ގެއްލުނު މަސްބޯޓެއް އަދިވެސް ނުފެނޭ: އެމްއެންޑީއެފް
ގެއްލުނު މަސްބޯޓެއް އަދިވެސް ނުފެނޭ: އެމްއެންޑީއެފް

ތޫފާން "އޮކްޝީ" ގައި ގެއްލުނު މަސްވެރިން ހޯދަން ރާއްޖެ ކައިރީގައި ހަރަކާތްތެރިވާ އިންޑިއާގެ ބޯޓްތަކަށް މަސްވެރިންގެ އެއްވެސް ބަޔަކު މިހާތަނަށް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އިންޑިއާ އާއި ލަންކާގެ 67 މަސްބޯޓެއް، މި ސަރަހައްދަށް އައި ބާރުގަދަ ތޫފާންގައި ގެއްލުނެވެ. އެ އުޅަނދުތަކާއި މީހުން ހޯދުމަށް، އިންޑިއާގެ އެއާފޯސްގެ މަތިންދާބޯޓަކާއި ކަނޑުގެ އުޅަނދެއް، ރާއްޖޭގެ އުތުރުގައި ހަރަކާތްތެރިވަމުން އަންނައިރު އިންޑިއާގެ ޓެމިލްނާޑޫގެ މަސްވެރިންގެ ޖަމާއަތަކުން، 36 މީހުންނާ އެކު އަށް ބޯޓެއްގައި ހަމަ އެސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ މަސްވެރިން ހޯދުމުގެ އޮޕަރޭޝަންގައި އެމްއެންޑީއެފްގެ ކޯސްޓްގާޑް ހުރަވީ ވެސް ބައިވެރިވާ ކަމަށާއި މިހާތަނަށް އެއްވެސް މަސް ބޯޓެއް ނުފެންނަ ކަމަށެވެ.

"އިންޑިއާއިން އަޅުގަނޑުމެންނަށް ވަނީ ބޯޓްތަކުގެ މައުލޫމާތާ މީހުންގެ މައުލޫމާތު ހިއްސާކޮށްފަ. އޭގެން ބޯޓެއް އަދި ނުފެނޭ. އިންޑިއާގެ އުޅަނދަކަށް ވެސް އޭގެން ބޯޓެއް ފެނުނުކަން އަންގާފައެއް ވެސް ނުވޭ،" އާޒިމް ވިދާޅުވި އެވެ.