހުންނާ އެކު ހުރި މީހެއް."

ފްރާންކޯ ބުނީ ޝީޑީ، އޭނާއާ ބެހޭ ގޮތުން އެފަދަ ވާހަކައެއް ދައްކަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.

"އޭނައަކީ އަބަދު ވެސް އަހަރެން ވަރަށް އިހުތިރާމް ކުރާ މީހެއް،" މިލްކް އާއި ވާއި ހިމް ފަދަ ފިލްމްތައް ކުޅެފައިވާ އެކްޓަރު ބުންޏެވެ.